ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތް އަންނަ ހަފްތާއަށް ނިންމަނީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތް އަންނަ ހަފްތާއަށް އެއްކޮށް ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިމަޝްރޫޢުގެ ދަށުން މިހާރު ކުރަމުން އަންނަނީ މަގުތަކުގެ ބައްތި ހަރުކުރުމާއި ބައެއް ދުވާރުތަކުގައި ގައު އެޅުމުގެ މަސައްކަތްތައްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހުޅުމާލެއަކީ ސަރުކާރުން މާސްޓަރޕްލޭނަކާއެކު ތަރައްޤީކުރަމުން އަންނަ ސްމާޓް ސިޓީއެކެވެ. ފޭސް އެކެއްގައި 2004 ވަނަ އަހަރު މީހުން އާބާދުވީ އެފިޔަވަހީގައިވެސް މީހުން އާބާދުވާން އެންމެ ފުރަތަމަ ޕްލޭން ކުރި ސަރަޙައްދުތަކުގެ މަގުތައް ތަރައްޤީކުރަން ފެށުމަށް ފަހުގައެވެ. ފުރަތަމަ ފިޔަވައްސާއި ޚިލާފަށް ދެވަނަ ފިޔަވަހީގައި އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ މަގު ހެދުމުގެ މަޝްރޫޢެވެ. އިތުރު އެއްވެސް މަޝްރޫޢެއްގެ މަސައްކަތް ދެވަނަ ފިޔަވަހީގައި ފެށީ ތަރައްޤީކުރަން ޕްލޭންކޮށްފައިވާ ހުރިހާ މައި މަގުތަކުގެ މަސައްކަތްތައް ނިންމުމަށްފަހުފައެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތް ޑިސެމްބަރުމަހު އެއްކޮށް ނިމޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިމަސައްކަތުގެ 96 އިންސައްތަ މަގުތައް އެއްކޮށް މިހާރު ނިމިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ސީނިއަރ ޓްރާންސްޕޯޓް ޕްލޭނަރ އާދަމް އަމީން ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ މަސައްކަތްތައްކަމަށެވެ.

"މިހާރު ކުރިއަށްދަނީ ދެވަނަ ފިޔަވަހީގައި އަލަށް ތަރައްޤީކުރަމުންދާ އެކި މަޝްރޫޢުތަކާއެކު ޤާއިމުކުރަންޖެހޭ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް. މިކަމުގަވެސް އެންމެ ފަހުގެ މަރުަޙަލާގައި ބައެއް މަގުތަކުގައި ލައިޓްސް އަދި ޕޭވްމަންޓްގައި ގައު އެޅުމުގެ މަސައްކަތްކުރިއަށްދަނި." އާދަމް އަމީން ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައިވަނީ 17 ކިލޯ މީޓަރުގެ މަގުތައް ތަރައްޤީކޮށްފައެވެ. އެއީ މީހުން އަބާދުވުމުގެ ކުރިން ތަރައްޤީކޮށްފައިވާ އެފިޔަވަހީގެ މައި މަގުތަކެވެ. މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ވަނީ އަލަށް ތަރައްޤީކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިމެނޭ ސަރަޙައްދުގެ މަގުތައް ތަރައްޤީކޮށްފައެވެ. މީގެތެރޭގައި ހިޔާ ފްކެޓްތައް އަދި ސަރުކާރު ކުންފުނިތަކުގެ ފްލެޓުތައް ތަރައްޤީކޮށްފައިވާ ސަރަޙައްދު ހިމެނެއެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދަނީ އިތުރު މަޝްރޫޢުތަކާއެކު އަލަށް ތަރައްޤީކުރަންޖެހޭ މަގުތައްކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވެ މަހުން މަހަށް އާބާދީ އިތުރުވަމުންދާއިރު ހުޅުމާލޭގެ މީހުން ދިރިއުޅޭ ދެފިޔަވަހީގެ އާބާދީ މިހާރު ގާތްގަނޑަކަށް 90000އަށް އަރާނެކަމަށް އެޗްޑީސީގެ އެންމެ ފަހުގެ އަންދާޒާއެވެ.