ޚަބަރު

އާންމުންގެ ގިނަ ބަޔެއްގެ މަޤްބޫލުކަން "ވިކްރަމްއަދިތްޔާ" ހޯދައިފި


ރާއްޖެއަށް މިހާރު ރަޙުމަތްތެރިކަމުގެ ދަތުރެއްގައި އައިސް އުޅޭ އިންޑިއާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު އައި.އެން.އެސް ވިކްރަމްއަދިތްޔާ އާންމުންގެ ގިނަ ބަޔެއްގެ މަޤްބޫލުކަން ހޯދައިފިއެވެ. މަނަވަރަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ހުޅުވާލުމުން، ހަތަރު ހާހަށްވުރެ ގިނަ މީހުން މަނަވަރަށް ޒިޔާރަތްކުރިކަމަށް މަނަވަރުގެ އޮފިޝަލުން ވިދާޅުވެއެވެ.މީގެތެރޭގައި ދޮށީއުމުގެ މީހުންނާއި، ޒުވާނުންނާ، ވަރަށް ތުއްތު ތުއްތު ކުދިންވެސް ހިމެނެއެވެ. މަނަވަރަށް ޒިޔާރަތްކުރި އެންމެންވެސް އުޅުނީ ފޮޓޯ ނެގުމާއި، ސެލްފީ ނެގުމާއި، މަނަވަރުގެ ބައެއް އޮފިސަރުންނާ ވާހަކަ ދެއްކުމާއި މައުލޫމާތު ހޯދުމުގައެވެ.ދިވެހިންނަށް މަނަވަރަށް ދާން ހުޅުވާލުމަކީ، ލިބުނު އުފާވެރި ފުރުޞަތަކަށް މިވަނީ ވެފައެވެ. މަނަވަރަށް ޒިޔާރަތްކުރި އެންމެންގެވެސް ޝައުގުވެރިކަން އެންމެ ބޮޑަށް ހުއްޓިފައިހުރީ މިމަނަވަރުގައި ހުރި މިގް 29 ފައިޓަރ ޖެޓްތަކާއި ހެލިކޮޕްޓަރުތަކަށެވެ. މިމަނަވަރަށް ޒިޔާރަތްކުރި ފަރާތްތަކުގެ ތެރެއިން ދުވަސްވީ ދެމަފިރިއަކު ބުނީ މިއީ މިފަދަ ފުރުޞަތެއް ޢުމުރުގައި ލިބުނު ފުރުތަމަ ފަހަރުކަމަށެވެ. އަދި މިއީ މިފަދަ އެންމެފަހު ފުރުޞަތައްވެސް ވެދާނެކަމަށެވެ. މި ދެމަފިރިން ވަނީ މިކަން ރާއްވަވައިދެއްވީތީ އިންޑީއާގެ ހައިކޮމިޝަން އަދި މަނަވަރުގެ ފަރާތަތްކަށް ޝުކުރު އަދާކޮށްފައެވެ. މިމަނަވަރަށް ގިނަ އަދަދެއްގެ ޒުވާނުންވެސް ޒިޔާރަތް ތަން ފެނިގެން ދިޔައެވެ. އެ ޒުވާނުންވެސް މިކަން ސިފަކުރީ އުފާވެރިކަމެއްގެ ގޮތުގައެވެ. ކުޑަކުދިން މިމަނަވަރު ސިފަކުރަނީ ބޮޑު ރަށެއްގެ ގޮތުގައެވެ. އެކުދިން މަނަވަރަށް އެރުމަށްފަހު ކަނޑުމަތީގައި އޮތް އުޅަނދެއްގައި އުޅޭ ގޮތާ ތަފާތުކޮށް ފެނިގެން ދިޔައެވެ. ދުވެ، ކުޅެ އަދި ހީސަމާސާކުރާ މަންޒަރު ފެނިގެންދިޔައެވެ. މަނަވަރަށް ޒިޔާރަތްކުރި ކުޑަކުދިންނާ  ވާހަކަ ދައްކާލުމުން އެކުދިން މިކަން ސިފަކުރީ އާދަޔާ ޚިލާފުކަމެއްގެ ގޮތުގައެވެ. ރަޙުމަތްތެރިކަމުގެ ދަތުރެގައި އިންޑިއާގެ ތިން މަނަވަރެއްކަމަށްވާ، އައި.އެން.އެސް ވިކްރަމްއަދިތްޔާ، އައި.އެން.އެސް މައިސޫރު އަދި އައި.އެން.އެސް ދީޕަކް ރާއްޖެ އައިސްފައިވަނީ މިމަހުގެ ފަނަރަ ވަނަ ދުވަހުއެވެ. މިމަނަވަރުތައް ރާޢްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. ފުރުމުގެ ކުރިން އިންޑިއާގެ އަސްކަރީ ސިފައިންނާއި ރާއްޖޭގެ އަސްކަރީ ސިފައިން ކަނޑުމަތީގެ ތަމްރީންތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.