ޚަބަރު

ހަންގޭރީ ސަރުކާރުން ދޭ 25 ސްކޮލަރޝިޕްއަށް ހުޅުވާލައިފި


ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ދޭ 25 ސްކޮލަރޝިޕްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިފަހަރު ހުޅުވާލި މި ސްކޮލަރޝިޕްއަކީ ހަންގޭރީ ސަރުކާރުގެ "ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕް"ގެ 2 ވަނަ ފަހަރެވެ.

2021 ވަނަ އަހަރު ރާއްޖެއާއި ހަންގޭރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ޤައުމުން ވަނީ އަހަރަކު 15 ސްކޮލަރޝިޕް ދިނުމަށް ނިންމާފައެވެ. ނަމަވެސް މިދިޔަމަހު ހަންގޭރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓާ ސިޔާރޓޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި ސްކޮލަރޝިޕްގެ އަދަދު ވަނީ 25 އަށް އިތުރުކޮށްދީފައެވެ.

2021 ވަނަ އަހަރު ހުޅުވާލީ ސްކޮލަރޝިޕްގައި 12 ދަރިވަރަކު އަންނަނީ އެ ޤައުމުގައި މިހާރު ކިޔަވަމުންނެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިފަހަރު ހުޅުވާލާފައިވަނީ ބެޗްލަރސް ޑިގްރީގެ 8 ފުރުޞަތާއި، މާސްޓަރސް ޑިގްރީގެ 14 ފުރުޞަތާއި، ޕީއެޗްޑީގެ 3 ފުރުޞަތެވެ.

މި ސްކޮލަރޝިޕްއާ ގުޅޭގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ، ހަންގޭރީގެ މި ސްކޮލަރޝިޕްއަކީ ބޭރު ޤައުމަކުން ފޯރުކޮށްދޭ އެންމެ ބޮޑު އެއް ސްކޮލަރޝިޕްކަމަށެވެ.

"ހަންގޭރީފަދަ ތަރައްޤީވެފައިވާ ޤައުމެއްގައި ދިވެހިންނަށް ކިޔަވަން ލިބުނު ފުރުޞަތަކީ ހުރިހާ ގޮތަކުންވެސް ފައިދާވާނެ ކަމެއް. މިހާރުގެ ރިސޯސަސްތައް ބޭނުންކޮށް ޒަމާނީ ޢިލްމު ހޯދައިގެން ކިޔަވަން ލިބުމަކީ ވަރަށް މުހިއްމުކަމެއް" މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވިއެވެ.

މި ސްކޮލަރޝިޕްތަކަކީ ހަންގޭރީއާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ދޭ ސްކޮލަރޝިޕްތަކެވެ. އަދި މި ސްކޮލަރޝިޕްތައް ލިބޭ ކުދިންގެ ކިޔެވުން ހަމަޖެހިފައިވަނީ ހަންގޭރީގެ ޔުނިވަރސިޓީތަކުންނެވެ.

މި ސްކޮލަރޝިޕްގެ ލިބޭ ފަރާތްތައް ހޮވުމަށް ފައިނަލް ސިލެކްޝަން ހެދުމަށްޓަކާ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކެނޑިޑޭޓުން ނޮމިނޭޓްކުރުމަށް ހަމަޖެހިފައިވެއެވެ. މި ނޮމިނޭޓްކުރެވޭ ކެނޑިޑޭޓުންގެ ތެރެއިން ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ.

ސްކޮލަރޝިޕްއަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ސްކޮލަރޝިޕް ދޭ ފަރާތް ކަމުގައިވާ ސްޓައިޕެންޑް ހަންގޭރިކަމް www.stipendiumhungaricum.hu އަށާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ މައި އެޑިޔު ޕޯޓަލްއަށެވެ.