ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން 3 މީހުން ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. އަތޮޅުގެ 2 ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންތަކުގެ ތެރެއިން ވެލިދޫގައި މިއަދު ހިންގި އޮޕަރޭޝަނުގައި 34 އަހަރުގެ އަންހެނަކު ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށެވެ.

ނޮވެމްބަރ 30 ވަނަ ދުވަހު މަނަދޫގައި ހިންގި އޮޕަރޭޝަނުގައި 26 އަހަރުގެ އަންހެނަކާއި 45 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 9 ސެލޯފިންކޮޅު ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. ޅޮހި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތު ދެ މީހުންނަށްވެސް ދީފައިވެއެވެ.

މި ދެ އޮޕަރޭޝަންވެސް ހިންގާފައިވަނީ އިންޓެލިޖެންސާއި، ޑްރަގް އެންފޯސްމަންޓް އަދި ނ. އަތޮޅު ފުލުހުން ގުޅިގެންނެވެ. މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.