ވިޔަފާރި

ސީޒަނާ ދިމާކޮށް ގިނަ ކްރޫޒްލައިނަރތަކުގެ މިސްރާބު ރާއްޖެއަށް


ކޯވިޑާއި ގުޅިގެން ކުރޫޒް ލައިންތައް ރާއްޖެ އައުން މެދުކެނޑިފައި އޮތުމަށްފަހު، ގިނަ ކުރޫޒް ލައިންތަކެއް ރާއްޖެއަށް އަންނަން ފަށައިފިއެވެ. އެގޮތުން ފުރަތަމަ ކްރޫޒް ލައިނަރ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ޖަރުމަންވިލާތުގެ ޤައުމެއްކަމަށްވާ މޯލްޓަރގެ މިކުރޫޒް ލައިނަރ ރާއްޖެއަށް ދަތުރުކޮށްފައިވަނީ ސީޝެލްސްގެ ވިކޮޓޯރިއާ ޕޯޓުންނެވެ. އެ ކްރޫޒްލައިންގައި ރާއްޖެ އައިސްފައިވަނީ 420 ފަތުރުވެރިންނެވެ.

އޭގެ ފަހުން ރާއްޖެ އައި ދެވަނަ ކްރުޒް ލައިނަރ އައިސްފައިވަނީ އިއްޔެ 6 ޖެހިއިރުއެވެ. އިއްޔެ އައިސްފައިވަނީ މާޝަލް އައިލެންޑްގައި ރަޖިސްޓްރީކޮށްފައިވާ ކްރޫޒްލައިންއެއް ކަމަށްވާ "އެމްއެސް ސެވަން ސީސް އެކްސްޕްލޮރ" އެވެ. މި ކްރޫޒްލައިން ރާއްޖެ އައިސްފައިވަނީ ރާއްޖޭގެ އެޖެންޓް "އެންޓްރެކް މޯލްޑިވްސް" އާއި ގުޅިގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން "އެންޓްރެކް މޯލްޑިވްސް" ގެ ސީނިއަރ އޮޕަރޭޝަންސް މެނޭޖަރ އަބްދުލް ވަދޫދު ވިދާޅުވީ، މި ކްރޫޒްލައިން ރާއްޖެ އައިސްފައިވަނީ އިންޑިއާގެ ބެންގަލޫރުންކަމަށެވެ. މި ކްރޫޒްލައިންގައި މުޅި ޖުމްލަ 688 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އޭގެ ތެރޭގައި އެކި ޤައުމުތަކުގެ ފަތުރުވެރިން ހިމެނެއެވެ. އެ ކްރޫޒް ލައިނުން އައި ފަތުރުވެރިން ވަނީ ޚާއްޞަ ހުއްދައާއެކު މާލޭގެ އެކި ތަންތަން ބަލާލުމަށް ޒިޔާރަތްކޮށްފައެވެ.

މި ކްރޫޒްލައިނަރ މިއަދު ހަވީރު ރާއްޖެއިން ފުރާނެއެވެ. ދެން މި ކްރޫޒްލައިނަރ ދާނީ ޕުކެޓްއަށްކަމަށް އަބްދުލް ވަދޫދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކްރޫޒްލައިނާތައް ރާއްޖެ އައުމުގައި އަދިވެސް ބައެއް ކަހަލަ ދަތިތައް އެބަހުރިކަމަށެވެ. އެގޮތުން ކްރޫޒްލައިންގައި ހުރި ފަތުރުވެރިއަކު ޕޮޒިޓިވްވެއްޖެނަމަ ބޯޓުގައި ތިބޭ އެހެން ފަތުރުވެރިންނަށް އަރާ ބޭފުން މަނާކުރުން އޭނާ ފާހަގަކުރެއްވިއެވެ.

"ރިސޯޓަކަށް އަންނަ ގެސްޓެއް ޕޮޒިޓިވް ވެއްޖިއްޔާ އޮންބޯޓުގައި އައިސޮލޭޓްކޮށްފައި ރިސޯޓް އޮޕަރޭޓްކުރެވޭ. އެކަމަކު އަދިވެސް އެޗްޕީއޭގައި އޮންނަ ޤަވައިދުގައި ކްރޫޒްލައިންތަކުން އޮންބޯޑް ކުރެވޭ ޕަސިންޖަރެއް ޕޮޒިޓިވްވިއަސް މުޅި ބޯޓު އެއްކޮށް އަރާފޭބުން މަނާ. ބޯޓުވެސް މިކޮޅުގައި ބާއްވާ ގޮތައް އޮންނަނީ 7 ދުވަސް ވަންދެން. އެއީ ވަރަށް ބޮޑު ކޮންސާންއެއް. ވަރަށް ބައިވަރު ބޯޓުތައް އެ ސަބަބާއިހެދި އަންނަންވެސް އުޒުރުވެރިވޭ. އެހެންޤައުމުތަކުގައި ވާގޮތަކީ ޕޮޒިޓިވްއެއް ފެނިއްޖިއްޔާ އޮންބޯޑްގައި އައިސޮލޭޓްކުރެވޭ." އަބްދުލް ވަދޫދު ވިދާޅުވިއެވެ.

"އެންޓްރެކް މޯލްޑިވްސް" އިން ބުނީ މިމަހުވެސް އެ ކުންފުނީގެ އެޖެންޓްކަމުގެ ދަށުން ރާއްޖެއަށް އިތުރު 2 ކްރޫޒްލައިން އައުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އަންނަ ޖަނަވަރީ މަހުވެސް އިތުރު 2 ކްރޫޒްލައިން އައުމަށް ހަމަޖެހިފައިވާކަމަށެވެ.