ޚަބަރު

ރާއްޖޭގައި ޓެލެކޮމް އިންފްރާސްޓްރަކްޗަރ ލައިސަންސް ލިބުނު ފުރަތަމަ ކުންފުންޏަށް އެޗްޑީސީ


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކްގެ ޚިދުމަތަށް، ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް ދޫކޮށްފިއެވެ.

މިއީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ފަރާތުން މި ލައިސަންސް ދޫކުރި ފުރަތަމަ ކުންފުންޏެވެ.

ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް ރަސްމީކޮށް އެޗްޑީސީއާއި ހަވާލުކޮށްދެއްވީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙުމަދުއެވެ. އެޗްޑީސީގެ ފަރާތުން ލައިސަންސާ ހަވާލުވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު އާތިފްއެވެ.

ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސްގެ ދަށުން އެޗް.ޑީ.ސީއަށް ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗަރ ގާއިމުކޮށް، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބޭނުމަށް ވަސީލަތް ދޫކުރުމުގެ ހުއްދަ ލިބެއެވެ. އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކަކީ، މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުގެ ޚިދުމަތް، އެއް ވިއުގައަކުން ގުޅާލާފައިވާ ފަސޭހަ ނިޒާމެކެވެ. އެގޮތުން އެއް ވިއުގައެއްގެ ތެރެއިން ދިރާގު، އުރީދޫ، މިޑިއާނެޓް އަދި އާރްއޯއެލްގެ ޚިދުމަތް އަންނަނީ ދެމުންނެވެ.

އެޗްޑީސީއަށް ރަސްމީކޮށް ލައިސަންސް ދޫކޮށްފައިވަނީ އޯޕަން އެކްސެސްގެ މި ވިއުގައަށް މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ލިބި، މި ވިއުގަ މެދުވެރިކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުނަށް ފޯރުކޮށްދެވެމުން ދާތީކަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ފާހަގަކުރެއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު އާތިފް ވިދާޅުވީ މިއީ ކުންފުނީގެ މުވާސަލާތީ ގުޅުންތަކާއި ގުޅުންހުރި ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ލިބުނު ފުރުޞަތެއްކަމަށެވެ. އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ، ހުޅުމާލޭގެ ރައްޔިތުންގެ ދިރިއުޅުން ލުއިފަސޭހަކުރުމަށް ޓެކްނޮލޮޖީގެ އެހީ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ އީޖާދީ ވިސްނުންތަކަށްކަމަށެވެ. އެގޮތުން މިހާތަނަށް ޤާއިމުކުރި ޚިދުމަތްތައްވެސް އާއްމުން ވަރަށް ބޮޑަށް ބަލައިގަނެފައިވާކަމަށެވެ. "ސްމަރޓް ސިޓީ"އަކަށް ހުޅުމާލެ ހެދުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު މުހިންމު ޚިދުމަތްތަކެއް ފެށުމަށް ތައްޔާރުވެފައިވާކަމަށް އާތިފް ވިދާޅުވިއެވެ.

"އަންނަ އަހަރު ސިޓީ ސަވައިލަންސް ޚިދުމަތް ލޯންޗްކުރަން ތައްޔާރުވެފައި ވަނީ. އަދި ސްމަރޓް ޕާކިންއާއި އިލެކްޓްރިކް ޗަރޖިންގެ އިތުރުން މުނިސިޕަލް ޚިދުމަތްވެސް ޓެކްނޮލޮޖީއާއި ގުޅުވާ ލުއިފަސޭހަކުރުމަށް ދަނީ މަސައްކަތް ކުރަމުން." އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ހުމާލޭ އޯޕަން އެކްސެސް ނެޓްވޯކްގެ ޚިދުމަތް މިވަގުތު ދެނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައިކަމަށާއި ނަމަވެސް އަންނަ އަހަރުގެ ތެރޭގައި ފުރަތަމަ ފިޔަވަހީގައިވެސް މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް)ގެ ސީއީއޯ އިލްޔާސް އަޙުމަދު ވިދާޅުވީ މިއީ މި ލައިސަންސް ދޫކުރިި ފުރަތަމަ ކުންފުނިކަމަށެވެ. އަދި ދާއިމީ ލައިސަންސް ދޫކޮށްފައިވަނީ އާއްމުންގެ އިތުބާރު މި ޚިދުމަތަށް އޮތްކަން ކަށަވަރުކުރުމަށް ވަރަށް ގިނަ ކަންތައްތަކަކަށް ބެލުމަށް ފަހުގައިކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

"މިއީ އަމިއްލައަށް ކުންފުނިތަކުން ނެޓްވޯކްތައް އެޅުމުގެ ބަދަލުގައި ޚަރަދުކުޑަކޮށް ފަސޭހައިން އާއްމުންނަށް ޚިދުމަތް ދިނުމުގެ ވިއުގައެއް. ޓެކްނިކަލް ކަންކަމާއި، ވިޔަފާރީގެގޮތުންވެސް ބެލުމަށް ފަހުގައި ފައިދާހުރި މޮޑެލްއަކަށް ވާތީ ލައިސަންސް ދޫކުރީ" އިލްޔާސް ވިދާޅުވިއެވެ.

އެޗް.ޑީ.ސީން ވަނީ ކާމިޔާބުކަމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެފް.ޓީ.ޓީ.އެޗް (ފައިބަރ ޓު ދަ ހޯމް)ގެ ޚިދުމަތްދޭން ފަށާފައެވެ. އަދި މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން މި ވިއުގައި މެދުވެރިކޮށް ޚިދުމަތްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފޯރުކޮށްދޭތާ މިހާރު އަހަރަކަށް ވުރެން ގިނަ ދުވަސް ވަނީ ވެފައެވެ.

އޯޕަން އެކްސެސް ނެޓުވޯކްގައި އިންޓަނެޓާއި ޓީވީގެ ޚިދުމަތް ހިމެނޭހެން 12000 އަށްވުރެ ގިނަ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މިފަދަ ޒަމާނީ ވިއުގައެއްގެ ސަބަބުން އަގު ހެޔޮވެ، މުއާސަލާތީ ޚިދުމަތްދޭ ފަރާތްތަކަށް އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދެއެވެ.