ޚަބަރު

ތަރައްޤީ މަޝްރޫޢުތަކަށް ކުރި ޚަރަދު ދެގުނަ އިތުރު


މިއަހަރުގެ 11 މަސްދުވަހު ތަރައްޤީ މަޝްރޫޢުތަކަށް ކުރި ޚަރަދު، މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު ދެގުނަ އިތުރުވެއްޖެއެވެ. ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދުކުރި މިންވަރު އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވާފައިވަނީ ދައުލަތުގެ ޚަރަދުތަކާއި އާމްދަނީގެ ތަފްސީލް ހިއްސާކޮށް އެ މިނިސްޓްރީން ޢާންމުކުރި މާލީ ތަފާސް ހިސާބުގައެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ޑިސެންބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް، ތަރައްޤީގެ މަޝްރޫޢުތަކަށް ދައުލަތުން ވަނީ ޖުމަލް 8 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތުން ހޭދަކޮށްފައިވާ 4.8 ބިލިއަނާއި އަޅާބަލާއިރު، %66.6 އިތުރު އަދަދެކެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާނަތަނަށް ސަރުކާރުން އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ބްރިޖްގެ މަޝްރޫޢުއަށެވެ. އެއަށްފަހު ދެން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ރަށްތަކުގައި ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށާއި، އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށެވެ. އެގޮތުން، އަހަރުގެ 11 މަސްދުވަހު ބްރިޖްގެ މަޝްރޫޢުއަށް ޖުމްލަ 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް 872.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް ދައުލަތުން ވަނީ 524.9 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުން ފުރައިގެން ދެވޭ ހިސާބެއްގައި އެއަރޕޯޓެއް އޮތުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެ ޢަމާޒަށް ވަސިލުވުމަށް ކުރާ މަސައްކަތުގެ ދަށުން، މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ޅ. މަޑިވަރު އެއަރޕޯޓް ތަރައްޤީކޮށް ވަނީ ހުޅުވާފައެވެ. މީގެއިތުރުން، ފަރެސްމާތޮޑާ އެއްރަޕޯޓާއި އަލިފުށީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ 11 މަސްދުވަހު ތަރައްޤީގެ މަޝްރޫއަތަކަށް ދައުލަތުން ދެން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ރަަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމް ކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، 11 މަސްދުވަހުގެ ތެރޭގައި ދައުލަތުން ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް ޖުމްލަ 1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް ދައުލަތުން ހޭދަކޮށްފައި ވަނީ 782.8 މިލިއަން ރުފިޔާއެވެ.

ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމަކަށް އުންމީދުކުރަމުންދިޔަ އެތައް ރަށްރަށަކަށް މިހާރު ސަރުކާރުންވަނީ މިޚިދުމަތް ފޯރުކޮށްދީފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަންނަ އަހަރުގެމެދުތެރޭގައި މި ޚިދުމަތްތައް ކަށަވަރުކޮށްދީ ނިމޭނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ އިތުރުން، މަގުތައް ހެދުމުގެ މަޝްރޫޢުތަކަށްވެސް ސަރުކާރުން ވަނީ 11 މަސްދުވަހުގެ ތެރޭގައި ބޮޑު ހޭދައެއްކޮށްފައެވެ. އެގޮތުން،މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް 804.9 މިލިއަން ރުފިޔާ ހޭދަކޮށްފައިކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތުން މިދާއިރާގެ މަޝްރޫޢުތަކަށް ހޭދަކޮށްފައިވަނީ 293.0 މިލިއަން ރުފިޔާއެވެ. އަދި ބިން ހިއްކުމުގެ މަޝްރޫޢުތަކަށް އަހަރުގެ މިހާތަނަށް ދައުލަތުން ވަނީ 444.1 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ރާއްޖޭގެ ހުރިހާ ރައްތައްކުގެ ރައްޔިތުންނަށް ޚިދުމަތްތައް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ ރަށްތަކުގައި ބަނދަރު ތަރައްޤީކުރުމުގެ 44 މަޝްރޫއެއްގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. އަދި 37 ބަނަދަރު ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެއިތުރުން 5 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި 21 ރަށެއްގައި މިހާރު ވެސް މަގުހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބިން ހިއްކުމުގެ 7 މަޝްރޫއެއްގެ މަސައްކަތް މިހާރު ނިމިފައިވާއިރު، އިތުރު 7 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.