ޚަބަރު

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް: ވިލިނގިލީގެ ބަނދަރު ތަރައްޤީކުރަން މިމަހު ފަށަނީ


ގއ.ވިލިނގިލީގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަތް މިމަހު ފަހުކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

މަސްވެރި ރަށެއްކަމަށްވާ ވިލިނގިލީގެ ބަނދަރު ވީރާނާވެ، އޭގެ ދަތިކަމާއި އެންމެ ބޮޑަށް ކުރިމަތިލަނީ ރަށުގެ މަސްވެރިންނެވެ.

ގއ.ވިލިނގިލީގެ ބަނދަރަކީ ދެކުނުގެ އެންމެ މުހިންމު އެއް ބަނދަރެވެ. ވިލިނގިއްޔަކީ ދެކުނުގެ މަސްވެރިކަމުގެ ސިނާޢަތުގައި އެންމެ ބޮޑު ޙިއްސާއެއް އޮތް އެއް ރަށެކެވެ. ރަށަށް މަސްވެރިކަމުގެ ސިނާޢަތުން ބޮޑު އާމްދަނީއެއް ވަންނައިރު، ހަމައެކަނި ވިލިނގިލީގައިވެސް ކަންނެއްޔަށްދާ 23 ދޯނި އޮވެއެވެ. ރަށުގެ ބަނދަރުތެރެ ފުރިފައި އޮތީ މަސް ދޯނިތަކުންނެވެ.

ރަށަށް އަންނަމުންދާ ކުރިއެރުމާއެކު އުމްރާނީ ގޮތުން އެންމެ ބޮޑު ދަތިކަމެއްގެ ގޮތުގައި އެމީހުން ފާހަގަކުރާ ބޮޑު މައްސަލައަކީ ރަށުގެ ބަނދަރެވެ. ތިރީހަކަށް އަހަރު ވެފައިވާ އެރަށުގެ ބަނދަރަކީ ރާއްޖޭގެ އެންމެ ބޮޑެތި ބަނދަރުތަކުން ބަނދަރެކެވެ. ނަމަވެސް ދިމާވެފައިވާ ބޮޑު މައްސަލައަކީ ބަނދަރު އޮތް ޙާލަތެކެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް ވިދާޅުވީ ބަނދަރުގެ ޙާލަތާ ގުޅިގެން ރަށުގެ އޮޑިވެރިންނާއި، ޚާއްސަކޮށް މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްކަމަށެވެ. ބަނދަރުގެ އެއްގަމު ތޮށިން ބައިބައި ކެނޑިގެން ވެއްޓުމާއި، އަދި އޮޑިދޯނި އަޅާފައި ބޭއްވޭނެ ޖާގަވެސް ބަނދަރުގައި ނެތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

"މިހާރުވެސް ބަނދަރުން ފައްތިޔާއަށް ޖާގަހޯދުމަށް 4 ދޯންޏަކުން އެދިފައި އެބައޮތް. އެކަމަކު އެއްވެސް ޖާގައެއް ނެތް މިހާރު. މަސްވެރިކަން ކިރިޔާ ރަނގަޅުވެލިއަސް، ރަށު ދޯނީގެ އިތުރުން ސަރަޙައްދުގެ ދޯނިތައްވެސް މި ބަނދަރު ބޭނުންކުރަނީ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ވިޝާލް ވިދާޅުވީ ބަނދަރު ހެދުމަށް އެކި ސަރަކާރުތަކުގައި ޕްލޭން ހަދާތާ 8 ވަރަކަށް އަހަރު ވެއްޖެކަމަށާއި ނަމަވެސް މިކަމުގެ ޢަމަލީ ސިފައެއް ނުފެންނަކަމަށެވެ. ދާދިފަހުންވެސް ބަނދަރުގެ ކުރެހުންތަކެއް ފައިނަލްކޮށްފައިވާކަމަށާއި އަދި އެ ފަރުމާ ހަދާފައިވަނީ ރައްޔިތުން ބޭނުންވި ބަދަލުތަކާއެކުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕޭލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ، މިހާރު ކުރަމުންދަނީ ބަނދަރު މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައްކަމަށެވެ. އެގޮތުން ޑިޒައިންތައް ފައިނަލްކޮށް، މީގެ ޢަމަލީ މަސައްކަތްތައް މިމަހު ފަހުކޮޅު ވިލިނގިލީގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

"2 ބަނދަރަކަށް މިރަށުގެ ބަނދަރު އޮތީ. މިހާރު ހަދާފައިވާ ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، ކުރިއަށް އޮތް 50 އަހަރަށްވެސް އެއްވެސް ދަތިކަމެއް ނެތި ބަނދަރު ބޭނުންކުރެވޭނެ." ވިޝާލް ވިދާޅުވިއެވެ.

ވިލިގިއްޔަކީ ދެކުނުގެ މަސްވެރިކަމުގެ މައި ރަށް، ކޫއްޑޫއާއި އެންމެ ކައިރިން އޮންނަ ރަށެވެ. މިއާއެކު މަސްވެރިކަމާއި ގުޅުންހުރި ހަރަކާތްތައް ވިލިނގިލީގައި ގިނައެވެ. ރަށުގެ ރައްޔިތުންގެ އުއްމީދަކީ، ވީހާވެސް އަވަހަށް ރަށުގެ ބަނދަރުގެ މައްސަލަ ޙައްލުވުމެވެ.