ޚަބަރު

ގަމުގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތްކުރަން ހަވާލުކޮށްފި


ލ. ގަމު ތުނޑީ އަވަށުގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި ފެޑޯ ޕްރައިވެޓް ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒްއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތް ބިނާކުރުމަށް 16.8 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.

މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި އޮިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ދެއްކެވި ވާހަކަފުޅުގައި، އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިހާރު އަލަށް ޢިމާރާތްކުރެވޭ މިސްކިތްތަކަކީ ތަފާތު ރީތި ޑިޒައިންތަކަށް ބިނާކުރެވޭ އިމާރާތްތަކެއްކަން ފާހަގަކުރައްވާ އެ ޑިޒައިންތަކާއި އެއްގޮތަށް، ކޮލިޓީކޮށް މިސްކިތްތަކުގެ މަސައްކަތް ނިންމުމަކީ ސަރުކާރުން ބާރުއަޅުއްވާ ކަމެއްކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން މިސްކިތްތައް ބިނާކުރުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ، ލ. ގަމުގައި މީގެ ކުރިން ބިނާކުރެވުނު މިސްކިތުގެ މަސައްކަތް ހިނގަމުންދިޔަ ގޮތް އިސްލާމިކް މިނިސްޓްރީން ވަރަށް ގާތުން ބައްލަވާ، އެކަމަށް ބެހެއްޓެވި އަހަންމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ލ. ގަމުގައި އިމާރާތްކުރަން އެއްބަސްވެވުނު މިސްކިތުގެ ސަބަބުން އެ ރަށުގެ މިސްކިތްތަކުގެ ޖާގައިގެ ދަތިކަން ހައްލުވާނެކަމަށް ވިދާޅުވިއެވެ.

700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރާމިސްކިތެކެވެ. މި މިސްކިތް އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސްތެރޭގައެވެ.