ޚަބަރު

6 އެއަރޕޯޓް ތަރައްޤީކުރުމަށް ފައިނޭންސްކުރަން އިތުރު 2 ކުންފުންޏަކާއެކު އެއްބަސްވުމަކަށް


ރާއްޖޭގައި ޑޮމެސްޓިކް 6 އެއަރޕޯޓް ތަރައްޤީކުރުމަށް ފައިނޭންސްކުރުމަށް އިތުރު 2 ކުންފުންޏަކާއެކު ސަރުކާރުން އެއްބަސްވުން ޤާއިމުކޮށްފިއެވެ.

ޑޮމެސްޓިކް 6 އެއަރޕޯޓު ތަރައްޤީކުރުމަށް ފައިނޭންސްކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އިންފްރާސްޓަކްޗަރއިން އެއްބަސްވުން އެކުލަވާލާފައިވަނީ އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސްއާއި ރޭންކް ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓްއާއެކުއެވެ.

އެއަރޕޯޓް ތަރައްޤީކުރުމަށް ފައިނޭންސް ކުރުމަށް ހުޅުވާލުމުން މީގެކުރިން އެކަމަށް ޝައުގުވެރިކަން ފާޅުކުރި ދެކުންފުންޏަކާއެކުވެސް މިނިސްޓްރީންވަނީ ކުރިން އެއްބަސްވުން އެކުލަވާލާފައެވެ. އެއީ މުނި އެންޓަ ޕްރައިސަސްއާއި ދެކުނު ދުނި އިންވެސްޓްމަންޓެވެ.


ސަރުކާރުން އެއަރޕޯޓު ތަރައްޤީކުރުމަށް ހުޅުވާލާފައިވަނީ، ހދ. މަކުނުދޫއާއި، ބ. ތުޅާދޫއާއި، ށ. ބިލެތްފަހީގެ އިތުރުން ތ. ވިލުފުއްޓާއި، ފ. މަގޫދޫ އާއި ރ. އަލިފުށީގައެވެ. މިރަށްރަށުގައި އެއަރޕޯޓު ތަރައްޤީކުރުމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މީގެތެރެއިން ރ.އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމާއި ފ.މަގޫދޫ ބިން ހިއްކާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްވަނީ އެމްޓީސީސީއާއި ޙަވާލުކޮށްފައެވެ. އަދި މިހާރު އަލިފުށީގައި ބިން ހިއްކާ ނިމިގެން އެއަރޕޯޓުގެ މަސައްކަތް ކުރަމުން އަންނައިރު މަގޫދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީންވަނީ ފަށާފައެވެ.

6 އެއަރޕޯޓު ތަރައްޤީކުރުމަށް އެންމެ ފުރަތަމަ ހުޅުވާލީ މުޅި އެއަރޕޯޓު ތަރައްޤީކުރުމަށް ނުވަތަ އެކަމަށް ފައިނޭންސްކުރުމަށެވެ. އަދި މިކަމަށް އެންމެ މަދުން ފައިސާ ހުށައެޅޭނެ ޢަދަދަކީ 5 މިލިއަން ޑޮލަރުކަމަށް އޭރުވަނީ ކަނޑައަޅާފައެވެ. ނަމަވެސް ފަހުން މިއުސޫލަށް ބަދަލުގެނެސް އެއަރޕޯޓު ތަރައްޤީކުރުމަށް ނުވަތަ އޭގެއިން ބައެއް ތަރައްޤީކުރުމަށް ފައިނޭންސްކުރުމަށް ހުށައެޅޭގޮތަށްވަނީ ބަދަލު ގެނެސްފައެވެ. އަދި އެންމެ މަދުން ހުށައެޅޭނެ އަގު 5 މިލިއަނުން 3 މިލިއަން ޑޮލަރަށްވަނީ ކުޑަކޮށްފައެވެ. މި 6 އެއަރޕޯޓް ތަރައްޤީކުރުމަށް 133 މިލިއަން ޑޮލަރު ހޭދަވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ލަފާކުރެއެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 2 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.