ޚަބަރު

ކުޑަގިރި ޕިކްނިކް އައިލެންޑް: ބޮޑު މުސާރައާއެކު ވަޒީފާގެ ގިނަ ފުރުޞަތުތަކެއް


މާލޭ ކައިރީ ތަރައްޤީކުރަމުންދާ ކުޑަގިރި ޕިކްނިކް އައިލެންޑުން ހުޅުވާލާފައިވާ ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޚާއްސަ އޯޕަން ޑޭއެއް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ނިންމައިފިއެވެ.

މި އޯޕަން ޑޭ އޮންނާނީ މިމަހުގެ 17 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން މެންދުރުފަހު 3 އަށް އެޗް.ޑީ.ސީ މައި އޮފީހުގެ ގްރަންޑް ފްލޯގައެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑަކީ މާލެ ސަރަޙައްދުން ދަތުރުދިއުމަށް ރަށެއް ތަރައްޤީކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ރަށް އާއްމުންނަށް ދަތުރުދިއުމަށް ހުޅުވާލުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާއިރު، އެޗް.ޑީ.ސީން ވަނީ މިތަނުގައި މަސައްކަތްކުރުމަށް ވަޒީފާގެ ގިނަ ފުރުޞަތުތަކަކަށް ހުޅުވާލާފައެވެ.

އެގޮތުން ތަފާތު 17 މަޤާމަކަށް މީހުން ހޯދުމަށް ހުޅުވާލާފައިވެއެވެ. މީގެ ތެރޭގައި، އެގްޒެކެޓިވް ސެކްރެޓަރީ، އެކައުންޓެންޓް، ރޫމް އެޓެންޑެންޓް، ސޭލްސް އެންޑް ރިޒަރވޭޝަން ކޯޑިނޭޓަރ، ރިސެޕްޝަނިސްޓް، ޓެނެންޓް މެނޭޖްމަންޓް ކޯޑިނޭޓަރ، މާކެޓިންގ އެންޑް ޕީއާރް ކޯޑިނޭޓަރ، މަސައްކަތު މީހުން ފަދަ ދާއިރާތައް ހިމެނެއެވެ. މި މަޤާމުތަކުގެ މުސާރަ އުޅެނީ 8500 އިން ފެށިގެން 17000 އާއި ދެމެދުގައެވެ.


މި މަޤާމުތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހު ބާއްވާ އޯޕަން ޑޭއަށް، ތަޢުލީމީ ފެންވަރާއި، މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔެކިއުންތަކާއި، އައިޑީ ކާޑު ކޮޕީ ހިފައިގެން ވަޑައިގެންނެވުމުން، ވަޒީފާތަކަށް ކުރިމަތިލެވޭނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑުގެ ބޮޑެތި ގިނަ މަސައްކަތްތައް ނިމި މިހާރު އޮތީ އާއްމުންނަށް ހުޅުވާލަން ތައްޔާރުވެފައެވެ. އެގޮތުން ދަތުރުދާ ރަށަކުން ބޭނުންވާނެ އާންމު ހުރިހާ ޚިދުމަތްތަކެއް ވަނީ މިހާރު ވަރަށް ފުރިހަމައަށް ޤާއިމުކޮށްފައެވެ. ހަޓުތަކާއި ފާޚާނާ ބަރިއާއި ރަށުގައި ގޮނޑުދޮށްތައް ހެދުމާއި އަދި އާންމު ގިނަ ޚިދުމަތްތައްތަކެއްވެސް ވަނީ މިހާރު ޤާއިމުކޮށްފައެވެ. ނަމަވެސް ރަށް ތަރައްޤީކުރުމުގައި ސަރުކާރުގެ އެންމެބޮޑު އިސްކަމެއް ހުރީ، ޕިކްނިކް އައިލެންޑަކީ "ފެހި"، ޢާންމުންނަށް ބޭނުން ކުރުމަށް ހިތް ފަސޭހަ ތަނަކަށް ހެދުމަށެވެ.

މާލެއިން 10 މިނެޓުގެ ލޯންޗު ދަތުރެއްކޮށް ދެވޭހާ ކައިރީގައި އޮތް ކުޑަގިރި ޕިކްނިކް އައިލެންޑަކީ 8 ހެކްޓަރުގެ ރަށެކެވެ. އަދި 1.5 ހެކްޓަރުގެ ފިނޮޅެއްވެސް މި މަސައްކަތުގައި ހިމެނެއެވެ. ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްޤީކުރީ، ފަރެއް ހިއްކައިގެން ކަމަށްވުމާއެކު، އެންމެ މުހިންމު އެއް މަސައްކަތެއްގެ ގޮތުގައި ކުރަމުންދަނީ، ރަށް ފެހިކުރުމުގެ މަސައްކަތެވެ. އަދި ރަށް ހުޅުވާލުމުގެ ކުރިން، ރަށަށް ދަތުރު ކުރުމާއި ރަށް ބޭނުންކުރާނެ ގޮތުގެ އުސޫލުތައް ހެދުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.

ޕިކްނިކް އައިލެންގެ މަސައްކަތް ކުރަނީ ސަރުކާރުގެ 5 ކުންފުންޏެއް ގުޅިގެންނެވެ. ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ތައްޔާރު ކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންނެވެ. ރަށް ތަރައްޤީކުރުމުގެ މަސައްކަތުގައި ދެން ބައިވެރިވަނީ އެމްޓީސީސީ، އެމްޑަބްލިއެސްސީ ފެނަކަ އަދި ސްޓެލްކޯއެވެ.

މި މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ 2 ފިޔަވައްސަކަށެވެ. ސަރުކާރުން ޕްލޭން ކުރަނީ ޕިކްނިކް އައިލެންޑްގެ ފުރަތަމަ ފިޔަވަހީގައި ހިމަނާފައިވާ، އަސާސީ ޚިދުމަތްތައް ޤާއިމުކޮށް ރަށް ދަތުރުދިއުމަށް ހުޅުވާލުމަށެވެ.

އެގޮތުން ފްރަންޓް އޮފީހަކާއި އިންޖީނުގެއާއި މިސްކިތާއި ދަތުރުދާ މީހުން ބޭނުންކުރުމަށް 15 ހަޓްވެސް ވަނީ ހަދާފައެވެ. އަދި އާއްމު ފާޚާނައެއްވެސް ހަދާފައިވެއެވެ.

މީގެއިތުރުންވެސް ވޯޓަރ ސްޕޯޓްސްއާއި އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ހުންނާނެއެވެ. ރަށުގެ މަސައްކަތް ނިމޭއިރު އެތަނުގައި، ރޭގަނޑު މަޑުކުރެވޭގޮތަށް އެކަމަޑޭޝަން ބޮލޮކްތައްވެސް ހުންނާނެއެވެ. ރަށަށް ބޭނުންވާ ކަރަންޓާ ފެނާއި ނަރުދާމާގެ ޚިދުމަތްތައްވެސް މިހާރު ވަނީ ޤާއިމުކޮށް ނިމިފައެވެ.