ޚަބަރު

ޕިކްނިކް އައިލެންޑްގައި ވިޔަފާރި ހިންގުމާއި، ފެރީ ޚިދުމަތް ދޭނެ ބަޔަކު ހޯދަނީ


ކުޑަގިރި ޕިކްނިކް އައިލެންޑަށް ފެރީގެ ޚިދުމަތް ދިނުމާއި، އެތަނުގައި އާއްމު ވިޔަފާރިތަން ހިންގާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ. ޕިކްނިކް އައިލެންޑް މަޝްރޫޢުގައި މިހާރު ކުރަމުންދަނީ ރަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑަކީ މާލެ ސަރަޙައްދުން ދަތުރުދާނެ ރަށެއް ތަރައްޤީކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން ތަރައްޤީކުރި ރަށެކެވެ.

މިއީ މާލެ ކައިިރީ ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެން ތަރައްޤީކުރި ރަށެވެ. ރަށް ތަރައްޤީކުރުމުގެ ޢަމަލީ ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. ޕިކްނިކް އައިލެންޑަކުން ލިބެންވާ ހުރިހާ ޚިދުމަތްތަކެއް މިތަނުގައި ޤާއިމުކޮށްފައިވެއެވެ. އެގޮތުން މިރަށުގައި، ހަޓުތަކާއި ފާޚާނަބަރިތަކާއި އަދި މިސްކިތާއި ޔުޓިލިޓީގެ ހުރިހާ ޚިދުމަތްތަކާއި، ރަށުގައި އާއްމު ޚިދުމަތް ދޭނެ އެހެނިހެން ފެސިލިޓީތައްވެސް ވަނީ ޤާއިމުކޮށްފައެވެ. އަދި ރަށް ފެހިކުރުމަށް ގަސް ޖެހުމުގެ ގިނަ މަސައްކަތްތައްވެސް ވަނީ ނިިމިފައެވެ.

ޕިކްނިކް އައިލެންޑްގައި މިހާރު ކުރިއަށްދަނީ ރަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ. ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމާއި، ޕްރޮޖެކްޓް ހިންގުމުގެ މަސައްކަތް ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންނެވެ.

އެޗްޑީސީން މިވަނީ، ޕިކްނިކް އައިލެންޑްގައި އާއްމު ޚިދުމަތްތައް ދޭން ބޭނުންވާ ވިޔަފާރިތަކަށް ފުރުޞަތު ހުޅުވާލާފައެވެ. އަދި ރަށަށް ދަތުރުދިއުމަށް ފެރީގެ ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށްވެސް އިޢުލާންކޮށްފައެވެ.

ފުރުޞަތު ހުޅުވާލާފައިވަނީ ކުޑަގިރީގައި ކެފޭއެއް ހިންގުމާއި، ސްވެނިއަރ ފިހާރައަކާއި އަދި އާއްމު ތަކެތި ވިއްކާނެ ފިހާރައެއް ހިންގުމަށެވެ. މީގެ އިތުރުން ކުޑަގިރީގައި މޫދު ކުޅިވަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށްވެސް ވަނީ އިޢުލާންކޮށްފައެވެ. ފިހާރައާއި ކެފޭގެ ޚިދުމަތަށް ބޭނުންވާ އިމާރާތްތައް، ޕްރޮޖެކްޓްގެ ޕްލޭންގެ ތެރެއިން ވަނީ ހަދާފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ސައިޓް ވިޒިޓެއް އަންނަ ހޯމަ ދުވަހު ބާއްވާނެއެވެ. އެޗްޑީސީން މިކަމަށް ކޮށްފައިވާ އިޢުލާންގައިވާ ލިންކުން، ސައިޓް ވިޒިޓަށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ކެފޭއާއި ފިހާރަ އަދި ސްވެނިއަރ ފިހާރައާއި ވޯޓަރ ސްޕޯޓްސްގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 4އިން ފެށިގެން 8ވަނަ ދުވަހުގެ ނިޔަލަށެވެ.

އެޗްޑީސީން ދެން ހުޅުވާލާފައިވަނީ ޕިކްނިކް އައިލެންޑަށް ފެރީ ދޯނީގެ ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށެވެ. ޚިދުމަތް ދިނުމަށް އެޗްޑީސީން ހޯދަނީ، 50-70މީހުންގެ 2 ފެރީއާއި، 80-100މީހުންގެ ދެ ފެރީއެވެ.

އެޗްޑީސީން ވަނީ ފެރީގެ ޚިދުމަތް ބާއްވާ ގަޑިތައްވެސް އިއުލާންކޮށްފައެވެ. އެއީ ހެނދުނު، 06:30، 06:50 އަދި 07:10ގައެވެ. އަދި ހަވީރު ފެރީތައް 17:20، 17:40 އަދި 18:00ގައެވެ. ނަމަވެސް ޝެޑިއުލް ފައިނަލް ކުރާއިރު ބަދަލުތަކެއް އައުން އެކަށީގެންވާކަމަށް އެޗްޑީސީން ބުނެއެވެ.

ކުޑަގިރިއަކީ މާލެއާއި ކައިރި ރަށަކަށްވުމާއެކު ލޯންޗުގައި 08-10 މިނިޓުގެ ދަތުރަކުން ދެވޭނެއެވެ. އަދި ދޯނި ފެރީގައި 25-30 މިނެޓުގެ ދަތުރަކުން ދެވޭނެއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑަކީ ދަތުރުދިއުމަށް ޚާއްސަ ކޮންސެޕްޓަށް ރާއްޖޭގައި ތަރައްޤީކުރި ފުރަތަމަ ރަށެވެ. ސަރުކާރުން ހާމަކުރާގޮތުން، ޕިކްނިކް އައިލެންޑަކީ އެއްފަހަރާ 500އަށްވުރެ ގިނަ މީހުންނަށް ބޭނުންކުރެވޭނެ ކެޕޭސިޓީގެ ރަށެކެވެ.

ޕިކްނިކް އައިލެންޑް ހުޅުވުމުގެ ތާރީޚު ސަރުކާރުން ވަނީ ދެފަހަރެއްގެ މަތިން ފަސްކޮށްފައެވެ. ރަށް އާއްމުންނަށް ހުޅުވާލާނެ ތާރީޚެއް އަދި އިޢުލާންކޮށްފައެއް ނުވެއެވެ.