ޚަބަރު

ވައްކަންކުރީ އިންތިހާބާއި ގުޅޭ މަސައްކަތެއްކުރާ ތަނަކުން ނޫން: އިލެކްޝަންސް


އިލެކްޝަންސް ކޮމިޝަނުގެ ސެކިއުރިޓީ ރޫމް ފަޅާލިނަމަވެސް، އެތަނުގައި އިންތިޚާބަކާ ގުޅުންހުރި އެއްވެސް ލިޔެއްކިޔުމެއް ނުހުންނާނެކަމަށާއި، އިންތިޚާބަކާ ގުޅުންހުރި އެއްވެސް މަސައްކަތެއްވެސް އެތަނުގައި ނުހިނގާކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އެ ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަންގެ ސެކިއުރިޓީ ރޫމާއި ޢަރަބިއްޔާ ސްކޫލުގެ ބައު އިމާރާތުގައި ހުރި ކޮމިޝަނުގެ ގުދަން ފަޅާލި މައްސަލައިގައި ނެރުނު ބަޔާނެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިދިޔަ ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހު އެކޮމިޝަނުގެ ސެކިއުރިޓީ ރޫމަށް އިމާރާތުގެ ބޭރުން ވަދެ ފަޅާލާފައިވާ މައްސަލައަކާއި، މިމަހުގެ 10 ވަނަ ދުވަހު ޢަރަބިއްޔާ ސްކޫލުގެ ބައު އިމާރާތުގައި ހުންނަ އެކޮމިޝަނުގެ ގުދަނެއް ފަޅާލުމާއި ގުޅިގެން މި ދެ މައްސަލަވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކޮށް، ބަލަމުންދާކަމަށެވެ.

ސެކިއުރިޓީ ރޫމު ފަޅާލިއިރު އެތަނުގައި އިންތިޚާބަކާއި ގުޅުން ހުރި ލިޔެކިޔުމެއް، އަދި އިންތިޚާބަކާ ގުޅުންހުރި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމުގެ ޔަޤީންކަން އީސީން ވަނީ ދެއްވާފައެވެ. އެހެންނަމަވެސް އެތަނުގައި ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބޭނުންކޮށްފައިވާ 5 ނެޓްބުކް ގެއްލިފައިވާކަމަށާއި، އެތަނުގައި އެއްވެސް އެއްޗެއް ނާޅާހުރި ބައު ތިޖޫރީއަކަށް ގެއްލުންދީފައިވާކަމަށް ކޮމިޝަނުން ވިދާޅުވެއެވެ.

ޢަރަބިއްޔާ ސްކޫލުގެ ބައު އިމާރާތުގައި ހުރި ގުދަނުން 11 ޔޫ.ޕީ.އެސްއާއި، 65 އިންޗީގެ 2 ޓީވީއާއި، 2 ސްޕީކަރު ސެޓާއި، 10 މީޓަރުގެ ކަރަންޓް އެކްސްޓެންޝަން ބޯޑެއް ވަގަށް ގެންގޮސްފައިވާކަމަށްވެސް އީސީން ވިދާޅުވެއެވެ.

އީސީން ވިދާޅުވީ، މި ދެ ޙާދިސާއާގުޅިގެން މިހާރު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކަށް އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ. އަދި މީގެކުރިން ހިނގާފައިވާ މިފަދަ ޙާދިސާތަކާއި، މި ދެ ޙާދިސާއާގުޅިގެން ކޮމިޝަނުގެ ފަރާތުން ފުލުހުންނާއި ބައްދަލުކޮށް ކުރިއަށްއޮތްތަނުގައި މިފަދަ ޙާދިސާއެއް ތަކުރާރުނުވާނޭހެން އަޅަންޖެހޭ ފިޔަވަޅުތަކާމެދު މަޝްވަރާކޮށްފައިވާކަމަށެވެ. މި ދެ ޙާދިސާއާ ގުޅިގެން މި ދެ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާ ދެ މުއައްސަސާގެ ސަމާލުކަމަށް މިކަންތައްތައް ގެނެސް، މިފަދަ ޙާދިސާއެއް ނުހިނގާނޭހެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ހަރުދަނާކުރުމަށްޓަކާ ކުރަންޖެހޭ ކަންތައްތައް ކުރަމުންދާކަމަށްވެސް އީސީން ވިދާޅުވެއެވެ.

ވައްކަމުގެ މި ދެ ޙާދިސާއާގުޅިގެން ކުރިއަށްހުރި އިންތިޚާބުތަކުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމުގެގޮތުން، މަސައްކަތްތައް ހިނގާ އިމާރާތްތަކުގެ ސެކިއުރިޓީގެ ކަންކަން ކަމާގުޅުންހުރި މުއައްސަސާތަކާގުޅިގެން ވަރުގަދަކުރުމަށްޓަކާ ކޮމިޝަންގެ ފަރާތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.