ޚަބަރު

މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ: މިހާރު ކުރިއަށްދަނީ ކޯޒްވޭއާ ގުޅޭ މަގުތައް ހެދުން


ގދ. މަޑަވެލި އާއި ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢުގެ ދަށުން، ބްރިޖް ދެވެން އޮންނަ މަގުތައް ސާފުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް މަސައްކަތް ކުރާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ހާމަކޮށްފިއެވެ. އެމްޓީސީސީން ބުނީ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ކުރީ ސަރުކާރުން އަޅާފައިވާ ކޯޒްވޭގެ ސަބަބުން ތިމާވެށީގެ ގިނަ މައްސަލަތަކެއް ދެރަށަށްވެސް ކުރިމަތިވަމުން ދިއައެވެ. އޭގެތެރޭގައި ކޯޒްވޭ ހަދާފައި އޮތްގޮތުން ރަށްގިރުމާއި ދެރަށަށް ރާޅުއެރުމާ ކޯޒްވޭ މައްޗައް ރާޅު އެރުންފަދަ ކަންކަން އައީ ކުރިމަތިވަމުންނެވެ. މިމައްސަލަ ބޮޑުވުމުން ރައްޔިތުން ނުކުމެ 2018 ވަނައަހަރު ކޯޒްވޭގެ މެދުން ވެލިގަނޑު ކަނޑާލާ އޮއެދެމޭގޮތަށް ހެދިއެވެ. ނަމަވެސް
ކޯޒްވޭ ނެތުމުން އެތައް ގޮންޖެހުމެއް ރައްޔިތުންނަށް ކުރިމަތިވަމުން ދިއުމާ ގުޅިންގެ 2019 ވަނަ އަހަރު އެކޯޒްވޭ އަލުން ގުޅާލިއެވެ.

މިކަމަށް ހައްލެއް ހޯދާދިނުމުގެ ގޮތުން މިހާރު އޮތް އެކޯޒްވޭ ނަގާ ގދ. މަޑަވެލި އާއި ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސަރުކާރުންވަނީ އެމްޓީސީސީ އާ ހަވާލުކޮށްފައެވެ. މިކޯޒްވޭ އަޅަނީ މަޑަވެއްޔާއި ހޯޑެއްދޫ ދެމެދުގައި އޮންނަ ގދ.ހާދު ކިޔާ ކުޑަ ފަޅުރަށް ހުރަސްކޮށެވެ. އެގޮތުން 223 މީޓަރުގެ ބްރިޖަކުން ގދ.މަޑަވެއްޔާއި ގދ.ހާދޫ ގުޅާލުމަށްފަހު، 160 މީޓަރުގެ ބްރިޖަކުން ގދ.ހާދޫ އާއި ގދ.ހޯނޑެއްދޫ ގުޅާލާނެއެވެ.

ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވިރުޝާން ވިދާޅުވީ ކޯޒްވޭ ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ކޯޒްވޭ އާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތާއި ސައިޓް އެޅުމުގެ މަސައްކަތްކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުމާއި، ރެއިލިންގ، އަދި މަގުބައްތިއާ މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަޑަވެލި ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅާލެވުމުން އިޤްތިސާދީ ގޮތުން ދެރަށަށްވެސް ކުރިއެރުންތަކެއް ލިބޭނެކަމަށް ކައުންސިލްތަކުން ވިދާޅުވެއެވެ. އަދި ވަޒީފާ އަދާކުރަން އެއްރަށުން އަނެއްރަށަށް ދާ ފަރާތްތަކަށްވެސް މިކޯޒްވޭގެ ސަބަބުން ފަސޭހަތަކެއް ވެގެންދާނެއެވެ. އަދި ވިޔަފާރިވެރިންނަށްވެސް އެއްރަށުން އަނެއްރަށަށް މުދާ ގެންދިއުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށް މި ދެރަށު ކައުންސިލުން ވިދާޅުވެއެވެ.

އޮއި ދެމޭގޮތައް ޒަމާނީ ގޮތަކަށް ފަރުމާކޮށް ހަދާ މި ކޯޒްވޭގެ މަސައްކަތައް 84.17 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.