ޚަބަރު

ރާއްޖޭގެ ވައި ނުސާފު، ރައްކާތެރިވާން އެދިއްޖެ


ރާއްޖެ ސަރަޙައްދުގައި ވައި ނުސާފުވެފައިވާތީ، ބޭރުގައި އުޅޭ ވަގުތު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އެދިއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖެ ސަރަޙައްދުގައި ވައި ނުސާފުވެފައިވަނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާތީ ހިމާލަޔަން ސަރަޙައްދުގެ ހިރަފުހާ ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާއި ހަމައަށް ފޯރަމުންދާތީކަމަށެވެ. މީގެ އަސަރު ބޮޑަށް ކުރަމުންދަނީ އުތުރަށާއި މެދުތެރޭގެ އަތޮޅުތަކަށް ކަމަށް މެޓް އޮފީހުން ބުނެއެވެ.

ވައި ނުސާފުވުމުގެ ސަބަބުން، ދުރު ފެންނަ މިންވަރު ވަނީ ދަށްވެފައެވެ. އެގޮތުން ކައިރި ރަށްރަށާއި ދިގު މަގުތަކަށް ބެލުމުން މިކަން ފެނެއެވެ.

ހިރަފުހާއި ދުމުގެ ސަބަބުން ނޭވާލުމުގައި މައްސަލައެއް ކުރިމަތިވެދާނެތީ ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ދުނިޔޭގެ ވައިގެ ސާފުމިން ވަޒަންކުރާ "އައި.ކިއު އެއަރ"އިން ވައިގެ ސާފުކަން ބަލަނީ 6 މިންކުރުމަކުންނެވެ. އެގޮތުން އެންމެ ގޯސްވާނީ އެއްވަނަ ދަރަޖައިގައެވެ.

މިންގަނޑުން ބަލާއިރު ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގެ ވައިގެ ތަޣައްޔަރުކަން ހުރީ 3 ވަނަ ދަރަޖައިގައެވެ.

މި މިންކުރުމުގައި ބުނާގޮތުގައި ރާއްޖޭގެ ބައެއް ހިސާބުތަކުގެ ވައިގެ ސާފުމިން މިވަގުތު ހުރީ ނާޒުކު ފަރާތްތަކުގެ ސިއްޙަތަށް ނުރަނގަޅު މިންވަރެއްގައެވެ. މިމިންކުރުމުން ބަލާއިރު ވައިގެ ސާފުކަން ހުރީ 101-150 ޔުނިޓާ ދެމެދުއެވެ. ވައިގެ ނުސާފުކަން އެންމެ ގޯސްކަމަށް ދައްކަނީ ކުޅުދުއްފުށީ ސިޓީ ހިމެނޭ ސަރަޙައްދުގައެވެ. އެ ސަރަޙައްދުގެ ވައިގެ ނުސާފުކަން ހުރީ 122 ޔުނިޓްގައެވެ.

މި ދަރަޖައިގައި ހުންނައިރު ޚާއްސަކޮށް ނޭވާލާ ނިޒާމު ނާޒުކު ހާލަތުގައި ހުންނަ މީހުންނަށް މައްސަލަ ދިމާވުމުގެ ނުރައްކާ އެބައޮތްކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެހެން މީހުންވެސް ބޭރުގައި އުޅުމުގައި ރައްކާތެރިވުމަށް ވަނީ އެދިފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން:

* ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލަރޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
* ބޭރަށް ނިކުންނަންޖެހޭ ހާލަތުގައި ރައްކާތެރި މާސްކު އެޅުން
* ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
* ތުއްތު ކުދިން ބޭރަށް ނުނެރުން
* ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
* ބޭރުގައި ކުޅިވަރު ކުރުމާއި ކަސްރަތު ކުރުން ފަދަ ކަންކަންކުރުން މަޑުޖައްސާލުން