ޚަބަރު

ހުރާގާއި ބޯޓު ޔާޑެއް ހަދަން އެއްލައްކަ އަކަފޫޓުގެ ބިމެއް


މާލެ އަތޮޅު ހުރާގައި ޒަމާނީ ފެންވަރަށް ބޯޓު ޔާޑެއް ތަރައްޤީކޮށް ހިންގުމަށް އެރަށުން ބިމެއް ކަނޑައަޅައި، އެ މަސައްކަތް ކުރުމަށް ފިކްސް އިން މެރިން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.

އެ ރަށު ހުޅަނގު ފަރާތުން ބޯޓު ޔާޑު އެޅުމަށް ކަނޑައަޅާފައިވާ، އެއްލައްކަ އަކަފޫޓުގެ ހުސް ބިން ރަސްމީކޮށް ފިކްސް އިން މެރިންއާ ހަވާލުކުރީ އެކަމަށް ޚާއްސަކޮށް ކ. ހުރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް، އީސާ އަޙްމަދު ވިދާޅުވީ، ހުރާގައި ބޯޓު ޔާޑެއް ތަރައްޤީކޮށް ހިންގަން ފެށުމަކީ އެރަށުގެ ރައްޔިތުންނަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އެގޮތުން ޒަމާނުއްސުރެ އޮޑިދޯނިފަހަރު އެހެލުމަށް ބޭނުން ކުރަމުން އައި ގޮތްތަކަކީ ނުރައްކާ ބޮޑު އަދި އެހާމެ ގިނަ ވަގުތު އެކަމަށް ހޭދަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން އާންމު އިޖުތިމާއީ ޒިންމާގެ ގޮތުގައި 30 އަހަރުގެ ތެރޭގައި ޖުމްލަ 204 މިލިއަން ރުފިޔާ ހުރާގެ ތަރައްޤީއަށް އެ ކުންފުނިން ޚަރަދު ކުރުމަށް ނިންމާފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ، ހުރާގައި ހަދާ ބޯޓްޔާޑާއެކު ހުރާގެ ރައްޔިތުންގެ ތެރެއިން ބަޔަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެން ދާނެ ކަމަށެވެ. އަދި ރަށުގައި ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް މިކަމުގެ ސަބަބުން ފައިދާތަކެއް ވެގެންދާނެ ކަމަށް ޤާބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުރާ ކައުންސިލާއި ފިކްސް އިން މެރިންއާ ދެމެދުވި އެއްބަސްވުމުގެ ދަށުން އެ ރަށުގައި ތަރައްޤީ ކުރާ ޔާޑުގައި އޮޑިދޯނިފަހަރާއި، ލޯންޗުފަހަރު ބަނުމުގެ މަސައްކަތާއި އެ އުޅަނދުތައް މަރާމާތު ކުރުމުގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ފަހުގެ ޒަމާނީ ޑޮކު ޔާޑެއް ހުރާގައި ތަރައްޤީކުރުމަށް ފިކްސް އިން މެރިންއާ ޙަވާލުކުރިއިރު، ކ. އަތޮޅުގައި އޮޑިދޯނިފަހަރު އެހެލުމަށް އެކަށީގެންވާ އަދަދަކަށް ޑޮކު ޔާޑު ނެތުމުގެ ސަބަބުން ކަނޑު ދަތުރުފަތުރުގެ ޚިދުމަތްދޭ ގިނަ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ.

ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ޚިދުމަތް ދޭން ފެށޭނެ ކަމަށް ފިކްސް އިން މެރިން އިން ލަފާކޮށްފައިވާ މި ޔާޑާއެކު އެ ސަރަހައްދުގެ ގިނަ ރަށްރަށުގައި އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފިކްސް އިން މެރިން އަކީ 2018 ވަނަ އަހަރުން ފެށިގެން އޮޑިދޯނިފަހަރާއި ސްޕީޑު ލޯންޗު ބަނުމުގެ ޚިދުމަތާއި އެ އުޅަނދުތައް މަރާމާތު ކުރުމުގެ ޚިދުމަތް ދެމުން އަންނަ ދިވެހި ކުންފުންޏެކެވެ.