ޚަބަރު

މ.ކޮޅުފުށީ ސިއްޙީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި


މ. ކޮޅުފުށީ ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމަށް އަޅާ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިމަސައްކަތް ހަވާލުކޮށްފައިވަނީ ހެއިޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 4.8 މިލިއަން ރުފިޔާއަށް، 5 މަސްދުވަހުން ނިންމާގޮތަށެވެ.

އާބާދީގެ ކުޑަބޮޑު މިނެއް ބެލުމެއް ނެތި، ރަށްރަށުގައިވެސް މުހިންމު މަޝްރޫޢުތައް ސަރުކާރުން އަންނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ރަށްރަށުގެ ޒަމާންވީ ސިއްޙީ މަރުކަޒުތައް މަރާމާތުކުރުމާއި، މަރުކަޒުތަކަށް ޖާގަ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މި ހިނގާ 2022 ވަނަ އަހަރު، 60 ރަށެއްގެ ސިއްޙީ މަރުކަޒު ޒަމާނީ ފެންވަރަށް ގެނައުމަށް އެކި މަޝްރޫޢުތައް ހިންގާފައިވެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައިވެސް ގިނަ މަސައްކަތްތަކެއް ވަނީ ހިމަނާފައެވެ. އަންނަ އަހަރު 132 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް ހިމަނާ، އެކަމަށް 551 މިލިއަން ރުފިޔާގެ ބަޖެޓެއްވެސް ވަނީ ކަނޑައަޅާފައެވެ.