މާދަމާއިން ފެށިގެން އާރްޓީއެލްގެ ދަށުން މާލޭގައި ދެވޭ ބަހުގެ ޚިދުމަތަށް ބައެއް ބަދަލު އަންނާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
މިގޮތުން ބަދަލު ގެނައުމަށް ނިންމާފައިވަނީ އޯކިޑް ރޫޓުގައި ދެމުންދާ ބަހުގެ ޚިދުމަތަށްކަމަށް އެމްޓީސީސީން ބުނެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން މާލޭގައި ދެމުންދާ މިނީ ބަހުގެ ޚިދުމަތް ދިނުމުގައި ޢާއްމުންނަށް ފަސޭހަވާނެ ބައެއް ބަދަލުތައް އެކުންފުނިން އަންނަނީ ގެންނަމުންނެވެ. އެގޮތުން މާލޭގައި ދެމުންދާ އާރްޓީއެލް ބަހުގެ ޚިދުމަތްތަކުގެ ތެރެއިން ބައެއް ރޫޓުތަކުގައި ހުރި ބައެއް ބަސް ހުއްޓިތައް އުނިކޮށް، ގިނަ މީހުން އެދޭ ބައެއް ސަރަޙައްދުތަކަށް މިހާރުވަނީ ބަސް ހުއްޓިތައް އިތުރުކޮށްފައެވެ.
ދެ ބަސް ހުއްޓިއެއް އުނިކޮށްފައިވާއިރު އެއީ ބޮޑުތަކުރުފާނު މަގު، ވެސްޓް ޕާކް ބަސްހުއްޓިއާއި، މަޖީދީ މަގު، ސޯޝަލް ސެންޓަރު ކައިރީ ހުންނަ ބަސް ހުއްޓިއެވެ. އަދި އިތުރު ކޮށްފައިވާ 4 ބަސް ހުއްޓީގެ ތެރޭގައި ހިމެނެނީ، ބޮޑުތަކުރުފާނު މަގުގެ، ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ ބަސް ހުއްޓިއަކާއި، ކަނބާއައިސަރަނި ހިނގުމުގައި، ސޯޝަލް ސެންޓަރު ކައިރީ ބަސްހުއްޓިއާއި، ކަނބާއައިސަރަނި ހިނގުމުގައި އައިޖީއެމްއެޗް ކައިރީ އަލަށް ޤާއިމުކުރި ބަސްހުއްޓިއާއި، އަމީނީ މަގުން، މާފަންނު ފެރީ ޓަރމިނަލް ކައިރީ އިތުރުކުރި ބަސްހުއްޓިއެވެ.
އޯކިޑް ރޫޓުގައި ދެވޭ ބަހުގެ ޚިދުމަތަށް މިބަދަލު ހޮނިހިރު ދުވަހުން ފެށިގެން އަންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/tFpoox3clV
— MTCC Plc (@MTCCPlc) December 8, 2022
އާރްޓީއެލްގެ ދަށުން އެއްގަމާއި ކަނޑުގެ ދަތުރުފަތުގެ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. މީގެއިތުރުން މާލޭގައި ޢާއްމު ދަތުރުފަތުގެ ނިޒާމެއް ޤާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ ސަރުކާރުން ގެންގުޅޭ ވެހިކަލް ކޮންޓްރޯލްކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފެށުމުގެ ކުރިން ޢާއްމުންނަށް ބަރޯސާވެވޭފަދަ ނެޓްވޯކަކުން ބަހުގެ ޚިދުމަތް މާލޭގައި ދިނުމެވެ. އެގޮތުން އެމްޓީސީސީގެ އެންމެ ބޮޑު އަމާޒަކީ ޢާއްމުންނަށް ވީހާވެސް ބޮޑަށް ލުއިފަސޭހަވާނެ ފަދަ އަދި އެންމެ ބޭނުންވާ ސަރަޙައްދުތަކަށް ބަހުގައި ދެވޭނެ މަގު ފަހިކޮށްދިނުމެވެ.
މިޚިދުމަތް މިހާރަށްވުރެވެސް ފަހިކޮށް ތިމާވެއްޓާއިވެސް ރައްޓެހިގޮތެއްގައި ފޯރުދިނުމަށް އެމްޓީސީސީން މިހާރު ވަނީ އިލެކްޓްރިކް ބަސްތަކެއް މާލެ ގެނެސްފައެވެ. މިބަސްތަކުގައި ޚިދުމަތް ފެށުމަށް މީހުން ތަމްރީނުކުރުމާއި ބަސްތައް ޓެސްޓުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް އެމްޓީސީސއިން ބުނެއެވެ.