ޚަބަރު

ނަރުހުންގެ އިޙްތިރާމް ފެނި ފަތުރުވެރިއަކު އޭދަފުށި ހޮސްޕިޓަލަށް ހަދިޔާކުރީ އަގުބޮޑު މެޝިނަރީސްތަކެއް!


ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ އެންމެންނަކީވެސް ސިއްޙީ ޙިދުމަތާ އެއްވަރަށް އިންސާނީ ޙިދުމަތްވެސް ފޯރުކޮށްދޭ ބައެކެވެ. އެކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ ކޯވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރުއެވެ. ސިއްޙީ ޙިދުމަތްތެރިން ފޯރުކޮށްދޭ ޙިދުމަތުން އެމީހުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފަރުވާދިނުމަށް ފަހު ދޫކޮށްލާ ބަލިމީހާގެ ފަރާތުން ލިބޭ އޯގާތެރި ބަސްތަކެވެ. އިތުރު އެއްވެސްކަމެއް ބަލިމީހާގެ ފަރާތުން ބޭނުމެއް ނުވާނެއެވެ.

ބ.އަތޮޅު ހޮސްޕިޓަލަށް ބަލިވެގެން ގެނައި ފަތުރުވެރިއަކު ނަރުހުންގެ ލޯބި ލިބި ފަރުވާއަށް ފުރައިގެން ދިޔައީ ނަރުހުން ބެހެއްޓި ގާތްކަމާއި ދިންފަރުވާ އަށް ޝުކުރު އަދާކޮށްފައެވެ. ނަމަވެސް އެ އޯގާތެރިކަމަށް ޝުކުރަކުން ފުއްދާލަން ފަތުރުވެރިޔާ ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ކޮންމެވެސް އަގުހުރި ހަދަޔާއެއް އެހޮސްޕިޓަލަށް ހަދިޔާކުރާށެވެ.

ސޮނޭވާފުށި ރިސޯޓަށް އައި މި ފަތުރުވެރިޔާ ހަދިޔާ ކުރީ ލޮލުގެ ފަރުވާއަށް ބޭނުންވާ މެޝިނަރީސްއެވެ. މިމެޝިނަރީސްގެ އަގަކީ ދެ ލައްކަ ރުފިޔާއެވެ. މި މެޝިނަރީސް އިންސްޓޯލްކުރުމާއެކު، ބ.އަތޮޅު ހޮސްޕިޓަލުގައި ރަސްމީކޮށް ލޮލުގެ ފަރުވާދޭ ޔުނިޓެއް ޤާއިމްކޮށް އެ ޙިދުމަތްދޭން ވަނީ ފަށާފައެވެ.

މިކަން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސާވިސް މުހައްމަދު ރަޝީދު ވިދާޅުވީ ނަރުހުންނާ މުވައްޒަފުން ދިން އޯގާތެރި ހިދުމަތުގެ ސަބަބުން ފައިދާވީ ސިއްޙީ ދާއިރާއަށާއި މުޅި އަތޮޅުގެ ރައްޔިތުންނަށްކަމަށެވެ.

"މީ މުވައްޒަފުންގެ އަޅާލުމާ ލޯބި މިތަނަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ ފަރާތްތަކަށް ދޭކަން ދައްކުވައިދޭ މިސާލެއް ވަކިން ހާއްސަކޮށް ނަރުހުންގެ ފަރާތުން އެ ފަތުރުވެރިޔާއަށް ދިން އެޙީތެރިކަމަކީ އެމީހާ ނުހަނު އިޙްލާސްތެރިކަމާއެކީ ބަލައިގަތްކަމެއް. އަދި އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން މިހޮސްޕިޓަލަށް އެންމެ ބޭނުންވަނީ ކޯންޗެއްތޯ އެހީ.. އަގުގެ ގޮތުން ކިތަންމެ ބޮޑުނަމަވެސް އެކަން ކޮށްދެއްވާނެކަމަށް އެފަތުރުވެރިޔާ ބުނުމުން ހޮސްޕިޓަލުން ބޭނުންވީ ލޮލުގެ ޙިދުމަތަށް ބޭނުންވާ މެޝިނަރީޒް ހޯދުމަށް މިހާރު އެކަން މިވަނީ ހާސިލްވެފައި" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސޮނޭވާފުށި ރިސޯޓަށް އައި އިނގިރޭސިވިލާތުގެ މި ފަތުރުވެރިޔާ މިހާރުވެސް ހޮސްޕިޓަލުގެ ކަންކަން ބަލަމުންދާކަމަށެވެ. އަދި ސިއްޙީ ދާއިރާގެ ހިދުމަތްތެރިންގެ އަގު މިވަރުންވެސް ވަޒަން ނުކުރެވޭކަމަށާއި، އަދިވެސް ހޮސްޕިޓަލުގެ ކުރިއެރުމަށާއި ވަސީލަތް އިތުރުކޮށް ފުޅާކޮށްދިނުމަށް އެޙީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އެފަތުރުވެރިޔާދޭކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ހިދުމަތް ދޭން ފެށީ މިއަހަރު ޖުލައިމަހުގެ ތެރޭގައެވެ. އެޙިދުމަތް މިއަދާހަމައަށްވެސް ފޯރުކޮށްދެމުންއައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބޭނުންކޮށްފައި ހުރި މެޝިނަރީސް ބޭނުންކޮށްގެންނެވެ. އޭރު ހަމައެކަނި ދެމުންއައީ ލޮލުގެ ކުދިކުދި ފަރުވާތަކެވެ. އާމެޝިނަރީސްއާއެކު ޑިޖިޓަލްކޮށް ލޯ ބަލާ، ލޮލުގެ ނަމްބަރު ނެގުމާއި ލޮލުގެ އެހެނިހެން ފަރުވާތައް ފޯރުކޮށްދެވޭނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ނަރުހުން ބެހެއްޓި އޯގާތެރިކަމާއެކު ފަތުރުވެރިޔަކު ހަދިޔާކުރި މެޝިނަރީސްއާއެކު ލޮލުގެ ފަރުވާއަށް އަތޮޅުން ބޭރަށް ރައްޔިތުން ކުރަން ޖެހުނު ދަތުރު މިވަނީ ނިމުމަކަށް އައިސްފައެވެ. އަދި އެކަމަށް ކުރަމުން ދިޔަ ހޭދަވެސް ކުޑަވެގެންދާނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. ކުރިން ނުލިބޭ އެތައް ޙިދުމަތެއް މިހާރު އެހޮސްޕިޓަލުން އަންނަނީ ލިބެމުންނެވެ. އެހެން ކަމުން ސަަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ސިއްޙީ ހިދުމަތް ހޯދުމަށް ރައްޔިތުން ކުރާހޭދަ ބ.އަތޮޅުގެ ރައްޔިތުންނަށް މިހާރު ކުޑަވެގެން ދާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ބ.އަތޮޅު ހޮސްޕިޓަލަކީ ސިއްހީ ހިދުމަތުގެ ލެވަލް ދޭއްގެ ހޮސްޕިޓަލެކެވެ. އެހޮސްޕިޓަލުން އަބަދުވެސް ބަލަނީ އެތަނަށް ފަރުވާހޯދުމަށް އަންނަ ފަރާތްތަކަށް އެންމެ ރަނގަޅު އަވަސް ޙިދުމަތެއް ފޯރުކޮށްދިނުމަށެވެ. އެގޮތުން ލެވަލް ދޭއްގެ ހޮސްޕިޓަލަކުން ފޯރުކޮށްދޭ ޙިދުމަތްތަކާއި އެއްވަރަށް ވަސީލަތް ހޯދުމަށް ކެނޑިނޭޅި ސަރުކާރާ ޖަމްއިއްޔާ ޖަމާއަތްތަކާއި ރިސޯޓްތަކާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ދަތުގެ ފަރުވާއަށް ބޭނުންވާ ޑެންޓަލް ޑިޖިޓަލް އެކްސްރޭގެ ޙިދުމަތްވެސް އެރަށުގައި އޮންނަ ޖަމްއިއްޔާއެއްކަމަށްވާ ދަ ބިގިނާސް (ޓީބީ)ގެ އެޙީތެރިކަމާއެކު މިހާރުވަނީ ފުޅާކޮށްފައެވެ. މީގެ އިތުރުން މިދިޔަ މަހު އެހޮސްޕިޓަލުން ދޭންފެށި އެންމެ މުހިންމު އެއްޙިދުމަތަކީ ޑައިލިސިސްގެ ޙިދުމަތެވެ.