މަސްވެރިންގެ ދުވަހާއި ދިމާކޮށް ގދ. ފަރެސްމާތޮޑާއި ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބާއްވައިފިއެވެ. މިހަވީރު އިންތިޒާމުކޮށްފައިވަނީ މިފްކޯއިންނެވެ.
ކުޑަކުދިންނާއި ޢާއިލާތަކަށް އުފާވެރި ވަގުތުކޮޅެއް ފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ މިހަވީރަށް ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ. މިފްކޯއިން އިންތިޒާމުކުރި މިހަވީރުގައި ކުޑަކުދިންނާއި ގުޅޭ އެތައް ކުޅިވަރު ތަކަކާއި އެކި ހަރަކާތްތައް ހިނގުމަށް ގިނަ ސްޓޯލްތަކެއް ބަހައްޓާފައިވެއެވެ.
ހަވީރުގެ ތެރެއިން މިފްކޯއިން ވަނީ ފަރެސްމާތޮޑާ ސްކޫލަށް ޓީވީއެއް ހަދިޔާކޮށްފައެވެ. އަދި ސްކޫލަށް ބޭނުންވާ ބައެއް އެހެނިހެން ވަޞީލަތްވެސް ވަނީ ހަދިޔާކޮށްފައެވެ. މި ހަވީރުގެ ތެރެއިން ކުޅިވަރުތަކުގައި ވަނަވަނައަށް ދިޔަ ކުދިންނަށް އިނާމުވަނީ ދީފައެވެ.
މަސްވެރިންގެ ދުވަސް މިއަހަރު ކުލަގަދަކޮށް ގދ. ފަރެސްމާތޮޑާގައި އަންނަނީ ފާހަގަކުރަމުންނެވެ. މިދުވަސް ފާހަގަކުރުމަށް މަސްވެރިންގެ ފޯރަމެއްވަނީ ބާއްވާފައެވެ.
މީގެއިތުރުން ފިޝަރީޒް އެކްސްޕޯއެއްވެސް ވަނީ މަސްވެރިންނަށް ޢަމާޒްކޮށް ބާއްވާފައެވެ. އަދި ހުވަދޫ ސްކޫލްގެ ދަރިވަރުންނަށް މަސްވެރިކަމާއި ގުޅޭ ދާއިރާއާއި ގުޅޭ އެކި މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. ބިގް ފިޝް މޯލްޑިވްސްއާއި، ފިޝަރީޒް މިނިސްޓްރީ ގުޅިގެން ފަރުމަސް ބޭނުމުގެ މުބާރާތެއްވެސް ދުވަހާއި ގުޅިގެންވަނީ ކުރިއަށްގެންގޮސްފައެވެ.