ޚަބަރު

ރަޖިސްޓްރީކުރަން ހުށައަޅާ އުޅަނދުތަކުގެ ނަންބަރު އާންމުކުރަން ފަށައިފި


މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ރަޖިސްޓްރީކުރާ ހުރިހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރުތައް ޢާއްމުކުރަން ނިންމައިފިއެވެ.

މިގޮތަށް ނިންމީ އެ މިނިސްޓްރީން ރަޖިސްޓްރީ ކުރަމުންދާ ހުރިހާ އުޅަނދުތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ގޮތުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެއީ ކޮރަޕްޝަނަށް މަގުފަހި ނުވާނޭހެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްކުރުމަށާއި، އެއްވެސް ފަރާތަކަށް ގަވާއިދާ ޚިލާފު ޢަމަލުތައް ހިންގުނަ ނުދިނުމުގެގޮތުން ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ރަޖިސްޓްރީ ކުރާ އެންމެހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު ޢާންމުނަށް ފެންނަން ހުންނާނެހެން މިއަދުން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓްގައި ޢާންމުކުރުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އުޅަނދު ރަޖިސްޓްރީ ނަންބަރުތައް އާއްމުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައިވާއިރު، ޤަވާއިދާއި ޚިލާފަށް އެއްގަމު އުޅަނދު ރަޖިސްޓްރީކުރާ މައްސަލާގައި ފަސްޖެހުމެއް ނެތި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވަނީ މީގެ ކުރިން ދެއްވާފައެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޯޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓަރކޮށްފައިވާ އުޅަނދުތައް ފެންނަމުންދާކަން ފާހަގަކުރެވޭކަމަށެވެ.

ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަކަންކަން ޤަވާއިދުގެ ތެރެއިން ކުރުމަށްޓަކައި އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވާފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީކުރާ ހުރިހާ އުޅަނދުތަކެއްގެ ރަޖިސްޓްރީ ނަންބަރު ޢާންމުކުރަން ނިންމާފައި މިވަނީ، އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާތީއެވެ. އެފަދަ ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ވަނީ ހުށައަޅާފައެވެ. އެމިނިސްޓްރީން ވަނީ ޤަވާއިދާއި ޚިލާފަށް އުޅަނދު ރަޖިސްޓްރީކުރުމުގެ މައްސަލަ ހައްލު ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ރާއްޖޭގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ބޭނުންކުރަށް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ.