ޚަބަރު

10 އަހަރަށްފަހު ކުޅުދުއްފުށީ ރައްޔިތުންނަށް ހިތްހަމަޖެހުން، ރޯހައުސްތައް ހައްޤުވެރިންނަށް


އެތައް ޒަމާނެއް ވަންދެން ކުޅުދުއްފުށިގައި ނުނިމިހުރި ރޯހައުސްތަކުގެ މަސައްކަތް ނިންމާ، އޭގެ ޙައްގުވެރި ފަރާތްތަކާއި ރަސްމީކޮށް ޙަވާލުކޮށްފިއެވެ. ރޯހައުސް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރޯހައުސްތައް ކުޅުދުއްފުށީ ކައުންސިލާ ހަވާލުކުރެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ. އަދި ރޯހައުސްތަކާއި ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ފަރާތުން ޙަވާލުވެވަޑައިގަތީ އެސިޓީގެ މޭޔަރ މުޙައްމަދު އާޠިފްއެވެ.

ކުޅުދުއްފުށީގައި ތަރައްޤީކޮށްފައިވާ 165 ހައުސިންގ ޔުނިޓަކީ ކުޅުދުއްފުށީ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ މަސައްކަތެކެވެ. 2011 ވަނަ އަހަރު މަސައްކަތް ފެށިނަމަވެސް މިމަސައްކަތް ވަނީ ވަކި ހިސަބަކުން ހުއްޓިފައެވެ. އެތައް އަހަރެއް ވަންދެން މާޔޫސްކަމެއްގައި ތިބި ރައްޔިތުންނަށް އައު އުއްމީދެއް ލިބިގެންދިޔައީ މިސަރުކާރުން ރޯހައުސްތަކުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް ބަޔަކާއި ޙަވާލުކުރި ހިސާބުންނެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ރޯހައުސްތަކުގެ ޢަމަލީ މަސައްކަތްތައް ނިންމާ 60 ރޯހައުސްގައި މީގެ ކުރިން މީހުންވަނީ ދިރިއުޅެން ފަށާފައެވެ. ބާކީ 105 ރޯހައުސްގެ މަސައްކަތް ނިންމާ މިރޯހައުސްތައްވަނީ ޙައްގުވެރި ފަރާތްތަކާއި މިހާރު ޙަވާލުކޮށްފައެވެ.
2011 ވަނަ އަހަރު ކުޅުދުއްފުށީގައި ފެށި ރޯހައުސް ޢިމާރަތް ކުރުމުގެ މަޝްރޫޢު ފާއިތުވި ސަރުކާރުތަކުގައި މަޑުޖެހިފައި އޮތޮމަށްފަހު، އެ މަޝްރޫޢު މިސަރުކާރުން ނިންމުމާއި ގުޅިގެން ކުޅުދުއްފުށީ ރައްޔިތުން ދަނީ އެކަމުގެ ހިތްހަމަޖެހުން ފާޅުކުރަމުންނެވެ.


މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ރޯހައުސްތައް ރައްޔިތުންނަށް ދިނުމުގައި ކުޅުދުއްފުށީ ރައްޔިތުންގެ އިތުރުން، އެރަށަށް ޙިޖުރަކޮށްފައިވާ އެހެން ރަށްރަށުގެ މީހުންނަށްވެސް މަގުފަހިކޮށްދީފައިވުމަކީ ކައުންސިލުން ނިންމެވި މުހިންމު ނިންމެވުމެއްކަމަށެވެ.

"މިފްލެޓްތައް ދިނުމުގައިވެސް ތިބޭފުޅުންގެ ވިސްނުން ގެންގުޅުއްވިގޮތް. 40 ޕަސެންޓް މިރަށަށް ހިޖުރަށްކޮފައިތިބި އެހެން ރަށްރަށުގެ ފަރާތްތަކަށް، ދިނުމަށް. މިރަށް ތަރައްޤީވާނީ މިރަށަށް އެހެން މީހުންނަށް ދަޢުވަތުދީގެން. އީގެން އެއްވެސް ރަށެއް ތަރައްޤީއެއް ނުވޭ ހަމައެކަނި އެރަށުގެ ފަސްގަނޑުގައި ވިހާ ބޮޑުވި މީސްމީހުން ބަހައްޓައިގެން. މާލެ ތަރައްޤީކުރީ މުޅި ރާއްޖެގެ މީހުން އެތަނަށް ޖަމާވެގެން. މާފުށި ތަރައްްޤީވެފައި އެއޮތީ އެހެން މީހުން އައިސް ތަރައްްޤީކުރީމައި. އުކުޅަހަށްވެސް އެވަނީ އެހެން. ތިބޭފުޅުންގެ އެބަހުރި އެވިސްނުން. ތިބޭފުޅުންގެ ވިސްނުން ކޮށްޓެއްނޫން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.


ކުޅުދުއްފުށީގައި ތަރައްޤީކޮށްފައިވާ ރޯހައުސްތަކަށް ފަހުންވަނީ ރައްޔިތުން އެދޭފަދަ ބަދަލުތައް ގެނެސްގެން ޑިޒައިނަށްވެސް ބަދަލުތަކެއް ގެނެސްފައިކަމަށް ކުޅުދުއްފުށީ ކައުންސިލުން ފާހަގަކުރައްވައެވެ. އަދި މިމަޝްރޫޢު ނިމުނުއިރު އިތުރު 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.