ޚަބަރު

މުޅި ތިލަފަޅު ހިއްކާ، ރާއްޖޭގެ ސިނާޢީ މައި ހަބަކަށް ބަދަލުކޮށްލަނީ


މާލެ ކައިރީ ބޮޑު ފަޅެއްގެ ގޮތުގައި އޮތް ތިލަފަޅު، ފުރަތަމަ ފަހަރަށް ހިއްކާފައިވަނީ 1991 ވަނަ އަހަރު، މި ސަރަޙައްދުގައި އުފެދޭ ކުނި މެނޭޖްކުރާ ރަށެއްގެ ގޮތުގައެވެ. ފުރަތަމަ ހިއްކާފައިވެސް ވަނީ ކުނިން "ލޭންޑް ފިލް"ކޮށްގެނެވެ. އަދި އޭގެ ފަހުން އެކި ފަހަރުމަތިން ބިން ހިކާ، 100 އަށްވުރެ ބޮޑު ހެކްޓަރެއް ހިއްކާފައިވެއެވެ. އެންމެ ފަހުން ތިލަފުށި ހިއްކީ 2016 ވަނަ އަހަރުއެވެ. އެއީ 22 ހެކްޓަރެވެ.

ތިލަފަޅަކީ މި ސަރަޙައްދުގެ އެންމެ ބޮޑެތި ފަޅުތަކުން ފަޅެކެވެ. ފަޅުގައި އަދިވެސް ބޮޑު ސަރަޙައްދެއް އޮތުމާއެކު، ސަރުކާރުން ނިންމާފައިވަނީ މި ސަރަޙައްދުގެ ސިނާޢީ ހަބެއްގެ ގޮތުގައި ތިލަފުށި ތަރައްޤިކުރުމަށެވެ.

ތިލަފުށި މިހާރު ބަލަހައްޓަމުން އަންނަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ ބެލުމުގެދަށުންނެވެ. ދަރުބާރުގޭގައި މިހާރު ފަށައިގެން ކުރިއަށްދާ 10ވަނަ ލިވިން އެކްސްޕޯގައި އެޗްޑީސީން ވަނީ ސަރުކާރުގެ ތަޞައްވުރާއި އެއްގޮތަށް ތިލަފުށީގެ މާސްޓަރ ޕްލޭން އިފްތިތާޙުކޮށްފައެވެ. މި ޕްލޭން އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮމިނިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލްއެވެ.

މި ޕްލޭންގެ އެންމެ ބޮޑު މަޤުޞަދަކީ ބިން ތަނަވަސް ޒަމާނީ ސިނާޢީ ހަބަކަށް ތިލަފުށި ބަދަލުކުރުމެވެ. އެގޮތުން ތިލަފުށިން 151 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާކަން އިޢުލާންކުރައްވާ، މި ބިން ތަރައްޤީކުރާނެ ގޮތުގެ މާސްޓަރ ޕްލޭން ވަނީ ދައްކާލާފައެވެ.

ޕްލޭން އިފްތިތާޙުކޮށްދެއްވާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ޕްރޮޖެކްޓަކީ ރާއްޖެއާއި ޚާއްސަކޮށް މާލެ ސަރަޙައްދުގެ ވިޔަފާރިތަކަށް އޮތް ބިމުގެ ދަތިކަމަށް ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢުއަކަށްކަމަށެވެ. އަދި އަގުހެޔޮކޮށް ބިން ކުއްޔަށް ހިފުމުގެ ފުރުޞަތު ވިޔަފާރިތަކަށް ލިބެން ފެށުމާއެކު، އާއްމު މީހާއަށް ލިބޭ ޚިދުމަތްތަކާއި މުދަލުގެ އަގުތައްވެސް ތިރިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ތިލަފުއްޓާއި ގުޅީފަޅު ހިމެނޭހެން ފަށާފައިވާ މަޝްރުޢުތަކާއެކު މާލޭގައި ހުރި ހުރިހާ ސިނާޢީ މަސައްކަތްތަކެއް އެތަންތަނަށް ބަދަލުކުރާނެ. ބްރިޖްގެ މަޝްރޫޢުގެ ފައިދާވެސް އެންމެ ބޮޑަށް ކުރާނީ މި ސިނާޢަތްތަކަށް. އަގުހެޔޮކޮށް މުދާ ރައްކާކުރެވޭނެ ފުރުޞަތުގެ ސަބަބުން މުދަލުގެ އަގުތައް ދަށްވާނެ." ފައްޔާޒް ވިދާޅުވިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ މި ޕްރޮޖެކްޓްގައި ތިލަފަޅު 3 ބަޔަކަށް ބަހާލާ، 151 ހެކްޓަރު ހިއްކާނެކަމަށެވެ. އާތިފް ވިދާޅުވީ މުދަލުގެ އަގުތައް އެންމެ ބޮޑަށް އުފުލެން ދިމާވި މައްސަލައަކީ، މާލެއިން ބިން ނަގައިގެން ގުދަންކުރުމުން ހިނގާ ހަރަދުކަމަށާއި، މި ޕްރޮޖެކްޓަކީ މިކަމަށް ހޯދައިދޭ ޙައްލެއްކަމަށެވެ.

"މި ޕްރޮޖެކްޓާއެކު އެކި ބާވަތްތަކުގެ ވިޔަފާރިތަކަށް ބިން ޚާއްސަކުރާނަން. އަދި އިތުރު ބާވަތުގެ ވިޔަފާރިތަށް ރާއްޖޭގައި ފެށުމަށް ފުރުޞަތަކަށް ވާނެ. އިޤްތިޞާދަށް އަންނަ ކުރިއެރުމާއެކު، ވަޒީފާގެ ގިނަ ފުރުޞަތުތަކެއްވެސް މި މަޝްރޫޢުއިން އުފެދޭނެ." އާތިފް ވިދާޅުވިއެވެ.

އެޗްޑީސީން ބުނެފައިވަނީ ހިއްކާ ބިން މައިގަނޑު 6 ކަމަކަށް ބޭނުންކުރާނެކަމަށެވެ. އެއީ އޮފީސް، އިޑަސްޓްރިއަލް، ޕޯޓް އެކްސްޕެންޝަން، ޕަވަރ ޕްލާންޓް، އޮއިލް ފަރމް އަދި ރެކްރިއޭޝަނަލް ޚިދުމަތްތަކެވެ. މީގެތެރޭގައި ވިއްކާ ބިންތަކާއި ކުއްޔަށްދޭ ބިންތައްވެސް ހިމެނެނޭނެއެވެ. އަދި ކުދި ވިޔަފާރިއަށް ދޫކުރާ ބިންތަކާއި، ބޮޑެތި މެނުފެކްޗަރިން އިންޑަސްޓްރިއަލް މަސައްކަތަށް ބިން ދޫކުރާނެއެވެ. އެއީ 5000-35000 އަކަފޫޓުގެ ބިންތަކެވެ.

ބިންތަކުގެ އަގުތަކާއި، އެކަމާއި ގުޅޭ ތަފްސީލްތައް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ލިވިން އެކްސްޕޯގެ އެޗްޑީސީގެ ސްޓޯލްއިން ލިބޭނެއެވެ.

ތިލަފުށީގައި މިހާރު ހިއްކާފައިވާ 120 ހެކްޓަރުގެ ބިމުގައި 227 ވިޔަފާރިއަކުން އަންނަނީ ޚިދުމަތް ދެމުންނެވެ.