ވިޔަފާރި

ދަތުރުކުރަން އެންމެ ފަސޭހަ ޤައުމުތަކުގެ ލިސްޓުގެ 1ވަނާގައި ރާއްޖެ


މުޅި ދުނިޔެއިން ދަތުރުކުރަން އެންމެ ފަސޭހަ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ރާއްޖެ ހިމެނިއްޖެއެވެ. ސީއެންއެންއިން ދިރާސާކޮށް ތައްޔާރުކޮށްފައިވާ މި ލިސްޓުގައި ރާއްޖެއޮތީ ދުނިޔޭގައި ދަތުރުކުރުމަށް އެންމެ ފަހި އަދި ރައްކާތެރި މަންޒިލުގެ 1 ވަނައިގައެވެ.

މުޅި ދުނިޔޭންވެސް ދަތުރުކުރުމަށް އެންމެ ފަސޭހަ ޤައުމުތައް ނުވަތަ ”ދި ވޯލްޑްސް މޮސްޓް ވެލްކަމިންގ ކަންޓްރީސް އޮފް 2022” ގައި ޤައުމުތައް ހިމަނާފައިވަނީ ތަފާތު ގިނަ ކަންތައްތަކަކަށް ބަލައިގެންނެވެ. އޭގެތެރޭގައި އެ ޤައުމަކަށް އެތެރެވުމަށް ވިސާ ފްރީ ކިތައް ޤައުމަކަށްތޯއާއި، ވިސާ އޮންއެރައިވަލްއާއި، ދަތުރުކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާ މިންވަރު ފަދަ މުހިންމު ގިނަ ކަންކަމަށް ވަނީ ބަލާފައެވެ.

ސީއެންއެންގެ މުޅި ދުނިޔޭންވެސް ދަތުރުކުރަން އެންމެ ފަސޭހަ އަދި އެންމެ ބޮޑަށް މަރުހަބާކިޔާ ޤައުމުތަކުގެ ލިސްޓުގެ 1 ވަނައިގައި ރާއްޖެ ހިމެނިފައިވާއިރު، ރާއްޖެއާއިއެކު މި ލިސްޓުގެ 1 ވަނައިގައި އިތުރު 24 ޤައުމެއް ވަނީ ހިމެނިފައެވެ. އޭގެތެރޭގައި އެންގޯލާ، މަލާވީ، ޤަތަރު، ނައިޖީރިއާ، ސައުތު ސޫދާން، ކޮންގޯ، ރުވާންޑާ، ކެންބޯޑިއާ އަދި އިތިއޯޕިއާ ފަދަ ބައެއް ޤައުމުތައް ހިމެނެއެވެ.

ރާއްޖެއާއި އަވަށްޓެރި އެހެން ބައެއް ޤައުމުތަކަށް ބަލާއިރު މެލޭޝިއާ ހިމެނެނީ ލިސްޓުގެ 4 ވަނައިގައެވެ. ބޫޓާން ހިމެނެނީ އެންމެ ކުޑަކޮށް ހުޅުވިފައިވާ ޤައުމުތަކުގެ ލިސްޓުގައެވެ. އަދި ލިސްޓުގައިވާގޮތުން ފަތުރުވެރިންނަށް ދަތުރުކުރަން އެންމެ އުނދަގޫ ޤައުމުތަކުގެ ލިސްޓުގައި ހިމެނެނީ ނޯތު ކޮރެއާ، ތުރުކިމިނިސްތާން އަދި އަފްގާނިސްތާނެވެ.

ރާއްޖެއަކީ އަބަދުވެސް ފަތުރުވެރިންނަށް މަރުހަބާކިޔާ މެހެމާންދާރީގައި ނަމޫނާ ޤައުމެކެވެ. މިކަމުގެ އެންމެ އަލިގަދަ ހެއްކަކީ ދިވެހިންގެ މެހެމާންދާރީ ފެނި ރާއްޖެއަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވުމެވެ. އަދި އަނބުރާ ޤައުމަށްގޮސް ރާއްޖެއާއި ބެހޭގޮތުން އެމީހުން ލިޔެފައި ހުންނަ ލިޔުންތަކުންވެސް މިކަމަށް ހެކިދެއެވެ.

ކޯވިޑް19 އަށްފަހު 2020 ވަނަ އަހަރުގެ ޖުލައިމަހު ރާއްޖޭގެ ބޯޑަރު އަލުން ފަތުރުވެރިންނަށް ހުޅުވާލުމާއިއެކު ރާއްޖެއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން ދަނީ އަންނަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،528،841 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ރާއްޖެއިން އަމާޒުހިފާފައިވަނީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.

ރާއްޖެއިން ޖެހިޖެހިގެން 3 ފަހަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފްވެރި ”ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން“ އެވޯޑް ހާސިލްކޮށްފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު އެންމެ ބޮޑު ޝަރަފެވެ.

ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔޭގައި އިޝްތިހާރުކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް އެމްއެމްޕީއާރުސީއާއި މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.