ޚަބަރު

މިހާދިސާތަކާއި ނަމްބަރުތައް ހަނދާން އެބަހުރިތަ؟


މި ފެށުނީ އަނެއްކާވެސް އެ ދުވަސްވަރެވެ. ދައްކަން މި އޮތީވެސް އަނެއްކާވެސް އެއް ވާހަކަތަކެވެ. ކޮންމެ އަހަރަކު މި ވާހަކަ ދެއްކިނަމަވެސް މިކަން ހަނދާން ހުންނަނީ މަދު ބަޔެކޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ.

ކުޑަދުވަސްކޮޅެއް ކުރިޔަށް ޖެހިލަމާ ހެއްޔެވެ. އެއީ 2019 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 29 ވަނަދުވަހެވެ. ކަނޑުމަތީ ހަދިސާއެއްގައި 5 ފުރާނައެއް ގެއްލިގެން ދިޔައެވެ. އޭގެ ތެރެއިން 4 ފުރާނައަކީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުންނެވެ. އޭގެތެރޭގައި 3 އަހަރުގެ މައުސޫމް ތުއްތު ކުއްޖެއްވެސް ހިމެނެއެވެ.

އޭގެ 5 މަސްފަހެވެ. ކަނޑުމަތީގެ ހާދިސާއެއްގައި އަނެއްކާވެސް މީހެއް ގެއްލުނެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން، ކަނޑުމަތީ ހާދިސާއެއްގައި އަނެއްކާވެސް 2 ފުރާނައެއް ގެއްލިގެންދިޔައެވެ. މަންމައަކާއި ތުއްތު ކުއްޖެކެވެ. މީގެ ދެ މަހެއްހާ ދުވަސްކުރިޔަށް ޖެހިލާއިރުވެސް ކަނޑުމަތީ ހަދީސާއެއްގައި މީހެއް ގެއްލުނެވެ. މި މީހާ މިއަދާއި ހަމައަށްވެސް އަދިވެސް ފެނިފައެއްނުވެއެވެ.

މި ބުނި ހުރިހާ ހާދިސާއެއް ހިނގި ދުވަސްވަރުވެސް މީސް މީޑިއާގެ ޕްލެޓްފޯމްތައް އެއްކޮށް ދިވެހިން ފުރާލީ މި ހިތާމަތަކުގައި ބައިވެރިވުމުގައެވެ. ކަމުގައި ގޯސް ހެދި މީހުންނަށް އެއްޗެތި ކިޔުމާއި ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ވާހަކަ ދެއްކުމުގައި އެތައް ދުވަހެއް ހޭދަކުރި މީހުން ތިއްބެވެ.

އެހެންނަމަވެސް މި ދެންނެވި ހާދިސާތައް ދިމާވި އާއިލާތަކުގެ މެމްބަރުން ފިޔަވާ މިއަދު މި ހާދިސާތައް ހަނދާން ހުރި ބަޔަކު ނެތޭ ބުނުން ޔަޤީނުންވެސް ގޯހަކަށް ނުވާނެއެވެ. މިފަދަ ހާދިސާތަކުގައި މައުސޫމް ފުރާނަތައް ގެއްލުމުގެ އިތުރުން މާލީ ގޮތުން އެކި މީސްމީހުންނަށް ލިބުނު ގެއްލުންވެސް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ.

މި ނަމްބަރުތައް ހަނދާން އެބަހުރި ބާ؟

ފުލުހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރުގެ ޖަނަވަރީމަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 23 އަށް، މުޅި ރާއްޖޭގައި ހިނގާފައިވާ ކަނޑުމަތީގެ ހާދިސާތަކަށް ބަލާއިރު 2028 ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން ކަނޑުމަތީގެ ޙާދިސާތައް ހިނގައިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ 2020 ވަނަ އަހަރެވެ. އެ އަހަރު އެކަނިވެސް 724 ޙާދިސާއެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. 2021 ވަނަ އަހަރު 689 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ކަނޑުމަތީގެ ޙާދިސާތަކާއި ގުޅުންހުރި ތަފާތު 615 ޙާދިސާއެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 3 އަހަރު ހިނގާފައިވާ ކަނޑުމަތީގެ ޙާދިސާތަކުގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ޖުމްލަ 85 މީހަކު ނިޔާވެފައިވެއެވެ. މީގެ ތެރޭގައި ކަނޑުމަތީގައި ހިނގާފައިވާ ޙާދިސާތަކުގައި ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުންވެސް ހިމެނެއެވެ.

މި ޙާދިސާތައް ތަޙުޤީޤުކުރުމުގެ ތެރެއިން ފުލުހުންނަށްވެސް ފާހަގަވެގެންދިޔަ އެއް ކަމަކީ މީގެ ތެރެއިން ގިނަ ޙާދިސާތައް ހިނގާފައިވަނީ ބަލަންވާވަރަށް ނުބަލައި ނުވަތަ ނޭނގިނަމަވެސް ފަރުވާ ކުޑަކޮށް ލެވުމުގެ ސަބަބުން ކަމަށެވެ. ކަނޑުގަދަވެ ވިއްސާރަވުމާއި ގުޅިގެން ކަނޑުދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފައިވަނިކޮށް، ފުރި ދަތުރުތަކުގައި ހިނގާފައިވާ ހާދިސާތައްވެސް މަދުނޫންކަން ފުލުހުން ފާހަގަކުރައްވައެވެ.

ހަނދާންކޮށް ދޭނަން، އަމިއްލަ ޒިންމާ އަދާކުރުމަށް ސަމާލުވޭ!

މި ފެށުނީ މިއަހަރުގެ އަނެއްކާވެސް ޗުއްޓީ ދުވަސްވަރެކެވެ. މިއީ އެތައް ބަޔަކު ދަތުރު ފަތުރުކުރާ ދުވަސްވަރެކެވެ. އަމިއްލަ ރަށަށެވެ. ނޫނީ ކޮންމެވެސް ރަހުމަތްތެރިއެއްގެ ރަށަށް ދާން ފުރަނީ މި ޗުއްޓީގައި ދަރިން ގޮވައިގެން އާއިލާއާއެކު މަޖާކޮށްލާ ހިތްހަމަ ޖައްސާލުމަށެވެ.

ހިތާމަވެރި ހާދިސާތައް ހިނގުމުން ގިނަ ފަހަރަށް ކުށްވެރިވަނީ އުޅަނދު ދުއްވާ ފަރާތްތަކެވެ. އެހެންނަމަވެސް ދަތުރަށް ފުރާ މީހުންނަށްވެސް ބެލޭނެ ކަންކަމާއި އެޅޭނެ ފިޔަވަޅުތައް ހުންނާނެކަން ޔަޤީންނެވެ.

ރާއްޖޭގެ މޫސުމަކީ ކުރިން އަހަރުމެންގެ ކާބަފައިން ތަރިތައް ބަލާ ލަފާކުރި ގޮތަށް އޮތް ކަމެއް ނޫންކަން އެންމެނަށްވެސް މިއަދު އެގެއެވެ. އޭރު ވިއްސާރަކުރާނެކަމަށް ބުނި ދުވަސްވަރު މިއަދު ވިއްސާރަނުކުރާ ފަހަރު އާދެއެވެ. އޭރު ބުނި ނަކަތާއި ޖެހިގެން އޮތް ނަކަތުގައިވެސް ކަނޑުތައް ގަދަ އެތައް ފަހަރެއް އެބައާދެއެވެ. އަދި އިންސާނުންގެ އަމަލުތަކުން މޫސުމަށް ނޭދެވޭ އެތައް ބަދަލުތަކެއް އަންނަކަން ކޮންމެ ދުވަހަކުވެސް، ކޮންމެވެސް ސުރުޚީއެއްގައި އެ ލިޔެ ނެރެނީއެވެ. އެހެންކަމުން ފުރަންދާ މީހުންވެސް މިހިރަ މީހަރަ ކަންކަމަށް ވިސްނާލަމާ ހެއްޔެވެ.

ފުރަން ހަމަޖެހިފައިވާ ދުވަހަކީ މޫސުން ގޯސް ދުވަހެއްނަމަ ދަތުރަށް ނާރަން ނިންމަމާ ހެއްޔެވެ. އެ އުޅަނދެއް ވަކި ގޮތެއް ނިންމި ނަމަވެސް ދަތުރުވެރިން ނުފުރަން ތިބި ނަމަ އުޅަނދެއްވެސް ގޮތް ބަދަލުކުރަން ޖެހޭނެއެވެ. ދަތުރަށް ފުރާ މީހުންގެ އަދަދާއި އެކަށޭނެ އުޅަނދެންތޯ ނުބަލަންވީ ސަބަބެއްވެސް ހަމަ ނެތެވެ. 100 މީހުން ނޭރުވޭ އެއްޗަކަށް 150 މީހުން އަރުވާކަން އެގޭއިރުވެސް އެއްޗެއް ނުބުނެ ހުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ.

ލައިފްޖެކެޓް، އަލިފާން ނިއްވި، ފަސްޓްއެއިޑް ބޮކްސް މީ ކޮންމެހެން އުޅަނދުގައި ހުންނަން ޖެހޭނެ ތަކެއްޗެވެ. މި ތަކެތި ހަމައަށް ހުރިތޯ ޔަޤީންކޮށް ސުވާލުކުރަންވީއެވެ. ދަތުރަށް ފުރާއިރު ލައިފް ޖެކެޓް ރީތި ކޮތަޅަކަށްލާފައި ސީޓު ދަށުގައި އޮތުމަކުން ކަމަކު ނުދާނެއެވެ. މި އަރަނީ ކަނޑު މައްޗަށެވެ. އެ މާސިންގާ ކަނޑުގެ ބާނިތައް ބަދަލުވާނީ ކޮން އިރަކުން ކަމެއް ހަމަ އެކަކަށްވެސް ނޭނގެއެވެ. އެހެންކަމުން ދަތުރަށް އަރާ ގޮތަށް ލައިފްޖެކްޓް އަޅަން ނުޖެހޭ ސަބަބެއް އޮތްކަމަށް ހަމަ ވިސްނާކަށް ނުވޭ ހެއްޔެވެ.

ކެޕްޓަން މިކަންކަން ހުރީ ފުރިހަމަކޮށްތަ؟

ކަނޑު އުޅަނދު ދަތުރަށް ފުރުމުގެ ކުރިން، އުޅަނދުން ދަތުރުކުރާ މީހުންނާއި އެ އުޅަނދެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުގައި ޚާއްސަ ކަންތައްތަކެއް ފުރިހަމަވެފައި ހުންނަންވާނެކަމަށް ''ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު'' ގައި ބަޔާންކޮށްފައިވެއެވެ.

އެ އުޅަނދަކީ އެ ކުރަން ބޭނުންވާ ދަތުރަށް އެންމެ އެކަށޭނަ އުޅަނދުތޯ ޔަޤީންކުރުމަކީ މުހިއްމުކަމެކެވެ. އުޅަނދުގައި ސަލާމަތީގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައިހުރިތޯ ބަލައި ޔަޤީންކުރުމަކީ އެ އުޅަނދު ދުއްވާ މީހާ ބަލަންވާނެކަމެކެވެ.

އެގޮތުން، ލައިފްޖެކެޓް، އަލިފާންނިވި، ފަސްޓްއެއިޑް ބޮކްސް، ދިޔަހިއްކުމަށް ބޭނުންކުރާ އާލާތްތައް، ނެވިގޭޝަން އާލާތްތައް އަދި މުވާސަލާތީ ވަސީލަތްތައް ހަމައަށް ހުރިތޯއާއި، އެ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ބަލަންވާނެއެވެ. އަދި އުޅަނދުގެ އިންޖީނު ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުމާއި، އެއްވެސް މައްސަލައެއް އުޅޭނަމަ އެ މައްސަލައެއް ހައްލުކޮށްގެން ނޫނީ ދަތުރު ފަށައިގެންނުވާނެއެވެ. ހަމަ އެހެންމެ ދަތުރަށް ބޭނުންވާ ވަރަށް ތެލާއި ކާބޯތަކެއްޗާއި ބޯފެން ހުރިތޯ ބަލައި އެ ތަކެތި ހަމަކޮށްގެން ނޫނީ ދަތުރަށް ފުރައިގެންނުވާނެއެވެ.

އުޅަނދުން ދަތުރުކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، އުޅަނދުގެ ވެރިފަރާތާއި ކެޕްޓަންގެ ޒިންމާވެސް ބޮޑެވެ. ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އުޅަނދުތައް ބަަލައިފާސްކުރުމަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި، ގަވާއިދާ ޚިލާފަށް އުޅަނދު ދުއްވާކަން ފާހަގަކުރެވެއެވެ.

ސަލާމަތީގޮތުން އުޅަނދުގައި ހުރުން ލާޒިމުކުރާ އާލާތްތައް ފުރިހަމަވެފައި ނުހުންނަކަން ފާހަގަކުރެވެއެވެ. ލައިސަންސްނެތި އުޅަނދު ދުއްވުމާއި ރަޖިސްޓްރީނުކޮށް އަދި ސަލާމަތީ ސެޓްފިކެޓް ނުހައްދައި އުޅަނދު ދުއްވާކަންވެސް ފާހަގަކުރެވެއެވެ. އަލިފާންނިވާ ފުޅި މުއްދަތު ހަމަވެފައިހުރުމާއި، އެފަދަ ތަކެތި ހުންނަށް ކަނޑައަޅާފައިވާ ގޮތަށް ނުހުރުން އަދި ލައިފްޖެކެޓުތައް އަތުނުޖެހޭ ގޮތަށް ފޮރުވާފައި ހުންނަކަންވެސް ފާހަގަކުރެވެއެވެ. ހަމައެހެންމެ ނެވިގޭޝަނަށް ހުރަސްއެޅޭގޮތަށް ތަފާތު ވައްތަރުގެ ލައިޓު އަޅުވާފައިހުރެއެވެ.

ފަޅުވެރިކަމުގެ ހުއްދަ ނެތް މީހުން ފަޅުވެރިންގެ ގޮތުގައި އުޅަނދުގައި ބޭނުންކުރުމާއި ބިދޭސީން ލައްވައި ކަނޑު އުޅަނދުފަހަރު ދުއްވާކަންވެސް ފާހަގަކުރެވެއެވެ. އަދި އުޅަނދުގައި ހުންނަ ސަލާމަތީ އާލާތްތައް ބޭނުންކުރާނެގޮތް ކެޕްޓަނުންނާއި ފަޅުވެރިންނަށް ނޭނގޭކަންވެސް އެއީ ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ފާހަގަކުރެވޭކަމެކެވެ.

މުދާ ބަރުކުރުމަށް ހުއްދަދީފައިވާ ވަރަށްވުރެ އިތުރަށް މުދާބަރުކުރުމާއި މީހުން އުފުލަން ހުއްދަދީފައިވާ ވަރަށްވުރެ އިތުރަށް މީހުން އުފުލާކަންވެސް ފާހަގަކުރެވެއެވެ. މިފަދަ ކަންކަން ރަނގަޅުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ.

ކުއްލި ޙާލަތެއްގައި ގުޅާނެ ނަންބަރުތައް ފޯނަށް ސޭވްކޮށްލަމާ!

ދަތުރަކަށްފުރުމުގެ ކުރިން އެންމެ މުހިއްމު އެއްކަމަކީ އަބަދުވެސް މޫސުމަށް ސަމާލުވެ ރައްކާތެރިވުމެވެ. މޫސުމާ ބެެހޭ ޤައުމީ އިދާރާއިން ނެރޭ އެލަރޓްތަކަށް ޚާއްސަ ސަމާލުކަންދީ އެއާ އެއްގޮތަށް އަމަލުކުރުމަކީ ޙާދިސާތައް ހިންގުން މަދުކުރުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅުކަން ޔަޤީނެވެ.

އެގޮތުން ރީނދޫ، އޮރެންޖު އަދި ރަތް އެލަރޓް ނެރެފައިވާނަމަ އެ ސަރަޙައްދަކަށް ދަތުރަށް ނުފުރުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ. މި ކުލަތަކުގެ ސަމާލުތައް ނެރެފައިވާނަމަ، 9 މީޓަރަށްވުރެ ކުދި އުޅަނދުގައި މީހުން އުފުލުމާއި އެފަދަ އުޅަނދު ދުއްވުމަކީ މަނާކަމެކެވެ. ނަމަވެސް މިއީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް މީހުންނަށް ވިސްނާލެވޭކަމެއްތޯއެވެ.

ކުރިއާ ޚިލާފަށް މޫސުން ބަލާލެވޭނެ ވަރަށް ފަސޭހަގޮތްތައް މިހާރު ވަނީ ފަހިވެފައެވެ. މިޒަމާނީ ޑިޖިޓަލް ޒަމާނެއްކަމުން، އަޅުގަނޑުމެން ގެންގުޅޭ ސްމާޓް ފޯނުތަކުން މޫސުން ބަލާލެވޭނެއެވެ. ނޫންނަމަ މޫސުމާބެހޭ ޤައުމީ އިދާރާގެ ވެބްސައިޓް، ޓުވިޓަރ ނޫނީ އެބޭފުންގެ ވައިބަރ ކޮމިއުނިޓީ ގްރޫޕް އެއޮތީއެވެ. އެ ގެންދަވަނީ މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތުތައް ޤަވާއިދުން ހާމަކުރައްވަމުންނެވެ. ކޮންމެ ވަގުތަކު، ކޮންމެ ތާކު ހުރެފައިވެސް މި މަޢުލޫމާތުތަކަކީ ކޮންމެ މީހަކަށްވެސް ފަސޭހައިން ބަލާލެވޭނެ މަޢުލޫމާތުތަކެކެވެ.

ދަތުރަށް ފުރުމުގެ ކުރިން އުޅަނދުގެ ކެޕްޓަން އަދި އުޅަނދުން ދަތުރުކުރާ މީހުންވެސް، ދަތުރުކުރާ ސަރަހައްދުގެ މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތާއި މޫސުން ކުރިއަށް ލަފާކުރާގޮތް ބަލަންވާނެއެވެ. އަދި ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފަޅުވެރިންނަށާއި އުޅަނދުން ދަތުރުކުރާ މީހުންނަށް އުޅަނދުގެ ކެޕްޓަން މައުލޫމާތު ދޭންވާނެއެވެ. ދަތުރަށް ފުރުމުގެ ކުރިން އުޅަނދުން ދަތުރުކުރާ އެންމެންވެސް ލައިފްޖެކެޓު އަޅަންވާނެއެވެ.

އުޅަނދު އޮޕަރޭޓުކުރާ މީހުންނަށް ނުވަތަ އުޅަނދުގެ ވެރިފަރާތަށް ދަތުރާގުޅޭ މަޢުލޫމާތު ދޭންވާނެއެވެ. ދަތުރުގެ މެނިފެސްޓު ނުވަތަ ލިސްޓު ތައްޔާރުކޮށް، އުޅަނދު އޮޕަރޭޓުކުރާ ފަރާތަށް ނުވަތަ އުޅަނދުގެ ވެރިފަރާތަށް ހިއްސާކުރަންވާނެއެވެ. މީހުން އުފުލުމަށް އަދި މުދާ ބަރުކުރުމަށް އެ އުޅަނދަކަށް ހުއްދަދީފައިވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުކުރުމާ އަދި މީހުން އުފުލުމަކީ މަނާކަމެއްކަމާއި އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސްކުރަމެވެ.

ކަނޑުމަތީގެ ޙާދިސާއެއް ހިނގައިފިނަމަ ނުވަތަ އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑް ނަންބަރު 191 އަށް ނުވަތަ ފުލުހުންގެ އެމަރޖެންސީ ނަންބަރު 119 އަށް ގުޅޭނެއެވެ. ނުވަތަ މެރިން ޕޮލިހުގެ ނަންބަރ 9998014 އަށް ގުޅުއްވާށެވެ.

ކަނޑުމަތީގައި ހިނގާ ނުރައްކާތެރި އަދި ހިތާމަވެރި ޙާދިސާތައް މަދުކުރެވޭނީ، ހެދިފައިވާ ޤަވާއިދުތަކާއި، އުޞޫލުތަކަށް ފުރިހަމައަށް ތަބާވެ، މިކަމުގައި އަޅުގަނޑުމެން އެންމެ ފަރުދީ ޒިންމާ އަދާކޮށްގެންނެވެ.