ޚަބަރު

ކުޅުދުއްފުށީ ރައްޔިތުން އެދުނު ބަދަލު ފެރީގެ ޚިދުމަތަށް ގެންނާނަން: އަސްލަމް

ދަތުރުފަތުރުގެ ޤައުމީ ނިޒާމް، އާރުޓީއެލް ފެރީގެ ޚިދުމަތަށް ގެނައުމަށް ރައްޔިތުން އެދިފައިވާ ބަދަލުތައް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ދެއްވައިފިއެވެ. މިނިސްޓަރ މި ޔަޤީންކަން ދެއްވީ ޒޯން އެކެއްގައި ހިމެނޭ ކުޅުދުއްފުށި ސިޓީއާއި، ހަނިމާދޫއާއި ދެމެދު ދަތުރުކުރާ ފެރީގެ ޚިދުމަތަށް ބައެއް ބަދަލު ގެނައުމަށް ކުޅުދުއްފުށީ ރައްޔިތުން އެދިފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ކުޅުދުއްފުށީ ރައްޔިތުން ފެރީގެ ޚިދުމަތަށް ގެނައުމަށް އެދުނު އެއް ބަދަލަކީ، ފްލައިޓް ގަޑިއާ ދިމާކޮށް ކުޅުދުއްފުށިން ހަނިމާދޫއަށް ފެރީގެ ޚިދުމަތް ދިނުމަށެވެ.

ކުޅުދުއްފުށީގައި ޢިމާރާތްކޮށްފައިވާ ރޯހައުސްތައް ރައްޔިތުންނާއި ހަވާލުކުރުމަށް ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ އާރްޓީއެލް ފެރީގެ ޚިދުމަތަކީ ރައްޔިތުން ބާރުވެރިކުރުވައި، އަތޮޅުގެ ތަރައްޤީއަށް ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތްކަމަށެވެ.

އަތޮޅުތެރެގެ ތަރައްޤީކުރެވޭނީ ރަށްތައް ގުޅާލެވިގެންކަން ފާހަގަކުރައްވާ ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާޅުވީ އާރްޓީއެލް ފެރީގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި، އެމަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ. ސަރުކާރުން ކުރައްވާ ކޮންމެ ކަމެއްގައި ރައްޔިތުންގެ އަޑުއަހާނެކަން ފާހަގަކުރައްވާ މިނިސްޓަރވަނީ ކުޅުދުއްފުށީ ރައްޔިތުންގެ އެދުމާއެއްގޮތަށް އެރަށުން ހަނިމާދޫއަށް އާރްޓީއެލް ފެރީގެ ޚިދުމަތް ހަމަޖައްސަވާދެއްވާނެކަމަށް ވިދާޅުވެފައެވެ.

"ކޮންމެ ހަފްތާއަކު އާރްޓީއެލްގެ ޚިދުމަތްތަކާއި ގުޅޭ ބައްދަލުވުމެއް އެބަ ބާއްވަން. އެބައްދަލުވުމުގައި ކުޅުދުއްފުށީ ރައްޔިތުން އެދުނުގޮތަށް ހެނދުނު މިރަށުން ހަނިމާދޫއަށް ފެރީ ހަމަޖައްސައިދޭނަން، ތި އެދުމަށް އިޖަބަދޭނަން. މިސަރުކާރުން ރައްޔިތުންގެ އަޑުއަހާނެ، އެހެންވީމަ ފެރީގެ ދަތުރުތައް ހަމަޖެހިގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާޠިފް ވިދާޅުވީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ މިހާރު އެރަށުގެ އެއަރޕޯޓަށް ރޭގަނޑު ފްލައިޓުތައް ޖެއްސޭނެ އިންތިޒާމު ނެތުމާއި، ޝެޑިއުލް ފްލައިޓުތައް މަދުވުންކަމަށެވެ. އެހެންކަމުން އެންމެ ކައިރީގައި އޮތް ހަނިމާދޫ އެއަރޕޯޓަށް ދެވޭނެ އިންތިޒާމު މިހަރު އޮތް އާރްޓީއެލް ފެރީގެ ޚިދުމަތުގެ ތެރެއިން ފަހިވެގެން ދިޔުމަކީ ރައްޔިތުންގެ ބޮޑު އެދުމެއްކަމަށް މޭޔަރ ވިދާޅުވިއެވެ.

"ކައުންސިލްއަށް އަންނަ ވަރަށް ބޮޑު ރައްޔިތުންގެ އެދުމެއް، ފްލައިޓް ޝެޑިއުލްއާއި ދިމާވާގޮތަށް ކުޅުދުއްފުށިން ހަނިމާދޫއަށް އާރްޓީއެލް ފެރީ ހެނދުނު އޮންނާނެ ގޮތެއް ހަމަޖެހުމަކީ." މޭޔަރ ވިދާޅުވިއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތާއެކު ކުޅުދުއްފުށީގައި ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ފަހިވެ ރަށުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އައިސްފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވެއެވެ.

ކުޅުދުއްފުއްޓަކީ އުތުރުގެ މައި ހޮސްޕިޓަލް ޤާއިމުވެފައިވާ ރަށްކަމުން އެރަށަށް ގިނަ ބަޔަކު ސިއްޙީ ޚިދުމަތުގައި ބަރޯސާވެއެވެ. މީގެކުރިން ހަމައެކަނި ހަފްތާ ބަންދުގައި މީހުން ސިއްޙީ ފަރުވާއަށް ކުޅުދުއްފުއްޓަށް ދަތުރުކުރިނަމަވެސް އާރްޓީއެލް ފެރީއާއެކު ކޮންމެ ދުވަހަކު ސިއްޙީ ޚިދުމަތްހޯދުމަށް ދަތުރުކުރާ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ.