ޚަބަރު

ހޯރަފުށީގައި އިންޓަރނޭޝަނަލް ސުކޫލެއް ހިންގާނެ ބަޔަކު ހޯދަނީ


ހއ. ހޯރަފުށީގައި އިންޓަރނޭޝަނަލް ސުކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ.

ހޯރަފުށީ ކައުންސިލުން ވިދާޅުވީ، މި ސްކޫލް ތަރައްޤީކުރާނީ ކައުންސިލްގެ ސްކޫލް އިމާރާތުގައިކަމަށެވެ.

އިންޓަރނޭޝަނަލް ސުކޫލެއް ތަރައްޤީކުރުމުގެ މަގްސަދަކީ ޕްރީ ސުކޫލް މަރުހަލާއިން ފެށިގެން ކީ ސްޓޭޖް ފަހަކާއި ދެމެދު ފެންވަރު ރަނގަޅު ޒަމާނީ ތައުލީމު ހޯރަފުށީގައި ހުރެގެން ލިބުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުންކަމަށް ހޯރަފުށީގެ ކައުންސިލުން ފާހަގަކުރެވެ.

މި ޕްރޮޖެކްޓުގެ ދަށުން ސްކޫލް ހިންގުމަށް ވަށާ ފާރު ރާނާ، ގޭޓް ހަރުކޮށްފައިވާ 11406 އަކަފޫޓޫގެ ބިމެއްގައި ހުރި އިމާރާތެއް ހަވާލުކުރާނެއެވެ. މިތަނުގައި ޕްލޭ ގްރައުންޑް އަދި ގުދަނަކާއި ޕަބްލިކް ފާހާނާއަކާއި އަދި ދަރިވަރުންގެ ހާއްސަ ފާހާނާއެއް ހުންނާނެއެވެ. މީގެއިތުރުން ދަރިވަރުން ކިޔެވުމަށް ބޭނުން ކުރާނެ ގޮނޑި މޭޒް ކައުންސިލުން ފޯރުކޮށްދޭނެއެވެ.

ހޯރަފުށީ ކައުންސިލުން ބުނީ މި ސްކޫލް ހިންގަން ހަވާލުކުރާނީ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށްކަމަށެވެ. އަދި ސްކޫލް ހަވާލުކުރާ ފަރާތުން 2023 އިން 2024ގެ ދިރާސީ އައު އަހަރާއެކު ސުކޫލްގައި ކިޔަވައި ދޭން ފަށަންޖެހޭނެކަމަށްވެސް ކައުންސިލުން ބުނެއެވެ.

އިންޓަރނޭޝަނަލް ސުކޫލް ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ބީލަންތައް ހުޅުވުން އޮންނާނީ އަންނަމަހުގެ 10 ވަނަ ދުވަހު ހޯރަފުށީ ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައެވެ.