ވިޔަފާރި

ތަރައްޤީގެ ގިނަ މަސައްކަތްތަކާއިއެކު މަސްވެރިކަން އިތުރު ހަރުފަތަކަށް!


ރާއްޖޭގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1981 ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، މަސްވެރިންކަން ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އެ މަސައްކަތް ދިރުވާ އާލާކުރުމާއި، މަސްވެރިކަމަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތައް ދެނެގަނެ ސަރުކާރުން އެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އެންގުމެވެ.

މަސްވެރިކަމަކީ ރާއްޖޭގައި އެންމެ އިހު ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތެކެވެ. ރާއްޖޭގެ އިޤްތިޞާދުގައި މަސްވެރިކަމުގެ ދައުރު ނުހަނު ބޮޑެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. ކޯވިޑް-19 ގެ ހާލަތުގައި އިޤްތިޞާދު ހުއްޓުނު ވަގުތުގައިވެސް ނުހުއްޓި ކުރިއަށްދިޔަ އިޤްތިޞާދީ މަސައްކަތަކަށް މަސްވެރިކަން ވާނެއެވެ.

މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ މަސްވެރިން ބާނާ މަސް ކިރުވުމުގައި ހުރި ގޮންޖެހުންތަކެވެ. މި ހުރިހާ ކަމެއް ހައްލުކޮށްދެއްވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތެރިކަމެއް ކުރަމުންނެވެ.

މިކަމަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ވަނީ މިފްކޯގެ މަސްގަންނަ ސެންޓަރުތައް އަޕްގްރޭޑުކުރުމަށްވެސް ބޮޑެތި މަޝްރޫޢުތަކެއް ފަށާފައެވެ. އެގޮތުން ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމުކުރާނެއެވެ. އަދި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަޞީލަތްތައްވެސް ޤާއިމުކުރާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ %48 އިތުރުވެގެން ދާނެއެވެ. އަދި ފްރީޒިންގ ކެޕޭސިޓީ %37 އިތުރުވެގެންދާނެކަން ސަރުކާރުން ހާމަކުރައްވައެވެ. އަދި މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން މަސް ކިރަން މިފްކޯއިން އިތުރު 3 ބޯޓުވެސް ދާދިފަހުން މިފްކޯއިން ވަނީ ގަނެފައެވެ.

މަސްވެރިންނަށް ފަސޭހަކަމާއިއެކު އައިސް ލިބުމުގައި ހުރި ދަތުތައް ހައްލުކޮށްދެއްވުމުގެ ގޮތުން ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ 20 ރަށެއްގައި މިހާރުވެސް އައިސްޕްލާންޓްތައް އަންނަނީ ހިންގަމުންނެވެ. އަދި އައިސްޕްލާންޓްތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި، އައު އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މީގެއިތުރުން އައިސް ހޯދުމަށް މަސްވެރިން ކުރަންޖެހޭ ދަތުރާއި ޙަރަދު ކުޑަކުރުމަށް ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތަކީވެސް ސަރުކާރުން ވަރަށް މުހިންމު އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެކެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެފައިވަނީ ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމުކުރުމަށް މިއަހަރުގެ ތެރޭގައި 59 މިލިއަން ރުފިޔާގެ ލުއި ލޯނު ސަރުކާރުން ދޫކުރައްވާނެކަމަށެވެ.

އެގޮތުން މި ލޯނު ޖުމްލަ 118 މަސް ދޯންޏަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާރުވެސް އެސްއެމްއީ ބޭންކް މެދުވެރިކޮށް މި ލޯނަށް އެދުމުގެ ފުރުސަތު މަސްދޯނިތަކަށް ވަނީ ހުޅުވާލާފައެވެ.

މި ސަރުކާރުން ދަނީ މަސްވެރިންގެ ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއްވެސް ކުރައްވަމުންނެވެ. އެގޮތުން މަސްވެރިންގެ ފިއުލް ސަބްސިޑީއަށް ފާއިތުވީ 3 އަހަރު ދައުލަތުގެ ބަޖެޓުން 2.8 މިލިއަނަށްވުރެ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މަސްވެރިކަމުގެ ސިނާއަތަކީ ކުރިއަރާފައިވާ އަދި ރައްޔިތުންގެ އިތުބާރު ލިބޭ އަދި މަސްވެރިންކަންކުރާ ބުރަ މަސައްކަތަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތްތަކެއް ހެއްދެވުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިކަމާ ބެހޭ ޤާނޫނު އިސްލާޙުކޮށް، ޒަމާނަށް ފެތޭ ޤާނޫނެއް ވަނީ ވުޖޫދަށް ގެނެސްފައެވެ. މިއީވެސް ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންގެންދާ މުހިންމު މަސައްކަތެކެވެ.

މީގެ އިތުރުން މަސްވެރިކަމުގައި ބޭނުންކުރާ އެކި އާލާތްތަކުން ޑިއުޓީ ކަނޑާލުމުން އެކަންކަމަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަވިއެވެ. މަސްވެރިކަން ކުރިއަރުވާ ރާއްޖެއިން ބޭރަށް މަސްބޭރުމުގައި ގެންގުޅޭ އުކުޅުތައް ބަދަލުކޮށް ބޭރު ދުނިޔޭގެ ރަގަޅު މާކެޓްކުރުމަކީވެސް ސަރުކާރުން ކުރަމުންގެންދާ މަސައްކަތެކެވެ.

ފާއިތުވެ ދިޔަ 15 އަހަރުގެ ތެރޭގާ އެންމެ ގިނަ މަސް މިފްކޯ އަށް ކިރާފައިވަނީވެސް މި ސަރުކާރުގެ މި މުއްދަތުގައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ގދ. ފަރެސްމާތޮޑާގައެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހު މަސްވެރިންގެ އެޕް ލޯންޗްކުރުމާއި، މިފްކޯގެ އައު ޕްރޮޑަކްޓްތަކެއް ލޯންޗްކުރުންވެސް އޮންނާނެކަމަށް މިފްކޯއިން ވިދާޅުވެއެވެ.