ޚަބަރު

ކައުންސިލުން ނަގާ ލޯނަށް މިހާރު ދައުލަތުން ގެރެންޓީ ދެވޭނެ


ކައުންސިލްތަކުން ނަގާ ލޯނަށް، ދައުލަތުން ގެރެންޓީ ދޫކުރާގޮތަށް ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު އިސްލާހްކޮށްފިއެވެ.

މި އުސޫލަކީ ޤައުމުގެ އިޤްތިޞާދީ ހާލަތަށާއި، ސަރުކާރުގެ މާލީ ސިޔާސަތުތަކަށާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ރިއާޔަތްކުރެވިގެން، ދެފުށް ފެންނަ، ޚަރުދަނާ އުސޫލެއްގެ ދަށުން، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމަށް މަގުފަހިކުރުމަށް 2017 ވަނަ އަހަރު އެކުލަވާލެވުނު އުސޫލެކެވެ.

މިއުސޫލުގައި މީގެކުރިން އޮންނަނީ ދައުލަތުން ގެރެންޓީ ދެވޭނެ ފަރާތްތަކުގެ ތެރޭގައި ހިމަނާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑިއަރީތަކުގެ އިތުރުން ރާއްޖޭގައި ވިޔަފާރިކުރަން ރަޖިސްޓްރީ ކޮށްފައިވާ ނުވަތަ އަލުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކެވެ.

އެހެންނަމަވެސް، މިހާރު ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު ގެނެސްފައިވާ އިސްލާހުގައި ވާގޮތުން، ކައުންސިލުތަކުގެ އިތުރުން ދައުލަތުގެ މުސްތަޤިއްލު މުއައްސަސާތަކަށްވެސް ދައުލަތުން ގެރެންޓީ ދޫކުރާނެއެވެ. އަދި މިއުސޫލުގެ ދަށުން އަމިއްލަ ފަރުދުންނަށް ގެރެންޓީ ދޫނުކުރާނެކަމަށް ފިނޭންސް މިނިސްޓްރީން ގެޒެޓްކުރި ބަޔާނުގައިވެއެވެ.

ދައުލަތުގެ ނަމުގައި ގެރެންޓީ ދެވޭ ފަރާތްތައް:

* ސަރުކާރު ކުންފުނިތަކުން ހިއްސާވާ ސަބްސިޑީތައް
* ރާއްޖޭގައި ރަޖީސްޓްރީކޮށްފައިވާ ކުންފުނިތައް
* ދައުލަތުގެ މުސްތަޤިއްލު މުޢައްޞަސާތައް
* ލާމަރުކަޒީ ޤާނޫނުން އުފައްދާފައިވާ ކައުންސިލްތައް

ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ގެރެންޓީކޮށްދެވޭ ދަރަނީގެ އިފެކްޓިވް އިންޓަރެސްޓް ރޭޓުން، "ވޭރިއަބަލް އިންޓަރެސްޓް" އުނިކުރުމުން، އަންނަ އަދަދު %3.5 އަށްވުރެ މަތިވެގެން ނުވާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބަޔާންކޮށްފައެވެ. އެހެންނަމަވެސް، ގައުމުގެ އިޤްތިސާދީ ހާލަތަށާއި، އެ އިރެއްގައި ދަރަނި ނެގެންހުރި މާކެޓް ރޭޓަށާއި، އެ ދަރަނި ނަގައިގެން ހާސިލުކުރަން ބޭނުންވާ ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު އެޝަރުތު އިސްތިސްނާކުރެވޭނަކަމަށްވެސް ފިނޭނސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ދައުލަތުގެ ނަމުގައި ގެރެންޓީ ދެވޭ ދަރަނި:

* ޓޫރިޒަމް ދާއިރާގެ މަޝްރޫއުތަކަށް
* ސަރުކާރުން ހުށަހަޅާ ސޯޝަލް ހައުސިން މަޝްރޫއުތައް
* ތަރައްގީގެ މަޝްރޫއެއްގެ ގޮތުގައި އިސްކަންދިނުމަށް ސަރުކާރުން ނިންމާ މަޝްރޫއުތައް
* ފިނޭން މިނިސްޓަރ ހުއްދަދޭ މާލީ މުއާމަލާތްތައް

ސަރުކާރުން މިހާތަނަށް 7 ފަރާތަކަށް ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކޮށްފައެވެ. އެގޮތުން ސަރުކާރުން ފުރަތަމަ ގެރެންޓީ ދީފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއަށެވެ. އޭގެފަހުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްއަށާއި މޯލްޑީސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއަށްވެސް ސަރުކާރުން ވަނީ ގެރެންޓީ ދޫކޮށްފައެވެ.