ޚަބަރު

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އަންނަ ޖަނަވަރީއަށް ނިންމާލެވޭނެ: ކައުންސިލް


ޅ.ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖަނަވަރީއަށް ނިންމާލެވޭނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރއާ ހަވާލާދީ އެރަށު ކައުންސިލުން ބުނެފިއެވެ. އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފަހު ޝިޕްމަންޓް މިހާރު އެރަށަށް ފޮނުވާފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއެވެ.

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކައުންސިލްގެ ނާއިބު ރައީސް އިބްރާޙިމް މުފީދު ވިދާޅުވީ މި މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްކަމަށާ، މަސައްކަތްދާ ހަލުވިމިނަށް ބަލާނަމަ އަންނަ އަހަރުގެ ޖަނަވަރީއަށް މަސައްކަތް ނިންމާލެވޭނެކަމަށެވެ. އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ލާ ބޭރު ތޮށިތަކުގެ މަސައްކަތް ނިމިފައިވާއިރު ރިވެޓްމަންޓްޖަހަނީ އެރަށު ފުޓްބޯޅަދަނޑު އޮންނަ ސަރަހައްދުގައެވެ. މިދިޔަ އަހަރު އެރަށަށް އުދަ އެރުމުގެ ސަބަބުން އެފުޓްބޯޅަ ދަނޑަށްވަނީ ބޮޑެތި ގެއްލުންތައް ލބިފައެވެ. މި މަސައްކަތުގެ އިތުރަށް ގޮރޮއިން ޖެހުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅާ، 361 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށްދިޔައީ ބޭރުތޮށިލުމުގެ މަސައްކަތެވެ. އެރަށު ކައުންސިލްގެ ނާއިބު ރައީސް އިބްރާޙިމް މުފީދު ވިދާޅުވީ އެރަށު ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މޫސުން ގޯސްވެ އުދަ އަރާ ދުވަސްތަކުގައި ރަށަށް ރާޅު އަރާ ގެއްލުންތަކެއް ކުރިމަތިވުމާއި އެރަށު ގޮނޑުދޮށް ގިރަމުންދިއުމުގެ ކަންބޮޑުވުމެވެ. ނަމަވެސް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން ރައްޔިތުނަށް ރައްކާތެރިކަން ކަށަވަރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކުރެންދޫއަށް ދިމާވެފައިވާ ރަށްގިރުމާއި އުދަ އެރުމުގެ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މި މިމަޝްރޫޢުގެ އަގަކީ 44.8 މިލިއަން ރުފިޔާއެވެ.