ޚަބަރު

ކޮރަޕްޝަން ހުއްޓުވުމަށް ބޮޑެތި ބަދަލުތަކެއް، ގެއްލޭ ފައިސާ ހޯދުމާއި ދިމާލަށް


"ކޮރަޕްޝަނާއި ފަސާދައާއި ނާޖައިޒް ފައިދާ ނެގުމަކީ ދައުލަތުގެ ތެރޭގައި އިންތިޒާމު ވެފައި އޮންނަ ރީތި ކަމެއްގެ ގޮތުގައި ވެރިންދެކި އެނަމޫނާ ދެއްކުމަށްވުރެ ބޮޑު ގޯހެއް އެއްވެސް ޤައުމަކަށް ނޯންނާނެ. ހޯދުނުގޮތަކުން ފައިސާ ހޯދުމަކީ ޖާއިޒު ކަމެއްގެ ގޮތުގައި ގަބޫލުކޮށް އެކަމަށް ހިތްވަރު ދިނުމަށްވުރެ ބޮޑު ނުބައެއް އެޤައުމަކަށް ނޯންނާނެ. އެންމެ ބޮޑު ކޮރަޕްޝަނަކީ ކޮރަޕްޝަނަށް ރުހުން" މިއީ ކޮރަޕްޝަނާއި ދެކޮޅަށް ދައުލަތުގެ ތެރެއިން ރޭވިގެން ހިންގޭ ކުށްތައް މަދުކުރުމަށްޓަކައި މިއަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ފެށި "އެންޓި ކޮރަޕްޝަން ކޮންފަރެންސް" ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި ވާހަކަފުޅެކެވެ.

ދައުލަތުގެ ތެރޭގައާއި، ޢާންމު ވިޔަފާރީގެ ތެރޭގައާއި، އެނޫން ގޮތްގޮތަށްވެސް ރޭވިގެން ހިންގޭ ކޮރަޕްޝަންގެ ޢަމަލުތަކަކީ އޭގެ ސަބަބުން މުޅި މުޖުތަމަޢަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަންތައްތަކެކެވެ. ރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމަށް ޤާނޫނު އަސާސީގައި ވަކި މުއައްސަސާއެއް ޤާއިމުކުރުމަށް ބަޔާންކުރެވި، އެމުއައްސަސާގެ މަސައްކަތް ފަށާފައިވަނީ 2008 ވަނަ އަހަރުއެވެ.

ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް އެންމެބޮޑަށް އަށަގަނެފައިވަނީ ދައުލަތުގެ ތެރޭގައިކަން މާޒީގައި ފެންނަންހުރި އޮޑިޓް ރިޕޯޓްތަކާއި، ހިނގަމުންދާ އެކި ޝަރީއަތްތަކަށް ބަލައިލުމުންވެސް ހާމަވެއެވެ. މިފަދަ ކޮރަޕްޝަންތައް ހިންގުމުގައި ދައުލަތުގެ އެންމެ މަތީވެރިޔައިން ފެށިގެން ކުންފުނިތަކާއި، ބޯޑުތަކާއި މުއައްސަސާތަކުގެ އިސްވެރިންނާއި، ސިވިލްސާވަންޓުންގެ ބައިވެރިވުންވެސް އޮތަކަން ހާމަވެއެވެ.

ޒަމާނަށް އަންނަ ބަދަލުތަކާއިއެކު ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމުގައި މިހާރު ބޭނުންކުރާ ވައްޓަފާޅިއާއި އުކުޅުތައްވެސް ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ. ކުށްކޮށްގެން ހޯދާ ފައިސާއަކީ އެގައި ގޯހެއް ނެތްކަން ހާމަކުރެވޭ ވަރަށް ރޭވިގެން އިންތިޒާމު ކުރެވިގެން ހިންގާ ކުށްތަކަށް ވަނީ ވެފައެވެ.

އީޖާދީ ބަދަލުތަކާއިއެކު ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތް:

ޒަމާނަށް އަންނަ ބަދަލާއި ކުށްކުރުމަށް ގެންގުޅޭ ވައްޓަފާޅިއާއި ގުޅިގެން ގާނޫނު ތަންފީޒު ކުރާ ތަހުގީގީ އިދާރާތަކުންވެސް މަސައްކަތް ބަދަލުވެސް ކުރަމުން ގެންދަންޖެހެއެވެ. ކުރިއެރުންތައްވެސް ހޯދަންޖެހެއެވެ. މިދިޔަ މުއްދަތުގެ ތެރޭގައި ދުނިޔެއަށް އައި އެންމެ ބޮޑު ބަދަލަކީ ކުށްކުރުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުވެގެން ދިއުމެވެ.

މި މަސައްކަތް ހަރުދަނާކަމާއިއެކު ކުރުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން ގެންދަނީ ކޮރަޕްޝަނަށް ފާރަވެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭސީސީގެ ރައީސް އާދަމް ޝާމިލު ވިދާޅުވީ ކޮރަޕްޝަން ހިންގާ ފަރާތްތަކުން ގެންގުޅޭ ޓެކްނޮލޮޖީއާއި އެއްވަރަށް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން ޓެކޮނޮލޮޖީއާއި އަދި ފަހުގެ ވަސީލަތްތަކާއިއެކު މަސައްކަތް ކުރަންޖެހޭކަމަށެވެ.

އެމަސައްކަތުގެ ތެރެއިން މިވީ ކުރު މުއްދަތުގެ ތެރޭގައި ކުށްކުރުމަށް އައި ބަދަލާއިއެއްކޮށް އެއާއި ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާގެ ހައިސިއްޔަތުން އޭސީސީގެ ޤާބިލުކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ޝާމިލް ވިދާޅުވިއެވެ.

"އިކޮނޮމިކް ކްރައިމްއެއް ކޮރަޕްޝަނަކީ. އެހެންވީމަ އޭގެ ތަހުޤީޤް ކުރުމުގެ ޤާބިލްކަން ހުންނާނެ މުވައްޒިފުން އުފެއްދުމުގެ އަސާސީ މަސައްކަތްތައް ފެށީ. އެމަސައްކަތުގެ ތެރެއިން ފޮރެންސިކް އެނާލިސިސް އާއި ވެލްތް އެނާލިސިސްއާއި، މިއެއްޗިހި ހެދުމުގެ މުވައްޒިފުންނާއި އެޤާބިލުކަން ތަމްރީނުގެ ގޮތުންނާއި ހޯދުމުގެ މަސައްކަތް ވަރަށް ފުޅާކޮށް އަޅުގަނޑުމެންނަށް ކުރެވެމުންދާ ވަގުތެއް މިއީ." އެސީސީގެ ރައީސް ވިދާޅުވިއެވެ.

ދައުލަތުން ގެއްލުނު ފައިސާ ހޯދުމުގެ މިސްރާބަށް:

ކޮރަޕްޝަންގެ އަމަލުތަކުގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ގެއްލި އެކަމުގެ ބުރަ އުފުލަން ޖެހިފައިވަނީ ދައުލަތަށެވެ. ޒަމާނުއްސުރެ އޮތް ޘަގާފަތަކީ ދައުލަތުން ގެއްލޭ ފައިސާ އަނބުރާ ލިބޭނެ ގޮތެއް އަދި ހޯދޭނެ މަގެއް ފެންނަން ނެތުމުވެ. ނަމަވެސް އޭސީސީން މިހާރު ޢަމަލު ކުރަމުންދާގޮތާއި މިސްރާބު ހުރީ ދައުލަތުން ގެއްލޭ ފައިސާ އަނބުރާ ހޯދޭނެ ނިޒާމެއް ޤާއިމްކޮށް ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރުމަށެވެ.

މި މަސައްކަތުގައި އޭސީސީން އަމާޒު ހިފާފައިވަނީ ކުށްކޮށްގެން ދައުލަތުން ގެއްލިގެންދާ ފައިސާ އަނބުރާ ރުޖޫއަކުރުމަށް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ދައުލަތުގެ ކަމާއި ގުޅުންހުރި އެންމެ އިސްވެރިންގެ މެދުގައި މީގެ ޓައިމްލައިނަކަށް އެއްބަސްވުމަށެވެ. މިމަހުގެ 12 ވަނަ ދުވަހު މުއައްސަސާތަކާއިއެކު އެކުލަވާލާ މިއެއްބަސްވުމުގެ ދަށުން ދައުލަތުން ގެއްލިގެންދާ ފައިސާ އަނބުރާ ހޯދުމަށްޓަކައި ދައުލަތުގައި އޮންނަންޖެހޭ ނިޒާމުގެ ތެރެއިން ކަނޑައެޅިގެން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ.

"އަޅުގަނޑުމެންގެ އުސޫލަކީ ކަންނިމި ހުރިހާކަމެއް ގޯސްވެ ނިމުނީމަ ދެން އެގެއްލިދިޔަ ފައިސާއާއި ދައުލަތަށް ލިބޭ ގެއްލުން އަނބުރާ ހޯދުމުގެ މަސައްކަތް ކުރާ ބަޔަކަށް ވުމުގެ އިތުރަށް އަޅުގަނޑުމެން އެބަޖެހޭ އެގޮތަށް އެމަގަށް ނުހިނގާނެގޮތަށް ކަންކަން ރާވަން. މާނައަކީ ކޮރަޕްޝަންގެ ޢަމަލުތައް ހިންގިޔަ ނުދިނުމުގެ ނިޒާމެއް ހަރުދަނާ ކުރުމަށް އަޅުގަނޑުންގެ ދައުލަތުގައި އެބަޖެހޭ ޤާއިމްކުރަން. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ކަމާއިގުޅުންހުރި ހުރިހާ މުއައްސަސާތަކެއް އެކުވެގެން އެންމެ މުހިންމުކަމެއް ދީގެން ކުރަންވީ ކަމަކީ ކޮރަޕްޝަންގެ އަމަލުތައް ހިންގިޔަ ނުދިނުމަށް ރަނގަޅު ނިޒާމެއް ޤާއިމް ކުރުން. އެހެންކަމުން ރަނގަޅުހެޔޮ ހިންގުމުގެ ނިޒާމުތައް ހުންނަން އެބަޖެހޭ. ގުޑްގަވަނެންސް ނިޒާމުތައް. އަޅުގަނޑުމެންގެ މުއައްސަސާތަކުގެ ކޮންޓްރޯލްތައް ރަނގަޅުވާން އެބަޖެހޭ." އޭސީސީގެ ރައީސް ވިދާޅުވިއެވެ.

ކޮރަޕްޝަން ކުޑަކުރެވޭނީ މުއައްސަސާތައް ތެދުވެރިވެގެން:

ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް އޭސީސީން ގެންގުޅޭ ސިޔާސަތުގެ އެންމެ ބޮޑު މިސްރާބެއް ހުރީ ސަރުކާރުގެ ކުންފުނިތަކާއި، މުއައްސަސާތަކަށެވެ. މީގެ އެންމެ ބޮޑު ސަަބަބަކީ ދައުލަތުގެ ތެރޭގައި ރޭވިގެން ހިންގޭ ކޮރަޕްޝަންގެ ބޮޑެތި އަދި ގިނަ މައްސަލަތައް ހުރީ ކުންފުނިތަކާއި، މުއައްސަސާތަކުގެ ތެރޭގައިކަމަށްވާތީއެވެ.

ކޮރަޕްޝަން މަދުކޮށް ހުއްޓުވުމަށްޓަކައި މުއައްސަސާތަކުގެ ތެރޭގައި ޒަމާނުއްސުރެ އޮތް ނުރަނގަޅު ޘަގާފަތް ހުއްޓުވޭނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ޕްރޮކިއުމަންޓް އުސޫލުތަކާއި އެއްގޮތަށް އަމަލުކުރެވިގެންނެވެ. މުއައްސަސާތަކުގައި ޢަމަލުކުރާ މިންގަނޑުތަކަށާއި، މާލިއްޔަތު ޤަވާއިދުތަކަށް ޢަމަލުރައްވަންޖެހޭ ބޭފުޅުން އެމިންގަނޑަށް ޢަމަލު ކުރެއްވުމުގައި މިހާރަށްވުރެ ހަރުދަނާ ވާންޖެހެއެވެ.

ހަމައެއާއިއެކު ދައުލަތުގެ ކުންފުނިތަކުން ޢަމަލު ކުރައްވާ ރެކްރޫޓްމަންޓް ކަމިގައިވިޔަސް، އަދި ޕްރޮކިއުމަންޓް ކަމަށްވިޔަސް އަދި އެނޫން ދާއިރާތަކުގައިވެސް ދައުލަތަށް އެންމެ ފައިދާހުރި ގޮތުގައި އެކަންކުރުމުގެ އުސޫލުތައް ކަނޑައަޅައިގެން އެއަށް ޢަމަލު ކުރުމުގެ ވައްޓަފާޅި ހަރުދަނާ ކުރަންޖެހެއެވެ. މިމަގަށް މަސައްކަތް ކުރެވިއްޖެނަމަ ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ކުޑަކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ނަތީޖާއާއި ހަމައަށް ވާސިލްވުމަކީ ދުރު ކަމެއް ނޫނެވެ.

ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް، އެފަދަ ކަންކަމަށް އޮތް ޖާގަ ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އާ ޤާނޫނުތަކެއްވެސް ވުޖޫދު ކުރަމުންނެވެ. އެގޮތުން ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު ވުޖޫދުކޮށްފައިވާއިރު، ރިޝްވަތާއި ނުހައްގު މުއްސަނދިކަމަށް އަރައި ގަތުމަކީ ޖިނާއީީ ކުށެއްގެތުގައި ވަނީ ކަނޑައަޅާއެވެ.

މީގެ އިތުރުން ކޮރަޕްޝަނާއި ގުޅުންހުރި މައްސަލަތައް ހުށައެޅޭނެ ފަސޭހަ އަދި ރައްކާތެރި ނިޒާމެއްވެސް ދައުލަތުގެ ތެރޭގައި މިހާރު ވަނީ ޤާއިމްކޮށްފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެގެވުމަށް އެކުލަވާލާފައިވާ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ނިޒާމެވެ. އެގޮތުން އެ ޕޯޓަލް މެދުވެރިކޮށް ކޮންމެ އިދާރާއަކަށް އަދި ކޮންމެ މީހަކަށްވެސް ކޮރަޕްޝަނާއި ގުޅުންހުރި ކޮންމެ މައްސަލައެއްވެސް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް މިހާރު ގެނެވޭނެއެވެ. އެގޮތުން މި ޕޯޓަލް މެދުވެރިކޮށް 300އަށްވިރެ ގިނަ މައްސަލަ މިހާތަނަށް ހުށައަޅާފައިވެއެވެ. އަދި އެ މައްސަލަތައް ދަނީ ތަހްގީޤްކުރެވެމުންނެވެ.

ދައުލަތުގެ ނިޒާމަށް ގެނެސްފައިވާ މި ބަދަލުތަކާއި، އަލަށް އެކުލަވާލެވުނު ޤާނޫނުތަކާއިއެކު މިކަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދި ޒިންމާއެއް އޮތީ ތަންފީޒީ އިދާރަތަކުގައެވެ.