ކުޅިވަރު

ޖިރޫޑުގެ ރިކޯޑާއެކު ޕޯލަންޑް ބަލިކޮށް ފްރާންސް ކުއާޓާއަށް


ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ދެވަނަ ބުރުގައި އޮލިވިއާ ޖިރޫޑް ރިކޯޑު ހެދި މެޗު ކާމިޔާބުކޮށް ކުއާޓާ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ދަތުރުކޮށްފިއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗުގައި ޕޯޅަންޑްގެ މައްޗަށް ފްރާންސްއިން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ފްރާންސްއިން ވަނީ ޕޯލަންޑްގެ ހާފަށް ނުރައްކާކޮށްފައެވެ. އެގޮތުން ފްރާންސްގެ އުސްމާން ޑެމްބަލޭ އާއި ކީލިއަން އެމްބާޕޭއަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯލަންޑްގެ ތަރި ރޮބާޓް ލެވަންޑޯސްކީވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އޭރިއާ ބޭރުން ލެވަންޑޯސްކީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރާންސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ 44 ވަނަ މިނެޓުގައި ފްރާންސްއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ޖިރޫޑްއެވެ. މިއީ ފްރާންސްގެ ގައުމީ ޓީމަށް ޖިރޫޑް ކާމިޔާބު ކޮށްދިން 52 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ ފްރާންސްއަށް އެންމެ ގިނަ ލަނޑު ޖަހާދިން ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރިކޯޑު އޮތީ ތިއެރީ އޮންރީ އަތުގައެވެ. އޭނާ ވަނީ ފްރާންސްއަށް 51 ލަނޑު ޖަހާފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ފްރާންސްއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާ ފްރާންސްއަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އެމްބާޕޭ ވަނީ ފްރާންސްގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މި މެޗުގައި ޕޯލަންޑްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ލެވަންޑޯސްކީއެވެ.