ޚަބަރު

ފްލައިދުބާއީގެ ދަތުރުތަކާއެކު ދެކުނުގެ ފަތުރުވެރިކަމަށް އައު އުއްމީދެއް


ފްލައިދުބާއީއިން އައްޑޫއަށް ސީދާ ދަތުރުތައް ފެށުމާއިއެކު، ދެކުނުގެ ފަތުރުވެރިކަމަށް އޮތް ގޮންޖެހުމަށް ބޮޑު ހައްލެއް ލިބޭނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ. ފްލައިދުބާއީން އައްޑޫ ސިޓީއަށް ސީދާ ދަތުރުތައް އަންނަ ފެބުރުއަރީ މަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގެ އެންމެ ދެކުނުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ރާއްޖެއިން ބޭރުން ކުރާ ސީދާ ދަތުރުތައް ނެތުމަކީ، އެ ސަރަހައްދުގައި ފަތުރުވެރިކަން މިހާތަނަށް ކުރިނާރާ އޮތް އެއް ސަބަބުކަމަށް އައްޑޫސިޓީ ކައުންސިލުން ދެކެއެވެ. ނަމަވެސް އެ ގޮންޖެހުމަށް އައު އުއްމީދެއް ގެނެސްދެނީ އައްޑޫސިޓީއަށް އަލަށް ފެށުމަށް ތައްޔާރުވަމުން އަންނަ ފްލައިދުބާއީގެ ދަތުރުތަކެވެ.

ފްލައިދުބާއީން އައްޑޫ ސިޓީއަށް ފެށުމަށް ހަމަޖެހިފައިވާ ސީދާ ދަތުރުތަކުގެ ސަބަބުން ދެކުނުގެ ފަތުރުވެރިކަމަށް އަންނާނެ ބަދަލުތަކާއި، ކުރިއެރުންތަކާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން ކުރިއަރާފައިވާ މިދަނޑިވަޅުގައި، ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުން މުހިންމުކަމަށެވެ. އެކަން ހާސިލްކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން، މިހާރު އެމިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ އައްޑޫސިޓީގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާވެރިންނަށް ބޭނުންވާ އެހީ ފޯރުކޮށްދީ، އެވިޔަފާރިތަކަށް ކުރިމަތިވާނެ ދަތިތައް ހައްލުކޮށްދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު އެހިސާބުގަނޑަށް ދަތުރުފަށާއިރު، ފުރަތަމަ ފަހަރު ބޯޓު ފުރާލާފަ ފަސިންޖަރުން ނުލިބިދާނެ. އެހެންވީމަ އެއީ އެއަރލައިންގެ ވިޔަފާރިއަށް ކުރިމަތިވާނެ ބޮޑު ހީނަރުކަމެއް. އެހެންކަމުން، މުޅި ސަރަހައްދުގެ ޕެކޭޖެއް ހެދި ވިއްކުމުގެ ކަންތައްތައް ކުރުމަކީ މިވަގުތު ވަރަށް މުހިންމުކަމެއް" މިނިސްޓަރ ޑރ.މަޢުޞޫމް ވިދާޅުވިއެވެ.

ދެކުނުގެ ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރު އައްޑޫސިޓީގައި މިދާއިރާގެ ފަރާތްތަކާއެކު ކުރެއްވި މަޝްވަރާތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އެ މަޝްވަރާތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރާކާތްތެރިވާ ވިޔަފާރިވެރިންނަށް އެހިތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާމެދު މަޝްވާރާ ކުރައްވާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، ފަތުރުވެރިންނަށް ޚިދުމަތްތައް ލުއިފަސޭހަކޮށްދިނުމުގެގޮތުން، ގަން އިންޓަނޭޝަލް އެއަރޕޯޓާއިއެކުވެސް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބަލާއިރު، އައްޑޫގެ ގިނަ ޢަދަދެއްގެ ވިޔަފާރިވެރިން މި ސިނާޢަތުގައި ހަރަކާތްތެރިވެއެވެ. އަދި މިދާއިރާގައި އެ ސިޓީގެ ޒުވާނުންގެ ބައިވެރިވުންވެސް އިތުރެވެ. ނަމަވެސް އަމިއްލަ ރަށުގައި ތިބެގެން މި ސިނާއަތުގައި މަސައްކަތްކުރުމަށް ގޮންޖެހުން ހުރިކަން ޒުވާނުން ފާހަގަކުރެއެވެ.

ޤުދުރަތީ ގިނަ ވަސީލަތްތައް އައްޑޫގައިހުރި ނަމަވެސް، އެންމެ އެކަށީގެންވާ ގޮތެއްގައި ފަތުރުވެރިކަން އަދި އައްޑޫގައި ފަށައިގަނެވިފައެއްނެތްކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެހެންނަމަވެސް ޔޫ.އޭ.އީގެ ބަޖެޓް އެއަރލައިން، ފްލައިދުބާއީން އަންނަ ފެބްރުއަރީމަހުން ފެށިގެން އައްޑޫއަށް ސީދާ ދަތުރުތައް ފެށުމުން މިއީ ދެކުނުގެ ފަތުރުވެރިކަމުގެ މިސްރާބު ބަދަލުކޮށްލާނެ ކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.