ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗުގައި ވީލްޗެއަރ ރޭމްޕެއް


ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗުގައި ވީލްޗެއަރ ރޭމްޕް ޤާއިމުކުރަމުންދާކަމަށް އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވީ، މިއީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ވީލްޗެއަރ ރޭމްޕްތައް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ރޭމްޕް ބެހެއްޓުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މޫދަށް އެރުމާއި، ބީޗް ސަރަހައްދު ބޭނުން ކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމެވެ. ވީލްޗެއަރ ރޭމްޕްގެ އެންމެ ފަހުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މި ރޭމްޕްތައް މިމަހުގެ ފަހުކޮޅުގައި ބޭނުންކުރެވޭނެ ކަމަށް އެކޯރޕަރޭޝަނުން ވިދާޅުވެއެވެ.

އެގޮތުން މިމަސައްކަތުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި ރޭމްޕްތައް ހެދުމުން ހުޅުމާލޭގެ ހިޔާ ބީޗް ސަރަހައްދުގައި އުޅޭ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

ހުޅުމާލޭގައި ދިރިއުޅޭ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި، އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ފަސޭހަވާނެ ގޮތްތައް ބަލާ ގިނަ ބަދަލުތަކެއް އެޗް.ޑީ.ސީގެ ފަރާތުން ދަނީ ގެންނަމުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމާއިއެކު މި ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތައްވެސް ވަނީ ގިނަވެފައެވެ. އެހެންކަމުން ހަފްތާ ބަންދު ދުވަސްތަކުގައި މި ސަރަހައްދަށް އާއިލާއާއެކު މޫދަށް އަންނަ ފަރާތްތަކުގެ ތެރެއިން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ވީލްޗެއަރ ރޭމްޕް ޤާއިމުކުރުމުގެ ސަބަބުން އުނދަގުލެއްނެތި މޫދަށް އެރިލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.