ޚަބަރު

ރާޔާ މޯލްޑިވްސް ރިސޯޓަށް މުވައްޒަފުން ހޯދުމަށް ޚާއްސަ ހަރަކާތެއް


ރ. އަތޮޅުގައި އަލަށް ހުޅުވާ އަމާރީ ރާޔާ މޯލްޑިވްސް ރިސޯޓަށް މުވައްޒަފުން ހޯދުމަށް ޚާއްސަ ހަރަކާތެއް ފަށައިފިއެވެ.

އަންނަ އޭޕްރީލްމަހު ހުޅުވުމަށް ތައްޔާރުވަމުންދާ މި ރިސޯޓަކީ ތައިލެންޑްގެ އޮނިކްސް ހޮސްޕިޓަލިޓީ ގުރޫޕުގެ ރިސޯޓެކެވެ. މި ރިސޯޓަށް މުވައްޒަފުން ހޮވުމަށް ރ. އަތޮޅުގެ އެކި ރަށްރަށުގައި މިހާރު ދަނީ ވޯކް–އިންޓަރވިއުތައް ބާއްވަމުންނެވެ. އެގޮތުން މިއަދު މި ހަރަކާތްކުރިއަށްދާނީ ރ. ރަސްމާދޫގައެވެ. އަދި އަންނަ މަހުގެ 9 ވަނަ ދުވަހު ރ. ދުވާފަރުގައިވެސް މި ހަރަކާތްކުރިއަށްދާނެއެވެ.

މި ހަރަކާތުގެ ތެރެއިން، މުވައްޒަފުން ހޮވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ފްރަންޓު އޮފީހާއި، ހައުސްކީޕިންގ، ހިއުމަން ރިސޯސަސް، ސޭލްސް އެންޑް މާރކެޓިންގ، އެކައުންޓިންގ އަދި ރިޒަރވޭޝަންސް ހިމެނެއެވެ.

އެންމެ މަތީ ފެންތީގެ ޙިދުމަތްތަކާއެކު ތަރައްޤީކުރާ ރާޔާ މޯލްޑިވްސް ރިސޯޓަކީ 200 ކޮޓަރީގެ ރިސޯޓެކެވެ. މި ރިސޯޓުގައި، ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ 7 ރެސްޓޯރެންޓާއި، ސްޕާއެއްގެ ޙިދުމަތުގެ އިތުރުން ކިޑްސް ކްލަބެއްވެސް ހުންނާނެއެވެ.

ތައިލެންޑްގެ އޮނިކްސް ހޮސްޕިޓަލިޓީ ގުރޫޕުގެ އަމާރީ ބުރޭންޑުގެ ރިސޯޓެއް މިހާރުވެސް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ.

އެއީ ހުވަދުއަތޮޅު ދެކުނުބުރީ ހަވޮއްޑާގައި ހިންގާ ރިސޯޓެވެ. 120 ކޮޓަރީގެ އަމާރީ ހަވޮއްޑާ މޯލްޑިވްސް ރިސޯޓުގައި އެއްގަމުގައި 60 ވިލާ ހުންނައިރު، މޫދުގައިވެސް 60 ވިލާ ހުރެއެވެ.

އޮނިކްސް ހޮސްޕިޓަލިޓީ ގުރޫޕުން މިހާރުވެސް އަންނަނީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގައި 51 ޕްރޮޕަޓީއެއް މެނޭޖްކުރަމުންނެވެ. އެގޮތުން މިހާރުވެސް 44 ޕްރޮޕަޓީއެއް ހިންގަމުން އަންނައިރު އެކުންފުނީގެ އަމާޒަކީ 2025 ގެ ނިޔަލަށް 54 ޕްރޮޕަޓީ ހިންގުމެވެ.