ކުޅިވަރު

މެސީގެ 1000 ވަނަ މެޗުން މޮޅުވެ އާޖެންޓީނާ ކުއާޓާއަށް


ލިއޮނެލް މެސީގެ ކެރިއަރުގެ 1000 ވަނަ މެޗުން މޮޅުވެ، ފީފާ ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފިއެވެ.

ގަތަރުގެ އަޙްމަދު ބިން އަލީ ސްޓޭޑިއަމްގައި އޮސްޓްރޭލިއާ އާއި ދެކޮޅަށް އާޖެންޓީނާއިން ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން އޮސްޓްރޭލިއާއިން ވަނީ އާޖެންޓީނާއަށް ހަމަލާއެއް އުފައްދަން ފުރުސަތެއް ނުދީ ވަރަށް ރަނގަޅަށް ކުޅެފައެވެ. އެކަމަކު މެޗުގެ 35 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލިބުނު ފުރުސަތުގައި އެ ޓީމަށް ލީޑު ނަގައިދިނީ މެސީ ޖަހައިދިން ލަނޑުންނެވެ. މިއީ މެސީ ވޯލްޑް ކަޕުގެ ނޮކްއައުޓް މެޗެއްގައި ލަނޑު ޖެހި ފުރަތަމަ މެޗެވެ. އަދި މި ލަނޑާއެކު މެސީ ވަނީ ވޯލްޑް ކަޕުގައި ޖުމްލަ ނުވަ ލަނޑު ޖަހާފައެވެ.

މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާއިން ކުރިއަށް ޖެހި ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މިއީ އޮސްޓްރޭލިއާގެ ކީޕަރު މެޓް ރަޔާން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އަލްވަރޭޒް ޖަހައިދިން ލަނޑެކެވެ.

އެކަމަކު އޮސްޓްރޭލިއާއިން ވަނީ މެޗުގެ 77 ވަނަ މިނެޓުގައި ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މިއީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒާއި، މެސީއަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މެޗުގެ ފަހު މިނެޓުގައި އޮސްޓްރޭލިއާއަށް އެއްވަރުކޮށްދޭން ގަރަން ކުއޯލް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްއެވެ.

މި ނަތީޖާއާއެކު މި މަހު ނުވަވަނަ ދުވަހު އާޖެންޓީނާއިން ކުއާޓާގައި ނުކުންނާނީ، އެމެރިކާ ބަލިކޮށް ކުއާޓާއަށް ދަތުރުކުރި، ނެދަލަންޑްސްއެވެ.