ޚަބަރު

އިޤްތިޞާދީ ކަންކަން ބެލެހެއްޓުމަށް ރާއްޖެއިން ނިންމީ އުނދަގޫ ރަނގަޅު ނިންމުންތަކެއް: ވޯލްޑް ބޭންކް


އިޤްތިޞާދީ ކަންކަން ބެލެހެއްޓުމަށް ދިވެހި ސަރުކާރުން ނިންމެވީ އުނދަގޫ އެހެންނަމަވެސް ރަނގަޅު ނިންމެވުންތަކެއްކަން ފާހަގަކުރައްވައި އެކަންކަމަށް ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް މާޓިން ރޭއިސް ތަޢުރީފުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުން، ވޯލްޑް ބެންކްގެ ދެކުނު އޭޝިއާގެ ނައިބު ރައީސް މާޓިން ރޭއިސް ވިދާޅުވީ ސަރުކާރުން ނިންމެވި އުނދަގޫ އެހެންނަމަވެސް ބޭނުންތެރި ނިންމުންތަކުގެ ރަނގަޅު ނަތީޖާ ކުރިއަށް އޮތްދުވަސްތަކުގައި ފެނިގެންދިޔުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އާރާސްތުކޮށް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި ވޯލްޑް ބޭންކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން މާޓިންވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.


މިބައްދަލުކުރެއްވުމުގައި ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވަރކްގެ މައްޗަށް އަލިއަޅުވާލައްވައި އެ ފްރޭމްވޯކްގައި މައިގަނޑު އަމާޒު ހިފާފައިވާ ތިން ދާއިރާއަކީ އިޤްތިޞާދީ ވިލުންތެރިކަމަށާއި އިޤްތިޞާދު ކުރިއެރުވުމަށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، އިންސާނީ ވަޞީލަތް ބިނާކުރުމަށްކަން ވޯލްޑް ބޭންކުގެ ނައިބު ރައީސްވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއިން ވޯލްޑް ބޭންކާ ގުޅުމަށްފަހު، ރާއްޖޭގެ ކުރިއެރުމަށް ވޯލްޑް ބޭންކުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަންވަނީ ފާހަގަކުރައްވާފައެވެ. ދެބޭފުޅުންގެ މަޝްވަރާތަކުގައި ރާއްޖެއާ ވޯލްޑް ބޭންކާ ދެމެދު އޮތް ބިނާކުރަނިވި ގުޅުމުގެ މައްޗަށްވަނީ އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ރާއްޖެއިން އިޤްތިޞާދީގޮތުން އަޅަމުންދާ ފިޔަވަޅުތަކަކީ ވޯލްޑް ބޭންކުގެ ލަފައާ އެއްގޮތަށް އަޅަމުންދާ ފިޔަވަޅުތަކެއްކަން ރައީސުލްޖުމްހޫރިއްޔާވަނީ ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ކުރިމަގުގައިވެސް ދެފަރާތުގެ ދެމެދު އެއްބާރުން އިތުރުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.