ވިޔަފާރި

ރާއްޖޭގެ މަޤްބޫލުކަން އެމެރިކާގެ ބޮޑެތި ޓްރެވެލް ކުންފުނިތަކާއި ހަމައަށް


އެމެރިކާގައި ކުރިއަށްދިޔަ ޔޫއެސްޓީއޯއޭ އެނުއަލް ކޮންފަރެންސް އެންޑް މާކެޓްޕްލޭސް 2022 ގައި ބައިވެރިވެ ރާއްޖެ އިޝްތިހާރުކޮށްފިއެވެ. މި އިވެންޓް ކުރިއަށް ދިޔައީ ނޮވެމްބަރު 28 އިން ޑިސެމްބަރު 2 ގެ ނިޔަލަށް ޖޭޑަބްލިއު މެރިޔޮޓް އޯސްޓިން، ޓެކްސަސް، ގައެވެ. އެމެރިކާ މާކެޓުގެ އެންމެ މަގުބޫލު ޓުއަރ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކާ ބައްދަލުކުރުމުގެ ފުރުސަތު މި ކޮންފެރެންސްގައި ލިބުނުކަމަށް އެމްއެމްޕީއާރުސީން ވަނީ ވިދާޅުވެފައެވެ.

ޔޫއެސްޓީއޯއޭ އެނުއަލް ކޮންފަރެންސް އެންޑް މާކެޓްޕްލޭސް އަކީ 1972 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިއީ އުތުރު އެމެރިކާގެ އެންމެ ބޮޑެތި ޓްރެވެލް ކުންފުނިތަކާއި، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްދޭ ފަރާތްތަކާއި މަންޒިލްތައް އެއް ތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަނޑައަޅާފައިވާ ޕީއާރު އެޖެންސީއިންނެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ބޭނުމަކީ ރާއްޖެއަކީ އެމެރިކާގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ޕްރޮމޯޓްކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް, ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓްތަކާއި ޕްރޮޑަކްޓްތަކާއި މަންޒިލްގެ ގޮތުގައި ޕްރޮމޯ ތަޖުރިބާތައް އިޝްތިހާރުކުރުންކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.

މި ކޮންފެރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 700 އަށް ވުރެ ގިނަ ފަރާތައް އެއް ތަނަކުން ބައްދަލުކޮށް، ނެޓްވޯކްކޮށް، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ލިބިފައިވާކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ. މިއީ ފަތުރުވެރިކަމުގެ މަންޒިލްތަކާއި، ހިދުމަތްދޭ ފަރާތްތަކާއި، މި ހިދުމަތްތައް އިޝްތިހާރުކުރުމާއި ވިއްކުމުގައި ހަރަކާތްތެރިވާ މީހުންނާ ބައްދަލުކުރުމަށް ފުރުސަތު ފަހިކޮށްދޭ ކޮންފަރެންސްއެކެވެ.

މި ކޮންފަރެންސްގައި ކުރިއަށްދިޔަ ސެމިނާތަކާއި، ސިމްޕޯޒިއަމްތަކާއި، ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަންތަކުގެ ތެރެއިން، އުތުރު އެމެރިކާގެ ފަތުރުވެރިކަމުގެ ދާއިރާ އާއި މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ އެންމެ ފަހުގެ ޓްރެންޑްތަކާ ބެހޭ މައުލޫމާތާއި އަގުހުރި ވިސްނުންތައް ލިބިގެންދިޔަކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.

އެމެރިކާ މާކެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑްގެ މަގުބޫލުކަން ދަމަހައްޓާ ހަރުދަނާ ކުރުމުގެ ސަބަބުން އެމެރިކާ އަކީ ދިވެހިރާއްޖެއާ ދުރު ޤައުމެއް ކަމުގައި ވިޔަސް، އެއީ އެތައް ހާސް ފަތުރުވެރިންނެއް ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަ މުހިންމު މާކެޓެއްކަންވެސް އެމްއެމްޕީއާރުސީން ފާހަގަކުރައްވައެވެ.

މި އަހަރުގެ މިހާތަނަށް އުތުރު އެމެރިކާއިން 71،757 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެމެރިކާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް މި އަހަރުގެ މިހާތަނަށް 6 ވަނަ އެންމެ ބޮޑު މާކެޓެވެ.

އެމެރިކާ މާކެޓަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި އެމެރިކާ އަދި ކެނެޑާގެ އެކި ސިޓީތަކުގާ ބޭއްވި ރޯޑްޝޯތައް ހިމެނެއެވެ. މީގެ އިތުރުން އާޓާ އެޑްވެންޗަރ އެލެވޭޓް 2022 ގައި ބައިވެރިވުމާއި މީޑިޔާ އަދި އިންފްލުއެންސަރުންނާއެކު ފެމިލިއަރައިޒޭޝަން ދަތުރުތައް ކުރިއަށްގެންދިޔުމާއި އެ ސަރަހައްދަށް އަމާޒުކޮށްގެން ބޭއްވުނު ޓްރެވަލް ޓްރޭޑް ވެބިނަރވެސް ހިމެނެވެ.