 
										
			ދިވެހި ސަރުކާރަށާއި، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ދިގު މުއްދަތަކަށް، އަގުހުރި ޚިދުމަތްކޮށްދެއްވާފައިވާ ސަމަރުބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ. 
އެމަނިކުފާނުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރު ހުޅުވާފައިވަނީ، ދިވެހިރާއްޖޭގެ އަޑުގައެވެ. އަޑުގައި މި ދަފްތަރު ހުޅުވީ ދިވެހިރާއްޖޭގެ އަޑަކީ އެމަނިކުފާނު އެންމެ ގިނަ ދުވަސްވަންދެން ޚިދުމަތްކުރެއްވި ތަންކަމަށް ވާތީއެވެ. މިދަފްތަރު ހުޅުއްވާދެއްވީ ޕަބްލިކް ސާވިސް މިޑިއާ (ޕީއެސްއެމް)ގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދެވެ. މި ދަފްތަރު ހުޅުއްވާދެއްވައި އެމަނިކުފާނު ވަނީ ދަފްތަރުގައި ސޮއިކުރައްވާފައެވެ. 
ދަފްތަރު ހުޅުއްވާދެއްވުމަށްފަހު އަލީ ޚާލިދުވަނީ އިބްރާހިމް މަނިކަކީ ގިނަ ދުވަސްތަކެއް ވަންދެން ބްރޯޑްކާސްޓިންގެ ދާއިރާގައި ޚިދުމަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. އެޚިދުމަތްތަކުގެ ތެރެއިން ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް ޒަމާނީ އެތައް ބަދަލުތަކެއް ގެނެސްދެއްވާފައިވާއިރު މިހާރުވެސް ޓީވީ ރޭޑިއޯއިން އެމަނިކުފާނު ގެންނެވި ބަދަލުތަކާއި ކޮށްދެއްވި އަގުނުކުރެވޭ ޚިދުމަތްތަކުގެ އަސަރު ފެންނަމުންދާނެ ކަމަށެވެ. 
"އިބްރާހިމް މަނިކު ޚިދުމަތްކުރެއްވި އިރު ވަރަށް ގިނަ މުވައްޒަފުން ތަމްރީންކުރައްވަން ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި. އަދި އިބްރާހިމް މަނިކަކީ އަޅުގަނޑުމެންގެ ޓީވީ ރޭޑިއޯގެ ވަރަށް މުހިންމު ޕްރޮގްރާމްތަކެއް ތައާރަފްކުރެއްވި ބޭފުޅެއް. މިގޮތުން ރޭޑިއޯއެއް ބާއްޖަވެރި ހެނދުނެއް، ވަރަށް ގިނަ ޑްރާމާތައް އަދި ރޯދަމަހު މި ގެންނަ ރޯދަކުރުކުރުމުގެ ޕްރޮގްރާމް. އަދި ޓީވީގަ އަންނަ ތިޔަބޭފުޅުންގެ ފުރުސަތު، ލަވަމުބާރާތް، މިކަހަލަ ކިތަންމެ ގިނަ ޕްރޮގްރާމްތަކެއް ތައާރަފްކުރެއްވި ބޭފުޅެއް. އަދި އެ ފޯމެޓުތައް އަޅުގަނޑުމެން މިއަދުވެސް ބޭނުންކުރަން." އަލީ ޚާލިދު ވިދާޅުވިއެވެ. 
މި ތައުޒިޔާގެ ދަފްތަރުގައި އަލީ ޚާލިދުގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާގެ އެހެން އިސްވެރިން ވެސް ވަނީ ސޮއިކުރައްވާފައެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ދައުލަތުގެ ބައެއް އެހެން އިސްވެރިން ވެސް ދަފްތަރުގައި ސޮއިކުރެއްވިއެވެ.
		
 
										
			
ސަމަރުބްލޫ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ވަރަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފައެވެ.
އިބްރާހިމް މަނިކު ބްރޯޑްކާސްޓިން ޚިދުމަތާއި ގުޅިވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1974 ވަނަ އަހަރުއެވެ. ދިވެހި ރާއްޖޭގެ އަޑަކީ މުޅި ރާއްޖޭގެ އެންމެހައި ކަންކޮޅުތަކަށް ވަގުތުން ވަގުތަށް ޚިދުމަތް ލިބެންފެށި ހަމައެކަނި މީޑިއާއެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ރޭޑިއޯ ދިވެހި ރާއްޖޭގެ އަޑާއި އިބްރާހިމް މަނިކު ގުޅިވަޑައިގެންނެވީ އިނގިރޭސި ސެކެޓްރީއެއްގެ ގޮތުގައެވެ. އެއަށްފަހު އެމަނިކުފާނުވަނީ ދިވެހި ރާއްޖޭގެ އަޑުން އުފެއްދި ދިވެހިންގެ މަޤުބޫލުކަން ހޯދި އެތައް ޕްރޮގުރާމެއް އުފައްދައި ހުށަޅައި ދެއްވާފައެވެ.
އެމަނިކުފާނުގެ މަޤުބޫލުކަން ލިބިގެންދިޔަ ޕްރޮގުރާމުތަކުގެ ތެރޭގައި "ބާއްޖަވެރި ހެނދުނެއް" ޕްރޮގުރާމާއި، ކުޑަކުދިންނަށް ޚާއްސަކޮށްގެން ރޯދަމަހު ގެނެސްދިން ރޯދަ ކުރުކުރުން ޕްރޮގުރާމާއި، "ނެގި ގާގަނޑެއް" ޑްރާމާ ހިމެނެއެވެ. މި ޕްރޮގުރާމުތައް އުފައްދައި ހުށަހަޅުއްވަމުން ގެންދެވިއިރު ސީދާ އިބްރާހިމް މަނިކުގެ ބެއްލެވުމުގެ ދަށުންވެސް އަޑުގެ ހިންގުމަށާއި ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
އިބްރާހިމް މަނިކަކީ ރޭޑިއޯގެ ޚިދުމަތުގައި އުޅުއްވަމުން ޤައުމީ އެކި ކަންކަމުގައިވެސް ބައިވެރިވެވަޑައިގެން މަސައްކަތް ކުރެއްވި ޚިދުމަތްތެރިއެވެ. އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ޤައުމީ ލަވަ ހެއްދެވުމާއި، ޤައުމީ އެކި މުނާސަބަތާއި ގުޅޭ ޕްރޮގުރާމު އުފެއްދުމަކީވެސް އިބްރާހިމް މަނިކު ޚާއްސަ އިސްކަމެއް ދެއްވި މަސައްކަތްތަކެކެވެ. އިބްރާހިމް މަނިކަކީ މިޔުޒިކާއި ލަވަކިޔުން ކުރިއެރުވުމުގެ ރޮނގުން 1996 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ލިބަޑައިގެންފައިވާ ބޭފުޅެކެވެ.
ބްރޯޑްކާސްޓިންގ ދާއިރާގެ އިތުރުން، އެ މަނިކުފާނަކީ މިނިސްޓަރ އޮފް ޔޫތު، ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކަމުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. އޭގެފަހުން، ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓްގެ ޗެއަރމަންކަމުގެ މަގާމުވެސް ފުރުއްވިއެވެ. 6 އޮގަސްޓު 2008 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ދިވެހި ދައުލަތުގެ މިނިސްޓަރުކަމުގެ މަގާމުގައެވެ.