ޚަބަރު

ތިލަމާލެ ބްރިޖްގެ މަސައްކަތް: އެއްގަމުގައި ޖަހާ ތަނބުގެ މަސައްކަތް ނިމިއްޖެ


ތިލަމާލެ ބްރިޖްގެ މަސައްކަތުގައި މާލޭގައި އެއްގަމުގައި ޖަހާ ތަނބުގެ މަސައްކަތް ނިމިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ރިވިއު ކުރުމަށް ބާއްވަމުންދާ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގް ކޮމިޓީގެ 5ވަނަ ބައްދަލުވުން އަންގާރަ ދުވަހު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައިވަނީ ޕްރޮޖެކްގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރާއި، އަދި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ ޓައިމްލައިންތަކާއި ގުޅޭގޮތުން މަޢުލޫމާތު ބަދަލުކޮށް، މަޝްވަރާ ކުރައްވާފައެވެ.

މި ކޮމިޓީއާއި، ޕްރޮޖެކްޓްގެ ޓީމް މެންބަރުން ވަނީ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ޒިޔާރަތްކޮށް، މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އެގޮތުން މާލޭގައި އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތްތަކާއި މޫދުގައި ޓެސްޓް ތަނބު ޖެހުމަށް ކުރިއަށްދާ މަސައްކަތް ހިނގަމުންދާގޮތްވެސްވަނީ ބައްލަވާލައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މިޕްރޮޖެކްޓާއި ހަވާލުވެހުންނެވި ޕްރޮޖެކްޓް މެނޭޖަރ މުހައްމަދު ޖިނާން ވިދާޅުވީ، މާލޭގައި އެއްގަމުގައި ޖަހާ ބްރިޖްގެ ކޮންކްރީޓް ތަނބުގެ މަސައްކަތް ނިިމިފައިވާކަމަށެވެ. މި މަސައްކަތް ނިމިފައިވަނީ މިދިޔަ ހަފްތާގައިކަމަށެވެ. މިއީ ޓެސްޓް ޕައިލިންގެ މަސައްކަތަށްފަހު، މި ޕްރޮޖެކްޓްގައި ދާއިމީކޮށް ޖެހި ފުރަތަމަ ތަނބެވެ.

އަދި މިހާރު ވަނީ މޫދުގައި ޖަހާ ތަންބުތައް ޖެހުމުގެ ކުރިން، ޓެސްޓް ތަނބު ޖެހުމަށްވެސް ތައްޔާރުވެފައެވެ. މިއަށް ބޭނުންވާ ސްޓީލް ސްޓްރަކްޗަރ ވަނީ ހަދާފައެވެ.

ބްރިޖްގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ. ރަސްމީކޮށް މި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރަޙިމް މުޙައްމަދު ޞާލިޙު މިއަހަރުގެ އޮގަސްޓް މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، އެއްބަސްވުމުގައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ. ފުރަތަމަ ބައިގައި ހިމެނޭ މާލެއިން ގުޅީފަޅާ ހަމައަށް ގުޅާލުމުގެ ހުރިހާ މަސައްކަތެއް 2023 ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާނެއެވެ. މާލެއިން ވިލިމާލެއަށް ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށްވަނީ އެއްބަސްވުމުގައި ހިމަނާފައެވެ.

ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކިން ރޯޑް ތަކެކެވެ.

މުޅި މި މަޝްރޫޢުއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ތިލަމާލެ ބްރިޖްގެ މުޅި މަޝްރޫޢު ނިމޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ.