ވިޔަފާރި

މިފްކޯއިން މަސްވެރިންނަށް 990.8 މިލިއަން ރުފިޔާ ދޫކޮށްފި


މިއަހަރުގެ މިހާތަނަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، މިފްކޯއިން މަސްވެރިންނަށް 990.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނީގެ ސީ.އީ.އޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

މަސްވެރިކަން ރަނގަޅުވެ މިފްކޯއަށް ކިރުވާ މަހުގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އަދި މިފްކޯއިން ދަނީ އެ ކުންފުނީގެ ކެޕޭސިޓީ ހުރިވަރުން މަސްވެރިންގެ އަތުން މަސްގަންނަމުންނެވެ.

މިފްކޯގެ ސީ.އީ.އޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންގެ އަތުން 60،566 މެޓްރިކް ޓަނުގެ މަސް ގަނެފައިވާކަމަށެވެ. އަދި މުޅި ޖުމްލަ މަސްވެރިންނަށް 990.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ.

މިއަހަރު މަސްވެރިންގެ އަތުން މަސްގަނެފައިވާ ޢަދަދު:

· ޖަނަވަރީ - 6460 މެޓްރިކް ޓަން
· ފެބްރުއަރީ - 5670 މެޓްރިކް ޓަން
· މާރޗް - 5130 މެޓްރިކް ޓަން
· އޭޕްރީލް - 7690 މެޓްރިކް ޓަން
· މެއި - 2950 މެޓްރިކް ޓަން
· ޖޫން - 3280 މެޓްރިކް ޓަން
· ޖުލައި - 1570 މެޓްރިކް ޓަން
· އޮގަސްޓް - 2630 މެޓްރިކް ޓަން
· ސެޕްޓެމްބަރ – 8220 މެޓްރިކް ޓަން
· އޮކްޓޯބަރ – 5550 މެޓްރިކް ޓަން
· ނޮވިމްބަރ – 7150 މެޓްރިކް ޓަން
· ޑިސެމްބަރ 14 ގެ ނިޔަލަށް - 4230 މެޓްރިކް ޓަން

މަސްވެރިންގެ އަތުން މަސް ގަނެފައިވާ މިންވަރަށް ބަލާއިރު މިއަހަރު އެންމެ ގިނައިން މަސް ގަނެފައިވަނީ ސެޕްޓެމްބަރ މަހުގައެވެ.

މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ޢަދަދު:

· ޖަނަވަރީ - 99.35 މިލިއަން ރުފިޔާ
· ފެބްރުއަރީ - 88.74 މިލިއަން ރުފިޔާ
· މާރޗް - 84.88 މިލިއަން ރުފިޔާ
· އޭޕްރީލް - 130.19 މިލިއަން ރުފިޔާ
· މެއި - 49.45 މިލިއަން ރުފިޔާ
· ޖޫން - 52.51 މިލިއަން ރުފިޔާ
· ޖުލައި - 23.99 މިލިއަން ރުފިޔާ
· އޮގަސްޓް - 40.96 މިލިއަން ރުފިޔާ
· ސެޕްޓެމްބަރ – 137.16 މިލިއަން ރުފިޔާ
· އޮކްޓޯބަރ – 92.91 މިލިއަން ރުފިޔާ
· ނޮވެމްބަރ – 119.54 މިލިއަން ރުފިޔާ
· ޑިސެމްބަރ މަހުގެ 14 ގެ ނިޔަލަށް - 71.08 މިލިއަން ރުފިޔާ

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް މަސް ކިރާ، އެންމެ ގިނައިން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ މިއަހަރުގެ ތެރޭގައެވެ.

މަސްކިރުވުމުގައި މިފްކޯއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމުކުރާނެއެވެ. އަދި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަޞީލަތްތައްވެސް ޤާއިމުކުރުން ހިމެނެއެވެ.