ވިޔަފާރި

ބަނޑޮސް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދިން މުވައްޒަފުންގެ އަގުވަޒަންކޮށްފި


ބަނޑޮސް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ޙާއްސަ ހަފްލާއެއް ބާއްވައިފިއެވެ. މި މުވައްޒަފުންގެ އަގުވަޒަންކޮށްފައިވަނީ އެ ރިސޯޓަށް 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޙާއްސަ ހަފްލާއެއްގައެވެ.

މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ބަނޑޮސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަހީދުއްދީންއެވެ. މި ރަސްމިއްޔާތުގައި އެ ރިސޯޓަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ވަނީ ގޯލްޑް އެވޯޑް ދީފައެވެ. އަދި 20 އަަހަރާއި 29 އަހަރާއި ދެމެދުގެ މުއްދަތަކަށް ޙިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ސިލްވަރ އެވޯޑް ދީފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބަނޑޮސް މޯލްޑިވްސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އަރުސަލް ނޫރީ ވިދާޅުވީ، އެ ރިސޯޓުން ފަތުރުވެރިންނަށް ދެމުންދާ ޚިދުމަތްތައް ރަނގަޅު ކުރުމަށް އަދިވެސް ކުރަންޖެހޭ މަސައްކަތްތައް އެބަހުރިކަމަށެވެ. އެގޮތުން ފެންވަރު ރަނގަޅުކޮށް، ފަތުރުވެރިންގެ އިތުބާރު ދެމެހެއްޓުމާއި އަދި ބަނޑޮހުގެ އުޞޫލުތަކުގައި ހިފަހައްޓައިގެން ކުރިއަށްދިއުން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ބަނޑޮހާއިމެދު ފަތުރުވެރިން ޝައުގުވެރިކުރުވާ އެންމެ މުހިންމު އެއް ސިފައަކީ އެބޭފުޅުންނަށް ލިބިގެންދާ މެހެމާންދާރީ. މިރޭގެ ހަފްލާގެ ބޭނުމަކީ ބަނޑޮހުގައި ފަތުރުވެރިންނަށް މެހެމާންދާރީ އަދާކުރުމަށް ގިނަ ދުވަހު ޙިދުމަތް އަދާކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުން. މިރޭ އެވޯޑްތައް މި އަރުވަނީ 2019 ވަނަ އަހަރުގެ ނިޔަލަށް މެދުނުކެނޑި 20 އަހަރަށްވުރެ ގިނަ ދުވަހު ވަޒީފާގައި ތިބި މުވައްޒަފުންނަށް. އަދި ކޯވިޑް19 އާއި ގުޅިގެން ތަފާތު ސަބަބުތަކާއި ގުޅިގެން ވަޒީފާއިން ވަކިވި އަދި ރިޓަޔަރ ކުރި ފަރާތްތަކަށް" އަރުސަލް ވިދާޅުވިއެވެ.

ބަނޑޮހަކީ ރާއްޖޭގައި ހުޅުވި 2 ވަނަ ރިސޯޓެވެ. ބަނޑޮސް އައިލެންޑް ރިސޯޓް ހުޅުވާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ފެށުނު އަހަރުކަމަށްވާ 1972 ވަނަ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ. މިއީ މާލެއިން ފުރައިގެން 15 މިނެޓުން ދެވޭ ދުރުމިނެއްގައި އޮންނަ ރިސޯޓެކެވެ.