ޚަބަރު

ޔޫޓިލިޓީ ޚިދުމަތްތައް އެއްތަނަކުން ދިނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮފީހެއް


ޔޫޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކަށް ޚާއްސަކޮށްފައިވާ އޮފީހެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްކުރުމަށް ނިންމައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ޔޫޓިލިޓީގެ ޚިދުމަތްތައް އެއްތަނަކުން ލިބޭނެ ގޮތް ހެދުމަށް ނިންމާފައިވަނީ ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދީ، ފެންވަރު ރަނގަޅު އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ޔޫޓިލިޓީ ޚިދުމަތްތައް އެއްތަނަކުން ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވަޑައިގެންފައެވެ. އެމަނިކުފާނުގެ މި ޒިޔާރަތުގައި ދެވަނަ ފިޔަވަހީގައި މިވަގުތު ދެމުން އަންނަ ޔޫޓިލިޓީ ޚިދުމަތަކުގެ ޙާލަތު ބައްލަވާލައްވާ، ޚިދުމަތްތަކާގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ.

ނައިބު ރައީސްގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފްއާއި، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖާއި، އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހުގެ އިތުރުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާޠިފް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޒިޔާރަތުގައި ނައިބު ރައީސް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ބައެއް ތަންތަނަށް ޒިރާރަތްކުރައްވާފައެވެ.

ޔޫޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކަށް ޚާއްސަކޮށްފައިވާ އޮފީހެއް ހެދުމަށް ނިންމާފައިވަނީ ހިޔާގެ 11 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައިކަމަށް އެޗް.ޑީ.ސީން ވިދާޅުވިއެވެ. އަދި އެތަނުން ވެމްކޯ، އެމް.ޑަބްލިއު.އެސް.ސީ އަދި ސްޓެލްކޯގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަކަމަށް އެޗް.ޑީ.ސީން ވިދާޅުވިއެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ކުނި އުކާލުމާއި، ކަރަންޓުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން އަންނަނީ ކުރިމަތިވަމުންނެވެ. މިގޮތުން މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި މަސައްކަތްތައް ކުރަމުން އަންނައިރު، ހުޅުމާލޭގެ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އެޗް.ޑީ.ސީން ވަނީ ޚާއްސަ ޓާސްކްފޯހެއްވެސް އެކުލަވާލާފައެވެ.