ސިޔާސީ

އަބުރަށް އަރައިގަތުމަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއްނޫން




މީހެއްގެ އެންމެ
ޝަރަފުވެރި، ކަރާމާތްތެރި ޙައްޤަކީ
އެމީހެއްގެ އަބުރުމަށާއި، އަބުރަށް އަރައިގަތުމަކީ މައްސަލައެއް ނޫންކަމުގައި
މިސަރުކާރުން ބަލައިނުގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ހުޅުމާލެ ކުޑަކުދިންގެ ހިޔާ "ފިޔަވަތި "
ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ދިވެހިރައްޔިތެއްގެ ޙައްޤަކީވެސް އެ ޙައްޤު ފެށޭ ހިސާބާއި
ނިމޭ ހިސާބުގައި އަނެކާގެ ޙައްޤު ހިމެނޭ ކަމެއްކަމަށް އިޝާރާތްކުރައްވަމުން، އަނެކާގެ
ޙައްޤަށް އަރައިނުގަނެ، އެކަކު އަނެކަކަށް ހިތްހަމަޖެހިގެން އުޅެވޭ މުޖުތަމަޢަކަށް
ދިވެހި މުޖުތަމަޢަކަށް ހެއްދެވުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ.



ޢަދާލަތު ޕާޓީގެ
ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރެއްވި ޖަލު
ޙުކުމާ ގުޅިގެން އެކި ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައީސް ޔާމީންގެ
ވާހަކަފުޅުގައި ރައްދުދެއްވިއެވެ. ކޯޓުތަކުން ކުރާ ޙުކުމްތަކަށް ރައީސް ނުފޫޒު ފޯރުއްވާކަމަށް
ކުރީގެ ރައީސަކު ވިދާޅުވުމަކީ ޒިންމާދާރު ވާހާކައެއް ކަމާމެދު ސުވާލު އުފެދޭކަމަށް
ރައީސް ޔާމީން ވިދާޅުވިއެވެ. ކޯޓަކުން ކުރައްވާ އަމުރަކާމެދު ހިތްހަމަނުޖެހޭނަމަ
އެކަން އިސްތިޢުނާފްކުރުމުގެ ދެ މަރުޙަލާއެއް އޮންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.


ދިވެހި ކޮންމެ
ރައްޔިތަކީވެސް ރާއްޖޭގައި އެއްވަރެއްގެ ޙައްޤުތަކެއް އޮތް ރައްޔިތެއްކަން
ކަށަވަރުކޮށްދެއްވަން ސަރުކާރުން ބޭނުންފުޅުވާ ކަމަށާއި ކޮންމެ ރައްޔިތަކީވެސް މުޖުތަމަޢު
ބިނާކުރުމާއި ބައްޓަންކުރުމުގައި ޒިންމާ އުފުލާ މީހަކަށް ވާންޖެހޭ ކަމަށް ރައީސް
ވިދާޅުވިއެވެ. އެކަންކުރެވޭނީ ހުރިހާ އެންމެންނަކީ، ޤާނޫނެއް އޮންނަކަން ދަންނަ
ޤާނޫނަށް އިޙްތިރާމްކުރާ ޤާނޫނަށް ބޯލަނބާ ބަޔަކަށްވެގެން ކަމަށްވެސް ރައީސް
ވިދާޅުވިއެވެ. އަދި އިތުރު ޤާނޫނުތައް ހަދަންޖެހޭނީ ޙައްޤުތައް ފަހަނަޅައިދާ މީހުން
އުޅޭތީކަމަށްވެސް ރައީސް ވިދާޅުވިއެވެ.މިހާރު އަބުރާ
ބެހުމުގެ ކަންކަން އޮތްގޮތުގެ ތަފްޞީލްތަކެއް މިއަންނަ ހަފްތާގައި ރައްޔިތުންގެ
މަޖިލީހަށް ފޮނުއްވާނެ ކަމަށާއި މިއީ ކުށްކުރާ މީހުންގެ ޙައްޤުތަކަށް
އަރައިގަންނައިރު އެޙައްޤުތަކަށް އަރައިގަނެވެނީ ކިހާ މިންވަރަކަށް ދެނެގަނެ،
އެކަމަށް އަރައިގަނެފިނަމަ އެއާއެކު ބައްދަލުކުރަންޖެހޭ އަދަބުތަކެއް ނުވަތަ އުޞޫލުތަކެއް
ހުންނާނެކަން ހަނދާންކޮށްދެއްވުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާ
ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.



މިމައްސަލައާމެދު
ރައްޔިތުންގެ މަޖިލީހުގެ  މެމްބަރުން
ވިސްނާވަޑައިގެންނެވުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.