ޚަބަރު

ކުޅުދުއްފުށީގެ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެބުރުއަރީމަހު ފަށަނީ


ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރަން ހަމަޖެހިފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށްޓަވާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ކުޅުދުއްފުށީގައި ސަރުކާރުން ތަރައްޤީކުރި 165 ރޯހައުސް ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑިޒައިން އެންޑް ބިލް އުސޫލުން ކުޅުދުއްފުށީގައި ތަރައްޤީކުރުމަށް މިސަރުކާރުން ޢިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ މަސައްކަތް ހަވާލުކޮށްފައިވާ 400 ޔުނިޓުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޑިޒައިން ނިންމާ އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ބޯހިޔަވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ ވިދާޅުވީ، ކުޅުދުއްފުށީގައި މިވަގުތުވެސް 1200 އަށްވުރެ ގިނަ މީހުން ބޯހިޔާވަހިކަމަށް ބޭނުންވެފައި އެބަތިބިކަމަށެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރާއްޖޭގެ އެހެން ސަރަޙައްދުތަކެކޭވެސް އެއްފަދައިން ކުޅުދުއްފުށީގައިވެސް ކުރިއަށް ގެންދިޔުންކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"އަންނަ އަހަރުގެ ފެބްރުއަރީ މަހު 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށިގެންދާނެ. މިރަށަށް އިތުރު ހައުސިންގ ޔުނިޓު ގެންނާނަން. މިރަށުގައި 1200 އެއްހާމީހުން އެބަތިބި ބޯހިޔާވަހިކަން ބޭނުންވާ." މިނިސްޓަރ ވިދާޅުވިއެވެ.


މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވީ ކުޅުދުއްފުށީގައި ފަހުން ތަރައްޤީކުރި ރޯހައުސްތަކަކީވެސް ރައްޔިތުންނަށް ފަހި ތަންތަނުގެ ގޮތުގައި ހެދުމަށް ސަރުކާރާއި ވާހަކަދައްކައި ގިނަ ބަދަލުތަކެއް އެރޯހައުސްތަކަށް ގެނެސްފައިވާކަމަށެވެ. އަދި މިހާރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްރުވަމުންދާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތްވެސް ކުރިއަށްދަނީ ކައުންސިލުން ރައްޔިތުންނާއި މަޝްވަރާކޮށް، އެ ރައްޔިތުންގެ އަޑުއަހައިގެންކަމަށް މޭޔަރ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން މިހާރު ޙަވާލުކޮށްފައިވާ ފްލެޓުތަކުގެ މަސައްކަތްވެސް ނިންމާލާފައިވަނީ ރައްޔިތުން އެދޭފަދަ ބަދަލުތައް ގެނައުމަށްފަހުކަން މޭޔަރ ފާހަގަކުރެއްވިއެވެ.

"މިހާރު ތަަރައްޤީ ކުރަމުންދާ ތަންތަނުގައި 3 ކޮޓަރިއާއި 3 ފާޚާނާ އަދި ބަދިގެއާއި ސިޓިންގ ރޫމާއި ގުދަނެއްވެސް ހުންނާނެ. ދެފަހަރެއްގެ މަތިން މިހާރު ޑިޒައިންއާއި ގުޅޭގޮތުން ވާހަކަތައް ދެކެވި ޑިޒައިންތައް ކައުންސިލްއާއި ހިއްސާކުރައްވާފައިވޭ." މޭޔަރ ވިދާޅުވިއެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތަރައްޤީކުރާ މި 400 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.