ޚަބަރު

ޑިޖިޓަލް އައިޑީ ކާޑު މިމަހު ބޭނުންކުރަން ފަށަނީ


"ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު" ޚިދުމަތް މި މަހު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލިޖީ، އެންސީއައިޓީ އިން ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށް ދަނީ ކަރޑް ޓެސްޓުކުރުމުގެ މަރުޚަލާއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ އެންސީއައިޓީ އަދި ޓެކްނޮލިޖީ މިނިސްޓްރީ ގުޅިގެންނެވެ. ޑިޖިޓަލް ކަރޑް ތަޢާރަފްކުރި ނަމަވެސް، މިހާރެކޭ އެއްގޮތަށް ފިޒިކަލް ކަރޑް ބޭނުންކުރެވޭނެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެންޓް ޗޭންޖް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީ ކާޑުގެ އެންމެ މުހިންމު ބޭނުމަކީ ރައްކާތެރިކަމާއެކު އެމީހެއްގެ ޒާތީ މަޢުލޫމާތު ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުންކަމަށެވެ.

މިހާރު ބޭނުންކުރަމުން އަންނަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އައިޑެންޓިޓީ ކާޑަކީ ޑިޖިޓަލް ފީޗާތައް ހިމެނޭ ކާޑެއް ނޫނެނެވެ. ނަމަވެސް އަލަށް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީ ކާޑަކީ ސެކިއުރިޓީ ގިނަ ފީޗާތަކެއް ހިމެނޭނެ ކާޑެކެވެ. ޑިޖިޓަލް އައިޑެންޓިޓީ ކާޑް ތަޢާރަފްކުރަނީ، އަލަށް ތަޢާރަފްކުރާ އީފާސް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ސަރުކާރުގެ އިދާރާއަކުން ދޫކުރާ އެމިހާގެ ޒާތީ މަޢުލޫމާތާއި ގުޅޭ ހުރިހާ ކާޑްތައް، ޑިޖިޓަލްކޮށް ބޭނުންކުރެވޭ ގޮތަށެވެ.

މި އެޕްލިކޭޝަނަށް އަމިއްލައަށް އެއްވެސް މަޢުލޫމާތެއް ނޭޅޭނެއެވެ. ސްޓޭޓް މިނިސްޓަރ ޝަރީފް ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީ ކާޑާއި ލައިސަން ކާޑުފަދަ މަޢުލޫމާތުތައް އެޕްލިކޭޝަނުގައި ހިމަނާނީ، އެކަމުގެ ޒިންމާވާ މުއައްސަސާތަކުންކަމަށެވެ. އަދި މިއިން އެއްވެސް މަޢުލޫމާތަކަށް އަމިއްލައަށް އެއްވެސް ބަދަލެއްވެސް ނުގެނެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އީފާސް އެޕްލިކޭޝަންގައި ހިމެނެނީ 3 ބާވަތެއްގެ ދަފްތަރެވެ. އެއީ ނެޝަނަލް ރެޖިސްޓްރޭޝާނުން ދޫކުރާ ދިވެހިންގެ މަޢުލޫމާތާއި، އިކޮނޮމިކް މިނިސްޓްރީިގެ ބިދޭސީންގެ ދަފްތަރު އަދި އެހެނިހެން ބޭނުމުގައި ރާއްޖެއަށް އަންނަ މީހުންގެ ވިޒާގެ ދަފްތަރެވެ. މި މީހުންގެ އައިޑެންޓިޓީ ކާޑް ނުވަތަ ވޯކް ޕާމިޓާއި އަދި ލައިސަންސް ކާޑުގެ މަޢުލޫމާތުތައްވެސް މި އެޕްލިކޭޝަނުގައި ހިމެނޭނެއެވެ.

"ކާޑު މިހާރު މި ހަދަނީ ދިވެހި އަދި އިނގިރޭސި ބަހުން ފެންނަގޮތަށް. ނަމަވެސް ކުރިއަށް އޮތްތާނުގައި އެ ކާޑެއް ހަދާފައިވާ ބަހަކުން ފެންނާނެ. ނަމަވެސް އެއް މުއައްސަސާ އަނެއް މުއައްސަސާގައި ބަދަލުކުރާ މަޢުލޫމާތު ހުންނާނީ އިދާރާއިން ބޭނުންވާ ބަހަކުން. މި ކާޑު އަހަރު ނިމުމުގެ ކުރިން ތަޢާރަފްކުރުން ޢަމާޒަކީ." ޝަރީފް ވިދާޅުވިއެވެ.

އެމީހެއްގެ މަޢުލޫމާތު ހިމެނޭ އީފާސް މިހާރުވެސް ވެބްސައިޓު ބޭނުންކޮށްގެން ބޭނުންކުރެވެއެވެ. އީފާސް ވެބްސައިޓް ތަޢާރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްތެމްބަރު މަހުގެ ތެރޭގައެވެ. ވެބްސައިޓް މެދުވެރިކޮށް އީފާސްގެ ޚިދުމަތް 140،000އަށްވުރެ ގިނަ މީހުން މިހާރުވެސް ބޭނުންކުރެއެވެ.

ނެޝަނަލް އައިޑެންޓިޓީ ކާޑާއެކު ތަޢާރަފްކުރާ އީ.ފާސް އެޕްލިކޭޝަނަކީ ރައްކާތެރިކަމުގެ ފީޗަރތައް ވަރުގަދަ އެޕްލިކޭޝަނެއްކަމަށް ޝަރީފް ވިދާޅުވިއެވެ. އެންމެ އިސްކަމެއް ދެއްވާފައިވަނީ، އެމީހާގެ ޒާތީ މަޢުލޫމާތު، އޮޅުވާލައިގެން އެހެން މީހަކަށް ނުނެގޭނެ ގޮތް ހެދުމަށްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ކާޑު ބޭނުންކުރަން ދޫކުރުމުގެ ކުރިން، މީހާ ކަށަަވަރުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ލޮގިން ވާއިރު ލައިވް ޗެކް އަދި ލައިކް ޗެކެއް ހަދާނެ. ލައިވް ޗެކްގައި ވަގުތުން އެމީހާގެ ލައިވްކޮށް ބަލާ ކަށަވަރުކުރާނެ. މިއަކަށް ފޮޓޯއެއް ނޫނީ ވީޑިއޯއެއް ބޭނުމެއް ނުކުރެވޭނެ. އަދި ފޯނުގެ ބައޯ މެޓްރިކްސްއާއި އޯޓީޕީ ކޯޑަކީވެސް މުހިންމު ފީޗަރތައް." ޝަރީފް ވިދާޅުވިއެވެ.


ސަރުކާރުގެ މުއައްސަސާއެއްގައި ރަސްމީކޮށް ރަޖިސްޓްރީކުރާ ޒާތީ ހުރިހާ މަޢުލޫމާތުތައް މި އެޕްލިކޭޝަނުގައި ހިމެނޭނެއެވެ. އެގޮތުން ކައިވެންޏާއި ދަރިންގެ މަޢުލޫމާތުތައްވެސް އެ އެޕްލިކޭޝަނުގައި ހިމެނޭނެކަމަށް އެންސީއައިޓީން ވިދާޅުވިއެވެ. އަދި އެޕްލިކޭޝަނެއް ހުށައެޅުމުގައި ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކުރާނަމަ، ހުށައަޅާ އެޕްލިކޭޝަންތަކުގެ ހިސްޓްރީވެސް ފެންނަން ހުނާނެއެވެ.

މީގެއިތުރުން އެމީހެއްގެ އަމިއްލަ ފޯނު ނޫން އެހެން ފޯނަކުން ލޮގިންވާން އުޅުނުނަމަވެސް، އެކަން ވެރިފަރާތަށް ނޮޓިފައި ކުރާނެއެވެ.