ޚަބަރު

އިންނަމާދޫ ގެތަކަށް ފެނުގެ ޚިދުމަތް ގުޅައިދޭން ފަށައިފި


ރ.އިންނަމާދޫގައި ރައްކާތެރި ފެން ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން އެރަށު ގެތަކަށް ކަނެކްޝަން ގުޅަން ފަށައިފިއެވެ. މަސައްކަތުގެ ކޮންޓްރެކްޓަރ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީ އިން ވިދާޅުވީ، ގެތަކަށް ފެނުގެ ޚިދުމަތް ގުޅައިދިނުމުގެ މަސަައްކަތުގެ %28 މަސައްކަތް ނިމިފައިވާކަމަށެވެ.


ރައްކާތެރި ސާފު ފެނުގެ ނިޒާމަކީ ރ.އިންނަމާދޫ ރައްޔިތުންނަށް އެދެވޭގޮތުގައި މިހާތަނަށް ނުލިބި އޮތް އެންމެ މުހިންމު އަސާސީ އެއް ޚިދުމަތެވެ. ރައްކާތެރި ފެނުގެ ނިޒާމެއް ނެތްއިރު ވާރޭ ފެން ނަގައިގެން ބޭނުންކުރުމަށްވެސް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. ސަބަބަކީ އެރަށަކީ ފައިބަރުގެ މަސައްކަރްކުރާ ރަށަކަށްވުމުން ފެންނަގާއިރު، ފެނަށް އޭގެ އަސަރު ކޮށްފާނެކަމުގެ ބިރު އޮވެއެވެ. މިއާއެކު އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކާއި ގުޅިފައި އޮތީ އެރަށުގައި ރައްކާތެރި ފެނުގެ ނިޒާމެއް އަވަހަށް ޤާއިމްވެގެން ދިއުމެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ރައްކާތެރި ފެނުގެ ނިޒާމް ޤާއިމްކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން، އިންނަމާދޫގައި މިހާރު ވަނީ ފެނުގެ ވިއުގަ ޤާއިމްކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގައި ފެން އުފެއްދުމަށް އާރުއޯ ޕްލާންޓް އިމާރާތުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ގާތްވެފައެވެ. މިރަށުގައި ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބަހައްޓާ އެއިިން އުފައްދާ ފެން ރައްކާކުރުމަށް 290 ކިއުބިކް މީޓަރުގެ 2 ތާންގީ ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ތާންގީތަކުގެ ބުޑުތަކުގެ މަސަކަތް ނިމި ތާންގީތައް ރޭވުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ތާންގީތައް ރޭވުމުގެ މި މަސައްކަތުގެ %35 ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީ އިން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ދަށުން އެރަށުގައި 8.33 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް އަޅާނެއެވެ. އެކުންފުނިން ބުނީ ފެނުގެ މައި ނެޓްވޯކް އެޅުމުގެ %95 މަސައްކަތް ނިމިފައިވާކަމަށެވެ. ފެނުގެ ނިޒާމް އެރަށުގައި ޤާއިމްކޮށް 220 ކަނެކްޝަންއެއް ގުޅުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް އައިރު 66 ގެއަކަށް މީޓަރު ހަރުކޮށް ފެނުގެ ކަނެކްޝަން ގުޅައިދީ ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވާރޭފެން ރައްކާކުރުމަށް އެއްހާސް ދިހައެއް (1010) ކިއުބިކް މީޓަރުގެ ތާނގީއެއްވެސް ބަހައްޓާނެއެވެ. މިމަޝްރޫޢުގެ ދަށުން ވާރޭ ފެން ހިންދުމަށް ޚާއްސަ ނިޒާމެއް އެރަށުގައި ޤާއިމް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ދަށުން ނުފެށި ވަނީ ދެ މަސައްކަތެކެވެ. އެއީ ވާރޭފެން ނެގުމަށް އަޅާ ހޮޅިލައިންގެ މަސައްކަތާ، ސީ އައުޓްފޯލް އެޅުމުގެ މަސައްކަތެވެ. ސީ އައުޓްފޯލްގެ މަސައްކަތް މި މަސްތެރޭ ބަޔަކާހަވާލު ކުރުމަށް ތައްޔާރުވަމުންދާކަމަށް އެމްޑަބްލިއުއެސްސީ އިން ވިދާޅުވެއެވެ.

ރައްކަތެރި ފެނުގެ ނިޒާމަކަށް މިރަށު މީހުން އެދިއެދި ތިބޭތާ އަހަހަރުތަކެއް ވެއްޖެއެވެ. އެއީ އެރަށަކީ ފައިބަރުމަސައްކަތް ކުރާ ރަށަކަށް ވުމުން ގޭގޭގެ ފުރާޅުތަކުން ވާރޭފެން ނަގައިގެން ބުއިން އެއީ އެރާ ރައްކާތެރިކަމަކަށް ނުވާތީއެވެ. ފައިބަރު މަސައްކަތް ކުރުމަށް ގިނަ ބިން ދޫކޮށްފައިވަނީ ރަށުގެ ހުޅަނގުފަރާތުންނެވެ. އެހެން ކަމުން ހުޅަނގުގެ ވިއްސާރަޔާ ގަދަ ވަޔާއެކު ފައިބަރު ކުނޑި ފުރާޅުގައި ތަތްލާފައި ހުންނަކަމަށް އެރަށު މީހުން ބުނެއެވެ. އެހެން ކަމުން މިފެށޭ އަހަރު މި މަސައްކަތް ނިންމާ ރައްކާތެރި ފެން މިރަށުގެ ރަށްޔިތުންނަށްވެސް ކަށަވަރުވެގެން ދާނެއެވެ.

ރ އިންނަމާދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ 50.7 މިލިއަން ރުފިޔާ އަށެވެ.