ޚަބަރު

ރޭޑިއޯ ޕްރެޒެންޓަރަކަށް ވާން ބޭނުންވާ ފަރާތްތަކަށް މިއޮތީ އެ ފުރުޞަތު


ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ ސިލްސިލާ މުބާރާތް "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން"ގެ ސީޒަން 5 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިފަހަރުގެ މުބާރާތަށްވެސް ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ.

"ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން" އަކީ ރޭޑިއޯ ޕްރެޒެންޓިންގގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ މުބާރާތެކެވެ. އަދި މިއީ މި ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އެންމެ ވާދަވެރި އަދި އެންމެ ބޮޑު މުބާރާތެވެ.

ކުރީގެ ސީޒަންތަކެކޭ އެއްގޮތަށް މިފަހަރުގެ މުބާރާތުގައިވެސް ބައިވެރިވުމުގެ ފުރުޞަތު ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ވަނީ ހުޅުވާލާފައެވެ. މިފަހަރުގެ މުބާރާތުގެ އޮޑިޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުރުން ޖަޖުންނަށް ރަނގަޅު ބައިވެރިން 2 ވަނަ އޮޑިޝަނަކަށް ހޮވާނެއެވެ. އަދި މުބާރާތް ފަށާނީ 2 ވަނަ އޮޑިޝަނުން ފަނޑިޔާރުން ހޮވާ ގަދަ 16 ބައިވެރިންނާއެކުއެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން 2023 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި ހިނގާ ޑިސެމްބަރމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އެސް.އެމް.އެސް ކުރާނީ BRP ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، ނަން ޖެހުމަށްފަހު 300 އަށެވެ.


މުބާރާތަށް ހޮވޭ ބައިވެރިންނާއެކު މުބާރާތް ކުރިއަށް ގެންދާއިރު، ރޭޑިއޯ ޕްރޮގްރާމްތަކުގައި ހިމެނޭ ތަފާތު ފޯމެޓްތަކުގެ ހުށަހެޅުންތައް ބައިވެރިން ހުށަހަޅާނެއެވެ. އަދި މި ހުށަހެޅުންތަކަށް ބައިވެރިން ތައްޔާރު ވާނީ މި ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ކޯޗުންގެ އެހީތެރިކަމާއެކުއެވެ.

ފަނޑިޔާރުންގެ މާކްސްގެ އިތުރުން އެހުންތެރިންގެ ވޯޓުގެ %35 ހިމަނައިގެން ނަތީޖާ ނެރޭ މިމުބާރާތުގެ 1 ވަނައަށް މިފަހަރު ކަނޑައެޅިފައިވާ އިނާމަކީ 20،000 ރުފިޔާއެވެ. އަދި މުބާރާތުގެ 1 ވަނަ ބައިވެރިއާއަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި 1 އަހަރު ދުވަހު މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މުބާރާތުގެ 2 ވަނައަށް 15،000 ރުފިޔާ، އަދި 3 ވަނައަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ.

ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންއަކީ ރޭޑިއޯ ޕްރޮގްރާމް ހުށައެޅުމުގެ ދާއިރާއިން ކުރިއަށްދިއުމަށް ޝަޢުގުވެރިވާ ޒުވާނުންނަށް އެފުރުޞަތު ފަހިކޮށްދީ، އެފަދަ ޒުވާނުންގެ ހުނަރު ތަރައްޤީކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. 2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި މުބާރާތުގެ އެންމެ ޚާއްސަކަމަކީ މިއީ ދިވެހިރާއްޖޭގެ އަޑުން ޢާއްމުގޮތެއްގައި ކުރިއަށްގެންދާ މުބާރާތްތަކާ ޚިލާފަށް މުބާރާތުގެ ފަނޑިޔާރުންގެ އިތުރުން އެހުންތެރިންނަށްވެސް އިންސާފުކުރުމުގެ ފުރުޞަތު ލިބިގެންދާ މުބާރާތެއްކަމެވެ.

2018 ގެ ފަހުން ގާތްގަނޑަކަށް 3 އަހަރުގެ މެދުކެނޑުމަކަށްފަހު މުބާރާތުގެ 4 ވަނަ ސީޒަން ކުރިއަށްގެންގޮސްފައިވަނީ މިއަހަރެވެ. މިފަހަރުގެ މުބާރާތުން އެއްވަނަ ހޯދާފައިވަނީ ހދ. ކުރިނބީ މައިޝާ މުޙައްމަދުއެވެ.

ރިއަލިޓީ ޝޯވއެއްގެ ސިފައިގައި ކުރިއަށްގެންދާ މި މުބާރާތް ބައްޓަންކޮށްފައިވަނީ ކޮންމެ ހަފްތާއަކުވެސް މުބާރާތުގެ ބައިވެރިންނަށް ތަފާތު ފޯމެޓެއްގެ ހުށައެޅުމެއް ހުށައަޅަންޖެހޭ ގޮތަށެވެ. އެގޮތުން ރިޕޯޓް ހުށައެޅުމާއި، ޚަބަރު ކިޔުން، ވާހަކަ ކިއުން، އިންޓަރވިއުކުރުން، ރޭޑިއޯ ޑްރާމާ، އަދި ރަށަކަށް ގޮސް، ލޮކޭޝަން އިންޓަރވިއު ނެގުމާއި، ފޯން ލައިވް ޕްރޮގްރާމް ބައިވެރިން ހުށައަޅަންޖެހެއެވެ. މީގެ ކުރިން ބޭއްވި މި މުބާރާތުގެ 4 ސީޒަނަށްވެސް ބޮޑު ތަރުޙީބެއް ވަނީ ލިބިގެންގޮސްފައެވެ.

މުހައްމަދު

ތައުލީމު ފެންވަރަ ބަލާގެން ބާއްވާ މުބާރަތެއްބާ