ޚަބަރު

ކަރެކްޝަންސްއަށް 180 އޮފިސަރުންގެ ކޯޓާއެއް ވަނީ ލިބިފައި: އިމްރާން


ކަރެކްޝަންސްގެ މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ދީފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މާފުށީ ޖަލުގައި ކުރިއަށްގެންދާ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗު ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވީ، މިއަދަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް ޒިންމާދާރު ހެޔޮލަފާ ފަރާތްތަކެއްގެ ގޮތުގައި މުޖްތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތްތަކުގައި އަނެއްކާވެސް މުހިއްމު ފިޔަވަޅެއް އެޅޭ ދުވަހެއް ކަމަށެވެ. މި ޕްރޮގްރާމްގެ ދެވަނަ ބެޗު ފަށާފައި މިވަނީ ސެޕްޓެމްބަރުމަހު މުޖުތަމަޢަށް ރީއިންޓަގްރޭޓްކުރެވުނު ފުރަތަމަ ބެޗުގެ ތަޖުރިބާއަށް ބިނާކޮށް، ޤައިދީން ތިބޭ ޔުނިޓަށާއި، ޕްރޮގްރާމަށާއި، އޮފިސަރުންގެ ޓްރެއިނިންގއަށް ބަދަލުތައް ގެނަައުމަށްފަހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ބައި ގަރުނުވަންދެން ކުރިމަތިލަމުން އަންނަ މައްސަލައެއް ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރި މައްސަލައެއް ކަމަށާއި މިކަން ހައްލުކުރުމަށްޓަކައި ތަފާތު ވިސްނުންތަކާއި ސިޔާސަތުތަކަށް ގެނެސް، ކުރެވޭ މަސައްކަތްތަކުން ހެޔޮ ނަތީޖާ ނިކުންނައިރުވެސް މިކަމުގެ ގޮންޖެހުންތައް އިންތިހާއަށް ބޮޑުކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ރިހެބިލިޓޭޓްކުރުން ކަމަށެވެ. އަދި ޖަލުގައި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފެށިގެން ދިޔައީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ޓީމްގެ މިންނެތް މަސައްކަތުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މަދު މުވައްޒަފުންނާއެކު މަސައްކަތްކުރަން ޖެހުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުންނާއި، ކަރެކްޝަންސްގެ މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ދީފައިވާކަމަށާއި، އޭގެ ތެރެއިން ގިނަ އަދަދެއްގެ އޮފިސަރުން ތަމްރީން ހޯދަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ދެއްކެވި ވާހަކައިގައި ވިދާޅުވީ، ޤައިދީން އިސްލާހުކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢަށް ނެރުމަކީ ކަރެކްޝަންސްގެ މައިގަނޑު މުހިއްމު އެއް މަސައްކަތްކަމަށެވެ. އަދި މިކަން ކުރުމަށްޓަކައި ގިނަ ވިސްނުންތައް ވިސްނާ، ހިސާބުތައް ހަދާ، ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި، އެކަމުގެ ނަތީޖާއެއްގެ ގޮތުން އެމްސީއެސްގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސް، މި މަސައްކަތަށް ފަންނީ މީހުންގެ މުހިއްމުކަން ބޭނުންވާކަމަށް ޤަބޫލުކުރެވޭތީ، ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ވޭތުވެދިޔަ ދޮޅު އަހަރަށް ބަލާއިރު ކައުންސެލިންގ، ސޯޝަލް ވަރކް އަދި ސައިކޮލަޖީގެ ދާއިރާއިން ކިޔަވާފައި ތިބި ފަންނީ މުވައްޒަފުން އިތުރުކުރެވިފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މަސްތުވާތަކެތި މުޖްތަމައުގައި ފެތުރިފައިވާ މިންވަރަށް އަލިއަޅުއްވާލައްވަމުން އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ގިނަ ކަމަށާއި، އެހެން ޤައުމުތަކުން މިކަން ހައްލުކުރަން ކުރާ މަސައްކަތްތަކާއި ފަންނުވެރިކަން ބަލާ، އިންތިޒާމްތައް ހެދުން މުހިއްމުކަމަށެވެ.

އެގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ، އެން.ޑީ.އޭއާއި ގުޅިގެން ފަންނީ އެހީތެރިކަން ހޯދައި، މާފުށީ ޖަލުގައި މި ޕްރޮގްރާމް ފެށުމަށް ވަކި ޔުނިޓެއް ހަމަޖައްސާ، މަރާމާތުކޮށް، އޮފިސަރުންނަށް ބޭނުންވާ ފަންނީ އިލްމް ދެވިފައިވާ ކަމަށެވެ. އަދި ގުޅުން ހުރި މުވައްސަސާތަކާއެކު ގުޅިގެން މަސައްކަތް ކުރުން މުހިއްމުކަމަށްވެސް ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ އެމްސީއެސްގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް، ޚާއްސަކޮށް މަސްތުގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް މި ފޯރުކޮށްދެވޭ ފުރުޞަތަކީ ވަރަށް މުހިއްމު ފުރުޞަތެއްކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރޭގައި ޑިޓޮކްސް ކުރުމާއި އެކި ކަހަލަ ތަމްރީންތައް ދެމުންގެންދިޔަ ނަމަވެސް، މިކަން ފުރިހަމަ ކުރުމުގައި ޕްރޮގްރާމްގެ ބައިވެރިންގެވެސް މިކަމުން އަރައިގަތުމަށް ބޮޑު ޒިންމާއެއް ވާކަމަށެވެ.