ޚަބަރު

ޖޭއެސްސީގައި ސިޔާސީ މީހުން ތިބެން ޢާންމުން ބޭނުމެއް ނުވޭ


ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިޞްލާހުކުރާއިރު، އެކޮމިޝަނުގައި ސިޔާސީ އެއްވެސް މީހަކު ތިބެން ބޭނުން ނުވާކަމަށް އާންމުން ބުނެފިއެވެ. ޖޭއެސްސީ އިސްލާހުކުރުމަކީ މި ސަރުކާރުގެ ވަޢުދެކެވެ. އެހެންކަމުން ޖޭއެސްސީ އިޞްލާހުކުރުމަށް ބޭނުންވާ ބިލު އެކުލަވާލުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ފަށާފައެވެ.

ޖޭއެސްސީ އިޞްލާހުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން އެ ކޮމިޝަނުން ވަނީ ކޯޓުތަކާއި، މަދަނީ ޖަމިއްޔާތަކާ ބައްދަލުކޮށް މަޝްވަރާކުރައްވާފައެވެ. އަދި ޖޭއެސސީ އިޞްލާހުކުރުމަށް އާންމުންގެ ޚިޔާލުވެސް ވަނީ ހޯދާފައެވެ. ޖޭއެސްސީން ވަނީ ކަމާގުޅުންހުރި ފަރާތްތަކާއެކު ކުރެއްވި މަޝްވަރާތަކާއި އާންމުން ހުށައެޅި ޚިޔާލުތައް މިހާރު އާންމުކުރައްވާފައެވެ.

އާންމުންނަށް ޚިޔާލު ހުށައެޅުމަށްހުޅުވާލި ފުރުސަތުގައި 115 މީހުން ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީފައެވެ. އޭގެ ތެރެއިން 91.3 އިންސައްތަ މީހުން ވަނީ ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ބުނެފައެވެ. އެމީހުން އެގޮތަށް ދެކޭ މައިގަނޑު 3 ސަބަބެއްވެއެވެ. ފުރަތަމަކަމަކީ ޖޭއެސްސީގެ ބައެއް މެމްބަރުންނަކީ ސިޔާސީ މުއައްސަސާތަކުގެ އެންމެ އިސްވެރިންނަށް ވުމުގެ ސަބަބުން އެކޮމިޝަނުގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު އޮތުމުގެ ފުރުސަތު ބޮޑުވުމެވެ. ދެވަނަ ކަމަކީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ދައުރު ބޮޑުވުމެވެ. އަދި ފަނޑިޔާރުން ބިރުވެރިކަމެއްގައި ތިބި ކަމަށް ވެސް އާންމުން ޤަބޫލުކުރެއެވެ.

މަޖިލީހުގެ ރައީސްއާއި އޭޖީ އުނިކުރުން


ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތުން އެ ކޮމިޝަނުގައި 10 މެމްބަރުން ތިއްބަވައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު، އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރި ޤާނޫނީ ވަކީލެވެ.

ޢާންމުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ބަންޑާރަ ނައިބު ޖޭއެސްސީގައި ތިއްބަވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. އެގޮތުން މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނަވަން ނުޖެހޭ ކަމަށް 87.8 އިންސައްތަ މީހުން ގަބޫލުކުރެއެވެ. އަދި ބަންޑާރަނައިބު ނުހިމަނައި ޖޭއެސްސީ އެކުލަވާލުމަށް 67 އިންސައްތަ މީހުން ތާއީދުކުރެއެވެ.

އޭޖީ އޮފީހުން ކޯޓުތަކާއި، ގާނޫނީ ވަކީލުންނާއި ވެސް ބައްދަލުކޮށް މަޝްވަރާތައްކޮށްފައިވާއިރު، އެ ބައްދަލުވުންތަކުގައިވެސް މިކަން ފާހަގަވެފައިވާކަން އޭޖީ އޮފީހުން އާންމުކުރި ކަރުދާހުގައި ވެއެވެ. މި މަޝްވަރާތަކުގެ ތެރެއިން ސުޕްރީމް ކޯޓާއި އެކު ބޭއްވި ބައްދަލުވުންތަކުގައި އެ ކޯޓުން ވަނީ ޖޭއެސްސީގެ މެމްބަރުން އައްޔަންކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އެކަމަށް އެކަށީގެންވާ އުސޫލެއް ބޭނުންވާކަން ބަޔާންކޮށްފައެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓަށް، ޖޭއެސްސީ އެކުލަވާލަން އެންމެ ރަނގަޅު ގޮތްކަމަށް ފެންނަ ދެ މޮޑިއުލެއްވެސް ހުށައަޅާފައިވެއެވެ. އެ ދެ މޮޑިއުލްގައިވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މެމްބަރު، އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އިންނެވުން ވަނީ އުނިކޮށްފައެވެ.

ސުޕީރިއަ ކޯޓުތަކާއި، ހައިކޯޓު އަދި މަދަނީ ޖަމިއްޔާތަކާއި އެކު ބޭއްވި ބައްދަލުވުންތަކުގައިވެސް ޖޭއެސްސީ އެކުލަވާލުމަށް އެފަރާތްތަކަށް ފެންނަ އެންމެ ރަނގަޅު ފޯމޭޝަނެއް ހުށައަޅާފައިވެއެވެ. އެގޮތުން މަޖިލީހުގެ ރައީސްއާއި މެންބަރަކު ޖޭއެސްސީގައި ހިމެނުމަށް އެފަރާތްތަކުންވެސް ތާޢީދުނުކުރެއެވެ. މީގެ އިތުރަށް ބައެއް ހުށަހެޅުންތަކުގައި ސިވިލް ސާރވިސް ކޮމިޝަންގެ ރައީސްވެސް އުނިކޮށްފައިވާއިރު، ބައެއް އެހެން މަގާމުތަކުގެ ބޭފުޅުން އިތުރުކުރުން ރަނގަޅުކަމަށް ވެސް ހުށަހަޅާފައިވެއެވެ. މިގޮތަށް ހުށަހަޅާ މައިގަނޑު ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އެ ކޮމިޝަނުން ސިޔާސީ ނުފޫޒު އުނިކުރުމެވެ.


ތުނިޔަ

ޖޭއެސްސީގައި ތިބޭމީހުންނަކީ ރަށްޔިތުންގެވޯޓަކުން ހޮވާ ފަސްއަހަރަށް އަށްޔަނުކުރާ ބަޔަކަށް ހެދުންވަރަށް މުހިތްމު ސިޔާސީ އެކަކުވެސް ޖޭއެސްސީގައި ތިބޭކަށް ރަށްޔިތުންބޭނުމެއްނުވޭ